ޚަބަރު

ކަނޑު މަތީގައި އޮތް އަންހެނަކު، ފުލުހުން ސަލާމަތް ކުރައްވައިފި


މާލެއާއި ވިލިމާލެއާ ދެމެދު ކަނޑަށް އެރިއުޅުނު އަންހެނަކު ފުލުހުންގެ މަސައްކަތުން ސަލާމަތްކުރައްވައިފިއެވެ.

އެ އަންހެން މީހާ ސަލާމަތް ކުރައްވާފައިވަނީ، ވިލިމާލެއިން އަންހެނަކު އެކަނި މޫދަށް އެރިގެން މާލެއާ ދިމާލަށް ދާކަމަށް ބުނެ މިއަދު މެންދުރުފަހު 2:20 އެހާއިރު، ލިބުނު މަޢުލޫމާތަކާއި ގުޅިގެން ވިލިމާލޭގައި މަސައްކަތްކުރާ ފުލުހުން ކުރެއްވި މަސައްކަތުންނެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ އެސަރަޙައްދަށް ދިޔައިރު އެ އަންހެން މީހާ މާލެއާއި ވިލިމާލެއާ ދެމެދު ކަނޑު މަތީގައި އޮތް މަންޒަރު ފުލުހުންނަށް ފެނުމުން ވިލިމާލޭގައި މަސައްކަތްކުރާ ދެ ފުލުހުންގެ ތެރެއިން އެވަގުތު ޑިއުޓީގައި އުޅުނު ޕޮލިސް ކޯޕްރަލް މުޢާވިއަތު ނަޛީރު އާއި އެވަގުތު އޮފް ޑިއުޓީގައި އުޅުނު ޕޮލިސް ލ. ކޯޕްރަލް މުޙައްމަދު ނާފިޢު ވަނީ ވިލިމާލެ ފެރީ ޓާމިނަލްގެ އެހީތެރިކަމާއެކު ފެރީއެއްގައި އެ އަންހެން މީހާ އޮތް ސަރަޙައްދަށް ގޮސް ކަނޑަށް ފުންމާލުމަށްފަހު އަންހެން މީހާ ސަލާމަތްކުރިކަމަށެވެ.

އަންހެން މީހާ ސަލާމަތްކޮށް ފުލުހުންގެ ބެލުމުގެ ދަށުން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނުމަށް މިހާރުވަނީ ދޫކޮށްލާފައެވެ. 26 އަހަރުގެ މި އަންހެން މީހާއާ ޖެންޑަރ މިނިސްޓްރީން މިހާރު ވަނީ ހަވާލުވެފައެވެ.