މުނިފޫހިފިލުވުން

"އިންޓަރނޭޝަނަލް ޓޫރިޒަމް ފިލްމް ފެސްޓިވަލް" ނިންމާލައިފި


ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި "އިންޓަރނޭޝަނަލް ޓޫރިޒަމް ފިލްމް ފެސްޓިވަލް" ނިންމާލައިފިއެވެ. 

މި ފިލްމް ފެސްޓިވަލް ނިންމާލުމުގެ ގޮތުން ވަނީ ޚާއްސަ އެވޯޑް ނައިޓެއް ބާއްވާފައެވެ. މި އެވޯޑް ނައިޓް ޝަރަފުވެރިކޮށްދެއްވީ ސަން ހޮޓެލްސް އެންޑް ރިޒޯޓްސް ގްރޫޕްގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދުއެވެ. img:http://s3.psmnews.mv/images/660x400/14682586746588.jpg|"އިންޓަރނޭޝަނަލް ޓުއަރިޒަމް ފިލްމް ފެސްޓިވަލް"ގެ ތެރެއިން - ފޮޓޯ: ދަ ސަން ސިޔާމް އިރުފުށި

އިންޓަރނޭޝަނަލް ޓުއަރިޒަމް ފިލްމް ފެސްޓިވަލް 2016 ގައި ހުރިހާ ގޮތަކުންވެސް އެންމެ ފާހަގަކޮށްލެވޭ ފިލްމްގެ އެވޯޑް ޚާސިލްކޮށްފައިވަނީ ތުރުކިވިލާތުން ބައިވެރިކޮށްފައިވާ ފިލްމް ކަމަށްވާ "ހޯމް އޮފް ޑާކޮއިޒް" އެވެ. ގްރޭންޑް ޕްރީ އެވޯޑްގެ ގޮތުގައި މި ފިލްމް ހޮވުމާއި ގުޅިގެން މި ފިލްމް އުފެއްދި ފަރާތަށް ވަނީ ބައެއް އިންޓަރނޭޝަނަލް ސިނަމާތަކުގައި ފިލްމް ޕްރިމިއަރކުރުމުގެ އިތުރުން، ނަން މަޝްހޫރު ބޮޑެތި ފިލްމް ފެސްޓިވަލްތަކުގައި މި ފިލްމް ބައިވެރިކުރުމުގެ ފުރުޞަތު ފަހިވެފައެވެ.

މިފަހަރުގެ ފިލްމް ފެސްޓިވަލްގައި ރާއްޖޭގެ ފަރާތުން 7 ފިލްމެއް ބައިވެރިކޮށްފައިވާއިރު، މި ފެސްޓިވަލްގައި ދިވެހި ފިލްމް އިންޑަސްޓްރީގައި ހަރަކާތްތެރިވަމުންދާ ބައެއް ފިލްމް ޕްރޮޑިއުސަރުންނާއި އެކްޓަރުން ބައިވެރިވެފައިވެއެވެ. ރާއްޖެ ހިމެނޭހެން ޖުމްލަ 20 ޤައުމަކުން 200 އަށްވުރެ ގިނަ ފިލްމް މި ފަހަރުގެ ފެސްޓިވަލްގައި ބައިވެރިކޮށްފައިވެއެވެ. ގްރޭންޑް ޕްރީ އެވޯޑްގެ އިތުރުންވެސް ތަފާތު 10 ކެޓެގްރީއަކުން އެންމެ ފާހަގަކޮށްލެވޭ 10 ފިލްމް ހުށައެޅި ފަރާތްތަކަށްވެސް މިހަފްލާގައި އެވޯޑްދީފައިވެއެވެ. img:http://s3.psmnews.mv/images/660x400/14682585402248.jpg|"އިންޓަރނޭޝަނަލް ޓުއަރިޒަމް ފިލްމް ފެސްޓިވަލް"ގެ ތެރެއިން - ފޮޓޯ: ދަ ސަން ސިޔާމް އިރުފުށި

ސަން ސިޔާމް އިރުފުށީގައި މިމަހުގެ 10އަކުން 12 އަށް ކުރިއަށްގެންދިޔަ "އިންޓަރނޭޝަނަލް ޓުއަރިޒަމް ފިލްމް ފެސްޓިވަލް" އަކީ މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ފެސްޓިވަލެކެވެ. އެގޮތުން މި ފެސްޓިވަލްގައި ދުނިޔޭގެ ބައެއް މަޝްހޫރު ސެލެބިރިޓީންނާއި، ފިލްމް ޕްރޮޑިއުސަރުންނާއި، ޑައިރެކްޓަރުން ބައިވެރިވެފައިވެއެވެ. ހަމައެހެންމެ ބޭރުގެ ބައެއް ބޮޑެތި ޓީވީ ޗެނަލްތަކާއި، ނިއުސް ޗެނަލްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން، މެގަޒިން ލިޔުއްވާ ފަރާތްތަކާއި، ބައެއް މަޝްހޫރު ޖާނަލިސްޓުންވެސް މި ފެސްޓިވަލްގައި ބައިވެރިވިއެވެ. މީގެ ތެރޭގައި ސަރަޙައްދީ ބައެއް ޤައުމުތަކުގެ އިތުރުން، ޗައިނާ، ރަޝިޔާ، ކްރޮއޭޝިއާ، ޕޮލެންޑް، އަދި އެމެރިކާ ފަދަ ޤައުމުތަކަށް ނިސްބަތްވާ ފަރާތްތައް ހިމެނެއެވެ.

"ފޮލޯ ދަ އީކުއޭޓަރ" މި ޝިއާރުގެ ދަށުން 3 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ފެސްޓިވަލްގައި، އެކި ޤައުމުތަކުން ބައިވެރިކޮށްފައިވާ ފިލްމްތައް ދައްކާލުމުގެ އިތުރުން، ދިވެހި ތާރީޙާއި ސަޤާފަތް ދައްކުވައިދޭ ފަދަ ހަރަކާތްތަކެއްވެސް ކުރިއަށްގެންގޮސްފައިވެއެވެ. އެގޮތުން ފިލްމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ އެކި ފަރާތްތަކާއިއެކު އޯޕަން ފޯރަމްއެއް ބާއްވާފައިވެއެވެ. މި ފޯރަމްގައި ރާއްޖޭގެ ފިލްމީ ދާއިރާ އުފެދިގެންއައި ގޮތާއި، އެ އިންޑަސްޓްރީ ތަރައްޤީވެފައިވާ ހިސާބު، އަދި ހުރި ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެވިގެންދިޔައެވެ. އަދި ޒަމާނީ ވަސީލަތްތަކާއެކު ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ޕްރޮމޯޓްކުރުމުގައި ފިލްމް އިންޑަސްޓްރީއަށް އަދާކުރެވިދާނެ ދައުރާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވިފައިވެއެވެ. މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރާއްޖޭގައި މި ފެސްޓިވަލް ބޭއްވުމަކީ އަމާޒެއްކަމަށް މިކަން އިންތިޒާމްކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ސަން ހޮޓެލްސް އެންޑް ރިޒޯޓްސް ގްރޫޕުން ބުނެއެވެ.