ޚަބަރު

ރައީސް އޮފީހުގެ ޚަރަދުތައް ކުރައްވާފައިވަނީ ޤާނޫނާ އެއްގޮތަށް


މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުރިހާ ޚަރަދެއްވެސް ކުރައްވާފައިވަނީ މާލިއްޔަތު ޤާނޫނާއި، ދައުލަތުގެ މާލިއްޔަތު ޤަވާއިދާއި އެއްގޮތަށްކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރައްވައިފިއެވެ.

ޤާނޫނު އަސާސީ ލާޒިމްކުރާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެއާއި ރައީސުލް ޖުމްހޫރިއްޔާގެ ނާއިބުގެ ރަސްމީ ގޭގެ ޚަރަދުތައް ބަލަހައްޓައި ހިންގުމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މަސްއޫލިއްޔަތެކެވެ.

މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރައްވާފައިވާ ޚަރަދުތަކަށް ބެއްލެވުމަށްފަހު އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ސޮއިކުރައްވާ ނެރުއްވާފައިވާ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެއާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ރަސްމީ ގޭގެ މާލީ ކަންކަން ހިންގާ ބަލަހައްޓަފައިވަނީ، ދައުލަތުގެ މާލިއްޔަތު ޤާނޫނާއި އެއްގޮތަށް ކަމަށެވެ. އަދި އެތަންތަނަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވި ބަޖެޓްގެ މަޤްޞަދު ހާޞިލްވާގޮތަށް، ބަޖެޓްގައި ކަނޑައެޅިފައިވާކަންތައްތައް، ބަޖެޓްގައި ކަނޑައެޅިފައިވާ މިންވަރަށް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ޚަރަދުތައް ކުރައްވާފައިވާކަން އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކުރައްވާފައި ވަނީ އެންމެ މައްސަލައެކެވެ. އެއީ ހަރުމުދަލުގެ ރަޖިސްޓްރީ އެންމެ ފުރިހަމައަށް ބަލަހައްޓަފައިނުވުމެވެ. އެހެންކަމުން ހަރުމުދަލުގެ ދަފްތަރު ލިޔެ ބަލަހައްޓަމުން ގެންދިއުމަށް އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައިވެއެވެ.