ވިޔަފާރި

ދައުރު ފުޅާކޮށް ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަންޖެހޭ


ޤައުމެއްގެ އިޤްތިޞާދު ކުރިއެރުވުމުގައި ވިޔަފާރި ކުންފުނިތަކަކީ މުހިއްމު ދައުރެއް އަދާކުރާ ބަޔަކަށްވާއިރު، ކުންފުނިތަކުގެ ހިންގުން ހަރުދަނާ ވާންޖެހޭ ކަމަށް އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭއިން އިންތިޒާމްކުރައްވައިގެން، ހުޅުލޭ އައިލެންޑް ހޮޓެލްގައި މިއަދު ފެށި އެއްދުވަހުގެ މަސައްކަތު ބައްދަލުވުން ހުޅުއްވައިދެއްވަމުންނެވެ.

 "ވޯކްޝޮޕް އޮން ކޯރޕަރޭޓް ގަވަރނަންސް ފޯރ ޓްވެންޓީ ފަސްޓް ސެންޗަރީ ލީޑަރސް" ގައި42 ފަރާތުން ބައިވެރިވެފައިވާއިރު، މި މަސައްކަތު ބައްދަލުވުމުގައި ކިޔަވައިދެއްވާނީ ނަސްދަކް ދުބާޢީ އެކަޑެމީގެ، ކޯޕަރޭޓް ގަވަރނަންސް ދާއިރާގެ ތަޖްރިބާކާރެއް ކަމަށްވާ ޝެރޯން ޑިޗްބާރންއެވެ.

މި މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ވިދާޅުވީ ބޮޑެތި ކުންފުނިތަކަށް އަންނަ ލޮޅުންތައް މުޅި އިޤްތިޞާދަށް އަރާކަމަށާއި އެ ސަބަބުތަކަށްޓަކައި ކުންފުނިތައް ޒިންމާދާރުކަމާއެކު ހިންގުމުގެ މުހިއްމުކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކޯރޕަރޭޓް ގަވަރނަންސް ކޯޑަކަށް ޢަމަލުކުރުމަކީ މުހިއްމުކަމެއްކަންވެސް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވަނީ ފާހަގަކުރައްވާފައެވެ.

ސީއެމްޑީއޭއިން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯއްދަވާފައިވާ ކުރިއެރުންތައް ޒިޔަތުވަނީ  ފާހަގަކުރައްވާފައެވެ. އެގޮތުން ސީއެމްޑީއޭއިން ކޯރޕަރޭޓް ގަވަރނަންސް ކޯޑެއް އެކުލައްވާފައިވާ ކަމަކީ ފާހަގަކޮށްލަންޖެހޭ ކަމެއް ކަމަށް ޒިޔަތު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސީއެމްޑީއޭގެ، ސީއީއޯ، އަޙުމަދު ނަޞީރުވެސް ވަނީ ކުންފުނިތަކުން ކޯރޕަރޭޓް ގަވަރނަންސްއަށް ޢަމަލުކުރުމުގެ މުހިއްމުކަމުގެ މައްޗަށް ވާހަކަދައްކަވާފައެވެ. އަދި ރާއްޖޭގެގިނަ ކުންފުނިތަކުން ކޯރޕަރޭޓް ގަވަރނަންސް ކޯޑަށް އަހުލުވެރިވުމަށް ސީއެމްޑީއޭގައި ރަޖިސްޓްރީވުމަށްވެސް ނަޞީރުވަނީ އެދިވަޑައިގެންފައެވެ.