ޚަބަރު

ފ. ނިލަންދޫ ނަރުދަމާ ނިޒާމުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް މޭ މަހު ފަށަނީ


  • ފ. ނިލަންދޫ ނަރުދަމާ ނިޒާމަށް މައްސަލަތައް ދިމާވާތާ އަހަރުތަކެއްވަނީ ވެފައި

  • އަޕްގްރޭޑިންގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 2026ވަނަ އަހަރު

ފ. ނިލަންދޫގެ ނަރުދަމާ ނިޒާމަށް އެކި މައްސަލަތައް ދިމާވާތީ އެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް އަންނަ މެއި މަހު ފެށޭނެކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަޠީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ މިހެން ވިދާޅުވީ ނިލަންދޫގެ ނަރުދަމާ ނިޒާމު މައްސަލަޖެހި އޭގެ ސަބަބުން ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި، އެކަން ހައްލުކޮށްދެއްވުމަށް އެދި އެރަށު ރައްޔިތަކު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެން ދެއްވި ޖަވާބުގައެވެ.

ނިލަންދޫގައި ނަރުދަމާ ނިޒާމެއް ޤާއިމުކޮށްފައިވަނީ މީގެ 18 އަހަރު ކުރިންނެވެ. މި ނިޒާމު ޤާއިމުކޮށްފައިވަނީ 15 އަހަރު ދުވަހަށް އަމާޒުކޮށްގެންނެވެ. ވުމާއެކު މިހާރު އެ ނިޒާމަށް އަންނަނީ އެކި މައްސަލަތައް ދިމާވަމުންނެވެ. އޭގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާންޖެހެއެވެ. އެމްޑަބްލިޔުއެސްސީން މިހާރު މިވަނީ ނިލަންދޫގެ ނަރުދަމާ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ފަށާފައެވެ.

ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަޠީން މުޙައްމަދު ވިދާޅުވީ މިހާރު ނިލަންދޫގައި ޤާއިމުކޮށްފައިވަނީ ވެކިއުމް ނަރުދަމާ ނިޒާމެއް ކަމަށެވެ. މިފަދަ ނިޒާމުތަކަކީ ކުދި ހޮޅިތަކެއް މެދުވެރިކޮށް، ސެންޓްރަލް ޕްލާންޓަކަށް ނަޖިސް ދަމާ، އެ ޕްލާންޓުން ނަޖިސް ބޭރުކުރާ ގޮތަށް ފަރުމާކޮށްފައި ހުންނަ ނިޒާމެކެވެ.

އެހެން ކަމުން ނިލަންދޫގެ ނަރުދަމާގެ މައްސަލަ ޙައްލުކުރުމަށް، މުޅިން އައު ޒަމާނީ ނިޒާމެއް ޤާއިމްކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ލިމިޓެޓް އެމްޑަބްލިއުއެސްސީން ވަނީ ނިންމަވާފައެވެ.

އަލަށް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ގްރެވިޓީ ނަރުދަމާ ނިޒާމެއް ކަމަށާއި، ގްރެވިޓީ ނިޒާމަކީ އަޑިއަށްވާގޮތަށް ބޮޑެތި ހޮޅިތަކެއް އެޅުމަށްފަހު ނަޖިސް ބޭރުކުރާ ގޮތަށް ފަރުމާކޮށްފައި ހުންނަ ނިޒާމެކެވެ. މި ނިޒާމާއެކު މިހާރު ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް އަންނާނެކަމަށް މަޠީން ވިދާޅުވިއެވެ.

މަޠީން ވިދާޅުވީ ނިލަންދޫގެ އައު ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ޑިޒައިން މަސައްކަތް ކުރުމަށްޓަކައި ބޭނުންވާ ބިންތައް ކަނޑައެޅުމާއި ލޭންޑް ސަރވޭ ހެދުމާއި ޓޮޕޮގްރަފިކް ސަރވޭގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ޑިޒައިން ނިންމުމަށްފަހު ޔުޓިލިޓީ ރެގިޔުލޭޓަރީ އޮތޯރިޓީގެ ހުއްދަތަކާއި އީއައިއޭ ނިންމުމަށްފަހު މެއި މަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށޭނެކަމަށް މަޠީން ވިދާޅުވިއެވެ.

މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ފަހުކޮޅުއެވެ.