މުނިފޫހިފިލުވުން

"ޓުއަރިޒަމް ފިލްމް ފެސްޓިވަލް - ވަރަށްވެސް އުއްމީދީ ފެސްޓިވަލެއް"


އިންޓަރނޭޝަނަލް ކޮމިޓީ އޮފް ޓުއަރިޒަމް ފިލްމް ފެސްޓިވަލް އަދި އެމް.އެމް.ޕީ.އާރ.ސީގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ "އިންޓަރނޭޝަނަލް ޓުއަރިޒަމް ފިލްމް ފެސްޓިވަލް 2016" ގައި 20 ޤައުމަކުން 200 އަށްވުރެ ގިނަ ފިލްމް ބައިވެރިކޮށްފައިވެއެވެ. މީގެ ތެރޭގައި ދިވެހި 7 ފިލްމެއްވެސް ހިމެނެއެވެ.

މި ފިލްމް ފެސްޓިވަލް ވެގެންގޮސްފައިވަނީ ދިވެހި ފިލްމް އިންޑަސްޓްރީއަށްވެސް ވަރަށް އުއްމީދީ ފެސްޓިވަލަކަށެވެ. ސަބަބަކީ މިކަން އިންތިޒާމްކުރި ފަރާތުން ދިވެހި ފިލްމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކަށްވެސް ފެސްޓިވަލްގައި ބައިވެރިވުމަށް ދަޢުވަތުދީ، އެފަރާތްތަކާއި ބޭރުގެ މަޝްހޫރު ފިލްމް ޕްރޮޑިއުސަރުންނާއި، ޑައިރެކްޓަރުން ބަދަލުވެ، ތަޖުރިބާ ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާތީއެވެ.

img:http://s1.psmnews.mv/images/660x400/14682586572979.jpg|"އިންޓަރނޭޝަނަލް ޓުއަރިޒަމް ފިލްމް ފެސްޓިވަލް"ގެ ތެރެއިން - ފޮޓޯ: ދަ ސަން ސިޔާމް އިރުފުށި

ސަން ހޮޓެލްސް އެންޑް ރިސޯޓްސް ގްރޫޕްގެ ފަރާތުން ޕީ.އެސް.އެމްއާއި ވާހަކަދައްކަވަމުން އެތަނުގެ ބިޒްނަސް ޑިވެލޮޕްމަންޓް ޑިރެކްޓަރ، އީވްގޭނިއާ ބޮޔަންކޯވާ ވިދާޅުވީ، ފިލްމް އިންޑަސްޓްރީއަށް އަމާޒުކޮށްގެން ރާއްޖޭގައި މިފަދަ ފެސްޓިވަލެއް ބޭއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީވެސް ރާއްޖޭގެ ފިލްމް އިންޑަސްޓްރީ ބޮޑަށް ޙަރަކާތްތެރިކުރުވާ، އެދާއިރާގައި އޮންނަށް ވާދަވެރިކަން މިހާރަށްވުރެ އިތުރުކުރުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ފެންވަރު ރަނގަޅު ފިލްމްތަކެއް އުފެއްދުމުގެ ފުރުޞަތު ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ. 

މިއީ މިފަދަ ފެސްޓިވަލެއް ރާއްޖޭގައި ބޭއްވޭ ފުރަތަމަ ފަހަރުކަމުން، ދިވެހި ފިލްމްތައް ބައިވެރިކުރި އަދަދު މަދުވިނަމަވެސް، އުއްމީދަކީ ކުރިއަށް އޮތްތާނގައި ދިވެހި ފިލްމްތައް ބައިވެރިކުރާ ނިސްބަތް އިތުރުވުން ކަމަށް އީވްގޭނިއާ ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14682585402248.jpg|"އިންޓަރނޭޝަނަލް ޓުއަރިޒަމް ފިލްމް ފެސްޓިވަލް"ގެ ތެރެއިން - ފޮޓޯ: ދަ ސަން ސިޔާމް އިރުފުށި

ރާއްޖޭގެ ފިލްމް އިންޑަސްޓްރީ ކުރިއެރުވުމަށް ސްޓޭޓް މީޑިއާގެ ހައިސިއްޔަތުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިމިނަތު ޝާޔަން ޝާހިދު ވިދާޅުވީ، މުނިފޫހިފިލުވުމުގެ ދާއިރާއާއި ބްރޯޑްކާސްޓިންގެ ދާއިރާ ތަރައްޤީކުރުމުގައި ޕީ.އެސް.އެމްގެ ފަރާތުން އަބަދުވެސް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމަށެވެ. 

