ޝަރުޢީ ދާއިރާއިން މީޑިއާތަކާއެކު ފާހަގަކުރައްވާ "ޝަރުޢީ ދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކް" ގެ ތައްޔާރީތައް ފަށްޓަވައިފިއެވެ.
ޝަރުޢީ ދާއިރާ ވާންޖެހޭނީ، މީޑިއާއާ ރަޙްމަތްތެރި، މީޑިއާއަށް ހުޅުވާލެވިފައިވާ އަދި މީޑިއާގެ މިނިވަންކަމަށް އިޙްތިރާމްކުރާ ދާއިރާއަކަށް ކަމަށް، ފަނޑިޔާރުންގެ މަހާސިންތާ 2016 ނިންމެވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ވަނީ ވިދާޅުވެފައެވެ. މިއާއެކު މީޑިއާތަކާއި، މީޑިއާގެ ބެލެނިވެރި އިދާރާތަކާއި، ޝަރުޢީ ދާއިރާ ގުޅިވަޑައިގެން މަސަކަތްކުރެއްވުމުގެ މާޙައުލެއް އުފެއްދެވުމަށްވެސް އުއްތަމަ ފަނޑިޔާރު އެދި ވަޑައިގެންފައިވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިހާރު މިވަނީ، "ޝަރުޢީ ދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކް" ގެ ނަމުގައި އަންނަ މަހުގެ 17 ން ފެށިގެން ޙަރަކާތްތަކެއް ހިންގެވުމަށް ނިންމަވައި، އެކަމުގެ ތައްޔާރީތައް ފަށްޓަވާފައެވެ.
މި އޯޕަން ހައުސް ވީކާ ގުޅޭގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އެސިސްޓަންޓް ލީގަލް އޮފިސަރ ފައިސަލް އާދަމް ވިދާޅުވީ، "ޝަރުޢީ ދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކް" ގައި މީޑިއާތަކުގެ ބެލެނިވެރި ފަރާތްތަކާއި، މީޑިއާތަކާއެކު ޚާއްޞަ ބައްދަލުވުންތައް ބާއްވަވައި މަޝްވަރާތަކެއް ކުރައްވާނެކަމަށެވެ. އަދި މިމަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި މަސައްކަތްކުރައްވާނީ ޝަރުއީދާއިރާގެ ޚަބަރުތައް އެކަށީގެންވާ ގޮތުގައި މީޑިއާތަކުން ގެނެސްދިނުމާގުޅޭ ގޮތުންނާއި، ޝަރުޢީ ދާއިރާއިން އެކަމުގައި ވެދެއްވޭނެ އެހީތެރިކަމާ ގުޅޭ ގޮތުންކަމަށެވެ.
މި މިއޯޕަން ހައުސް ވީކްގައި ކޯޓްތަކުގެ އިސް ފަނޑިޔާރުންނާއި މީޑީއާތަކާ ދެމެދު ބައްދަލުވުމެއް ބާއްވަވާނެއެވެ. އަދި ކޯޓުތަކުން ހުއްދަދެއްވާ ގޮތެއްގެ މަތީން ކޯޓުތަށް ވީޑިއޯކޮށް ފޮޓޯ ނެގުމުގެ ފުރުޞަތު ދެއްވާނެއެވެ. މީގެ އިތުރުން އެންމެ ޚާއްޞަ ވެގެންދާނީ،ޝަރުޢީ ދާއިރާގެ ޚަބަރާއި، މަޢުލޫމާތު ގެނެސްދިނުމުގައި މީޑިއާގެ ވަޞީލަތްތަކުން މިހާރު ޢަމަލުކުރަމުން އަންނަ ގޮތްތަކަށް ރިޢާޔަތްކޮށް، މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށާއި، ބިނާކުރަނިވި މީޑިއާގެ ވެއްޓެއް ޤާއުމުކުރުމަށް މީޑިއާގެ ފަރާތްތަކަށް ބާއްވަވާ މަސައްކަތު ބައްދަލުވުންކަމަށް ފައިސަލް ވިދާޅުވިއެވެ.
ތަފާތު ހަ ޙަރަކާތެއް ރާއްވަވާފައިވާ، "ޝަރުޢީ ދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކް" ގެ ކޮންމެ ހަރަކާތެއްގެ މީޑިއާކަވަރރޭޖަށް ފުރުސަތުދެއްވުމަށް ވަނީ ހަމަޖެހިފައެވެ.