ސްޕެއިންގެ ކުޅިވަރުގެ ކަންކަން ނިންމާ އެންމެ މަތީ މަޖިލިސް، ސްޕްރީމް ސްޕޯޓްސް ކައުންސިލުން ބާސެލޯނާގެ ދެ ކުޅުންތެރިން ގަވާއިދުން ބޭރުން ރަޖިސްޓަރީކޮށްދިން މައްސަލަ ސްޕެނިޝް ލީގުން އިސްތިއުނާފުކޮށްފިއެވެ.
ސްޕެނިޝް ލީގުން އެދުނީ ބާސެލޯނާގެ ޑެނީ އޮލްމޯ އާއި ޕައު ވިކްޓަރ އަށް މި ސީޒަނުގައި ނުކުޅެވޭގޮތަށް އެ ލީގާއި ސްޕެނިޝް ފުޓްބޯޅަ ފެޑަރޭޝަނުން ނިންމިގޮތް އަލުން އިއާދަކޮށްދިނުމަށެވެ. އެއީ މި ދެ ކުޅުންތެރިން ސްކޮޑުގައި ރަޖިސްޓަރާ ކުރަން ބޭނުންވާ މާލީ ޖާގަ މިހާރު ބާސެލޯނާ އަށް ނެތްކަމަށް ބުނެ އެވެ. ނަމަވެސް މި މައްސަލާގައި ސްޕެނިޝް ލީގުން މި ގޮތަށް އެދުމުގެ ކުރިން ބާސެލޯނާގެ ހުށަހެޅުމަށް ޖަވާބުދެމުން ސްޕްރީމް ސްޕޯޓްސް ކައުންސިލުން ނިންމާފައިވަނީ މާލީހާލަތު ތަންނުދިން ނަމަވެސް މި ދެ ކުޅުންތެރިންނަށް އެންމެ މަދުވެގެން މި ސީޒަނުގެ ނިޔަލަށް ކުޅެވޭނެ ކަމަށެވެ.
ހޯމަ ދުވަހު ސްޕެނިޝް ލީގުން ކޯޓަށް ވެއްދި މި މައްސަލަ އަދި ތާވަލެއް ނުކުރެ އެވެ. އަދި މި މައްސަލާގައި ބާސެލޯނާއިން ބުނަނީ ސްޕެނިޝް ލީގުގެ އަމަލުތައް ހުރި ގޮތުން ހައިރާންވާ ކަމަށެވެ. އަދި މިއީ ގަސްތުގައި ބާސެލޯނާއާ ދެކޮޅަށް ސްޕެނިޝް ލީގުން ކުރާ ކަމެއް ކަމަށެވެ.
ސްޕެނިޝް ލީގުން މިހާރު މައްސަލަ ޖައްސަނީ ބާސެލޯނާއިން ޖެނުއަރީ މަހު ހުށަހެޅި ހިސާބުތަކުގައި އެކުލަބުން ވީއައިޕީ ބޮކްސްތަކެއް 100 މިލިއަން ޔޫރޯ އަށް ވިއްކާލި ނަމަވެސް ބުނި ނަމަވެސް މާލީ ހިސާބުތަކުގައި އެވާހަކަ ބުނެފައިނުވާ މައްސަލަ އެވެ. މިހެންވެ ބާސެލޯނާގެ މުސާރައިގެ ލިމިޓް ވެސް ސްޕެނިޝް ލީގުން ވަނީ ދަށްކޮށްފަ އެވެ.
ބާސެލޯނާގެ ރައީސް ކަމަށް ޖޯން ލަޕޯޓާ ވަޑައިގެންނެވި ފަހުން ސްޕެނިޝް ލީގާއެކު އޮތް ގުޅުން ރަނގަޅެއްނޫނެވެ. އެއީ ވާދަވެރި ރެއާލް މެޑްރިޑުގެ ރައީސްއާއެކު ޔޫރަޕިއަން ސުޕަ ލީގު އުފައްދަން މަސައްކަތް ކުރުމާއި ސްޕެނިޝް ލީގުން ބޭނުންވި ޓީވީ ރައިޓްސް އެގްރީމަންޓްތަކުގައި ސޮއި ނުކުރުމުންނެވެ.
ސްޕެނިޝް ލީގުގެ ރައީސް ހާވިއާ ޓަބޭސް ވަނީ އެ ލީގުން ބޭނުންވާ ނަމަ އޮލްމޯ އާއި ވިކްޓަރ އަށް ނުކުޅެވޭ ގޮތް ހެދިދާނެ ކަމަށް މިދިޔަ ފެބްރުއަރީ މަހު ބުނެފަ އެވެ.
ސްޕެނިޝް ލީގުން އޮލްމޯ އަށް ސީޒަނުގެ ފަހު ބައިގައި ކުޅުމުގެ ހުއްދަ ނުދޭން އެންމެ ފުރަތަމަ ނިންމީ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާ ހަމައަށް ކުޅުންތެރިޔާގެ ރަޖިސްޓަރީގެ ކަންކަން ފުރިހަމަ ނުކުރުމުންނެވެ. އެ ތާރީހަށް ބާސެލޯނާ އަށް ރަޖިސްޓްރޭޝަން ނުނިންމުނީ އެ ކުލަބުގެ މާލީ ތަނަވަސްކަން އަޑިއަޅާލާފައި އޮތުމުން ކުޅުންތެރިޔާ ރަޖިސްޓަރީ ކުރުމަށް މާލީ ގޮތުން ބޭނުންވާ ޖާގަ ނުލިބުމުންނެވެ. ބާސެލޯނާ އަށް މިކަން ހައްލު ކުރެވުނީ އެކުލަބުގެ ދަނޑުގެ ވީއައިޕީ ބައެއް ބޮކްސްތައް ވިއްކާލައިގެން ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހު އެވެ.
މިއަށްފަހު ބާސެލޯނާގެ ހުށަހެޅުން ގަބޫލުކޮށް އޮލްމޯ ރަޖިސްޓަރ ކުރެވުނީ އެކަމަށް ސްޕޭނުގެ ސްޕްރީމް ސްޕޯޓްސް ކައުންސިލުން ހުއްދަ ދިނުމުންނެވެ. ސްޕޭނުގެ އެންމެ ކުޅިވަރުގެ ކަންކަން ނިންމާ އެންމެ މަތީ ފަރާތުން މި ހުއްދަ ދިނީ ދަށު ކޯޓުތަކުންނާއި ސްޕެނިޝް ލީގާއި ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުން އޮލްމޯ އާއި ޕައު ވިކްޓަރ ރަޖިސްޓަރ ކުރަން ދެކޮޅު ހަދާފައިވަނިކޮށެވެ.
ސްޕްރީމް ސްޕޯޓްސް ކައުންސިލުން ބުނީ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ނުލިބުމަކީ ކުޅުންތެރިޔާ އާއި ކުލަބަށާއި ސްޕޭނުގެ ގައުމީ ޓީމަށް ވެސް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށެވެ. މިހެންވެ ސްޕެނިޝް ލީގާއި ފެޑަރޭޝަނުގެ ނިންމުން ސަސްޕެންކޮށް، ކުޅުމުގެ ފުރުސަތު ދިނުމަށެވެ.