ސިއްހަތު

ރާއްޖޭގައި ޑެންގީ ފެތުރޭ މިންވަރު ދަށް ވާން ފަށައިފި


މުޅިރާއްޖޭގައި ޑެންގީ ފެތުރޭ މިންވަރު ދަށްވަމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ - އެޗް.ޕީ.އޭ-އިން ވިދާޅުވެއްޖެއެވެ. 

ޑެންގީ ފެތުރޭ މިންވަރާ ގުޅޭ ގޮތުން އެޗްޕީއޭއިންނެރެފައިވާ ނޫސް ބަޔާނުގައި ވިދާޅުވެފައިވަނީ ފާއިތުވި މޭމަހު ހަފްތާއެއްގެ ތެރޭ ރާއްޖޭގެ އެކި ހިސާބުތަކުން ޑެންގީގެ 106 ކޭސް ފެނިފައިވީނަމަވެސް، މި ޖުލައި މަހުގެ 3 ކުން 9 އަކަށް ފެނިފައިވަނީ ޑެންގީގެ 67 ކޭސް ކަމަށެވެ. 

ކޮންމެ އަހަރެއްގެ މިދުވަސްވަރު  ރާއްޖެއަށް ކުރިމަތިވާ ވިއްސާރަމޫސުމާ ދިމާކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުން ޑެންގީ ފެތުރޭ މިންވަރު އިތުރުވަމުންދެއެވެ.  އެހެން ނަމަވެސް މި ވޭތުވެދިޔަ 3 ހަފްތާގައި ރާއްޖޭގައި ޑެންގީ ފެތުރޭ މިންވަރު ދައްވަމުންދާކަމަށް އެޗް.ޕީއޭގެ ތަފާސް ހިސާބުތަކުންދައްކައެވެ. ތާފާސްހިސާބުން ދައްކާގޮތުން މިއަހަރު އެންމެ ގިނައިން ޑެންގީ ކޭސް ފެނިފައިވަނީ ހުސްވި  މޭއި 15 އިން 21 ހުގެ ނިޔަލަށެވެ . މިމުއްދަތުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުން ފެނިފައިވަނީ ޑެންގީ ގެ 106 މައްސަލައެވެ. އެހެންނަމަވެސް މިޖުލައިމަހުގެ  3 ކުން 9 އަކަށް ޑެންގީ ކޭސް ފެނިފައިވާ މިންވަރު 67 އަކަށް ދަށަށް ގޮސްފައިވެއެވެ.

ޑެންގީ ފެތުރޭމިންވަރު ރިކޯޑްތަކުން ޢާއްމު ގޮތެއްގައި މަދުކަމަށް ދެއްކި ނަމަވެސް  ރާއްޖޭގެ ބައެއް ރަށްތަކުން ޑެންގީގެ ކޭސްތައް އަދިވެސް ފެންނަމުންދާކަން އެޗްޕީއޭ އިން ފާހަގަ ކުރައްވައެވެ. ވެތުވެދިޔަ ހަފްތާގައި ޑެންގީ އެންމެ ގިނަކޭސްތަކެއް  ފެނިފައިވަނީ މާލެއާއި ހުޅުމާލޭގެ އިތުރުން ހއ އިހަވަންދޫގައާއި ލ އިސްދޫގައިކަމަށް އެޗް.ޕީ.އޭއިން މަޢުލޫމާތުދެއްވައެވެ. އަދިވޭތުދިޔަ 14 ދުވަހުގެ ތެރޭގައި ، ރާއްޖޭގެ އެކި ހިސާބުތަކުން 32 މީހަކަށް ޑެންގީ ޖެހިފައިވާކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއްވައެވެ . އަދި މި މުއްދަތުގެ ތެރޭގައި ހުޅުމާލެއިން11  ކޭސް އަދި ލ އިސްދޫއިން 12 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އެޗް.ޕީއޭއިން މަޢުލޫމާތުދެއްވައެވެ.

މިދުވަސްވަރު ޑެންގީ ފެތުރެމުންދަނީ ވިއްސާރަ ވުމާއި ރޯދަމަހާއި ގުޅިގެން ކުނިއުކާލުން އިތުރުވެ، ބައެއް ތަކެތީގައި ފެންހަރުލާފައި ހުރުމާއި މަދިރި އާލާވާގޮތަށް އުކާލެވިފައިވާ ކުނިބުނީ ގިނަވުމުގެ ސަބަބުންކަމަށް އެޗް.ޕީއޭއިން ފާހަގަ ކުރައްވައެވެ.  

ޑެންގީކޭސްތައް ފެންނަމުންދާ ރަށްރަށުގައި މަދިރި އާލާވާގޮތަށް ހުންނަތަންތަން ނައްތާލުމާއި، ފޮގް ކުރުމާއި ރައްޔިތުންނަށް ޑެންގީން ރައްކާތެރިވުމާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް އެޗްޕީއޭގެ  ލަފައާއެކު ރަށުކައުންސިލާއި ހެލްތްސެންޓަރުތަކާއި  ހޮސްޕިޓަލްތައް ގުޅިގެން ކުރިޔަށް ގެންދަވާކަމަށް އެޗް.ޕީއޭއިން މަޢުލޫމާތުދެއްވައެވެ.

ޑެންގީއިން ރައްކާތެރި ވުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމުކަމަކީ މަދިރި އާލާވުން ހުއްޓުވުމެވެ. މަދިރި އާލާވާ ތަންތަން ނައްތާލައި މަދިރިން ރައްކާތެރިވުމުގެ ފިޔަވަޅުތައް ދުރާލައި އެޅުމަށް އެޗް.ޕީ.އޭއިން ގެންދަވަނީ އިލްތިމާސް ކުރައްވަމުންނެވެ.