ދިވެހި ފިލްމީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތަމްރީނުގެ ފުރުޞަތުތައް މަދުވުންކަން ފާހަގަކުރައްވަމުން ޝާޔަން ވިދާޅުވީ، ޕީ.އެސް.އެމުން އުފައްދާފައިވާ "މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް"އިން ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ކޯސްތަކެއް ވަރަށް އަވަހަށް ފެއްޓުމަށް ހަމަޖެހިފައިވާކަމަށެވެ.

img:http://s3.psmnews.mv/images/660x400/14682586746588.jpg|"އިންޓަރނޭޝަނަލް ޓުއަރިޒަމް ފިލްމް ފެސްޓިވަލް"ގެ ތެރެއިން - ފޮޓޯ: ދަ ސަން ސިޔާމް އިރުފުށި

މި ފެސްޓިވަލާއި ގުޅޭގޮތުން ދިވެހި ފިލްމް އިންޑަސްޓްރީގައި މަސައްކަތްކުރާ ބައެއް ފަރާތްތަކާއި ވާހަކަދައްކާލުމުން، މިއީ އެފަރާތްތަކުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއްކަން އެނގެއެވެ. ވަކިން ޚާއްސަގޮތެއްގައި މިއީ ދިވެހި އުފެއްދުންތައް، ބައިނަލްއަޤްވާމީ ދުނިޔެއަށް ދައްކާލުމަށް ހުޅުވިގެންދިޔަ އިތުރު ދޮރެއްކަން އެފަރާތްތަކުން ފާހަގަކުރެއެވެ. އަދި މިފަހަރުގެ ފެސްޓިވަލް ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑަށް އަމާޒުކުރިނަމަވެސް، ކުރިއަށްއޮތްތަނުގައި ތަފާތު ނަންނަމުގައި މިފަދަ ފިލްމް ފެސްޓިވަލްތައް ބޭއްވިގެންދިޔުން، އެއީ ދިވެހި ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކުން ކުރާ އުއްމީދެކެވެ.

ސަން ސިޔާމް އިރުފުށީގައި މިމަހުގެ 10އަކުން 12 އަށް ކުރިއަށްގެންދިޔަ މި ފެސްޓިވަލަކީ މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ފެސްޓިވަލެކެވެ. މި ފެސްޓިވަލްގައި ދުނިޔޭގެ ބައެއް މަޝްހޫރު ސެލެބިރިޓީންނާއި، ފިލްމް ޕްރޮޑިއުސަރުންނާއި، ޑައިރެކްޓަރުން ބައިވެރިވެފައިވެއެވެ. އަދި  ބޭރުގެ ބޮޑެތި ބައެއް ޓީވީ ޗެނަލްތަކާއި، ނިއުސް ޗެނަލްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން، މެގަޒިން ލިޔުއްވާ ފަރާތްތަކާއި، މަޝްހޫރު ބައެއް ޖާރނަލިސްޓުންވެސް މި ފެސްޓިވަލުން ފެނިގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި ސަރަޙައްދީ ބައެއް ޤައުމުތަކުގެ އިތުރުން، ޗައިނާ، ރަޝިޔާ، ކްރޮއޭޝިއާ، ޕޮލެންޑް، އަދި އެމެރިކާ ފަދަ ޤައުމުތަކަށް ނިސްބަތްވާ ފަރާތްތައްވެސް ހިމެނުނުކަން ފާހަގަކޮށްލެވެއެވެ.