ސިއްހަތު

ޞިއްޙީ ދާއިރާގެ ފަންނީ ބޭފުޅުންނަށް ޚާއްޞަ ކޮންފަރެންސެއް


ރާއްޖޭގެ ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ފަންނީ ބޭފުޅުންނަށް ޚާއްޞަކުރައްވައިގެން ފުރަތަމަ ފަހަރަށް ބާއްވަވާ ބައިނަލްއަޤްވާމީ ކޮންފަރެންސް މިއަދު ފަށްޓަވައިފިއެވެ.

މި ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޖުމްލަ 160 މަންދޫބުން ބައިވެރިވެވަޑައިގަނެއެވެ. "އެވިޑެންސް ބޭސްޑް ޕްރެކްޓިސް ޗެމްޕިއަންސް މޯލްޑިވްސް" ގެ ނަމުގައި މިއަދު ބަނޑޮސް އައިލޭންޑް ރިސޯޓްގައި ފެށި މި ކޮންފަރެންސަކީ އައިޖީއެމްއެޗްގެ 5 ނަރުހަކު އިސްނަގައިގެން އިންތިޒާމް ކުރި ކޮންފަރެންސެކެވެ.

ފަހުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، ބޭސްފަރުވާ ކުރުމާއި ބެހޭ މަޢުލޫމާތު ހިއްސާކޮށް، އެފަދަ ގޮތްތަކެއް ދެނެގަތުމުގެ ބޭނުމުގައި ބާއްވާ މި ކޮންފަރެންސްގައި ޖުމްލަ 160 ބައިވެރިން ބައިވެރިވެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ހޮސްޕިޓަލުތަކުން 100 މަންދޫބުންނާއި، ރާއްޖެއިން ބޭރުގެ 60 ބައިވެރިން ހިމެނެއެވެ.

img:http://s4.psmnews.mv/images/660x400/14684261691338.jpg|އެވިޑެންސް ބޭސްޑް ޕްރެކްޓިސް ޗެމްޕިއަންސް މޯލްޑިވްސް ކޮންފަރެންސްގެ ތެރެއިން-

މި ކޮންފަރެންސް ހުޅުއްވައިދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯރޓްސް އިރުތިޝާމް އާދަމް ވަނީ ނަރުހުންތަކެއް އިސްނަގައިގެން މިފަދަ ބައިނަލްއަޤްވާމީ ކޮންފަރެންސެއް ބާއްވާތީ އެކަމަށް މަރުޙަބާ ވިދާޅުވެ، ނަރުހުންގެ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި ފާއިތުވި ދެއަހަރު ދުވަހުގެ ތެރޭގައި ޞިއްޙީ ދާއިރާ ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ކުރެއްވި  މަސައްކަތްތައް ކާމިޔާބު ކުރުމުގައި، ނަރުހުން ވަރަށް ބޮޑު ދައުރެއް އަދަކުރެއްވިކަން އިރުތިޝާމް ފާހަގަކުރެއްވިއެވެ.

މާދަމާގެ ނިޔަލަށް ކޮންފަރެންސް ކުރިޔަށް ދާއިރު، މީގެ ތެރެއިން ތަފާތު 4 ވޯކްޝޮޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި، ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރު ކުރިއަރުވާ، އިތުރު ގިނަ ދިރާސާތައްކޮށް، ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައި ނަރުހުންނާއި ޑޮކްޓަރުން އަދި އެނޫން ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކުން ޞިއްޙީ ޚިދުމަތް ދިނުމުގައި ޢަމަލުކުރާގޮތްތައް ދެނެގަނެ އެފަރާތްތަކުގެ ފެންވަރު ތަރައްޤީކުރުމާއި ބެހޭ ވޯކްޝޮޕްތައް ހިމެނެއެވެ. އަދި ރާއްޖެއާއި ބޭރުގެ ފަހުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ބައިވެރިން އެކުލަވާލާފައިވާ ދިރާސާ ކަރުދާސްތައް ހުށައަޅާ އޭގެ މައްޗަށް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެވިޑެންސް ބޭސްޑް ހެލްތު ޗެމްޕިއަން މޯލްޑިވްސްއިން ބުނެއެވެ.

މި ކޮންފަރެންސްގައި ރާއްޖެ ހިމެނޭގޮތަށް 7 ޤައުމަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި، އޮސްޓްރޭލިއާ، އެމެރިކާ، ނެދަލެންޑްސް، ސައުދިއަރަބިޔާ، އިންޑިއާ، އިންޑޮނޭޝިއާ ހިމެނެއެވެ. އަދި މީގެ ސިލްސިލާ ކޮންފަރެންސްތަކެއް މުސްތަޤްބަލުގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އެވިޑެންސް ބޭސްޑް ހެލްތު ޗެމްޕިއަން މޯލްޑިވްސް އިން ބުނެއެވެ.