ޚަބަރު

"ޢީދު ހަވީރު"ގެ ހަރަކާތްތައް މިއަދުވެސް އޮންނާނެ


  • ހަރަކާތް އޮންނާނީ ޖުމްހޫރީ މައިދާނާއި، އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގައި

ފިޠުރު ޢީދާއި ގުޅުވައިގެން ބާއްވާ "ޢީދު ހަވީރު" މިއަދުވެސް އޮންނާނެއެވެ. މިހަރަކާތް އޮންނާނީ ޖުމްހޫރީ މައިދާނާއި، އިސްލާމީ މަރުކަޒު ހިމެނޭ ސަރަޙައްދުގެ އިތުރުން ސަލްޓަން ޕާކުގައެވެ.

ފިތުރު ޢީދާއި ގުޅުވައިގެން ބޭއްވި "ޢީދު ހަވީރު" އިތުރު 2 ދުވަހަށް ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވީ އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާއެކު ގިނަ ފަރާތްތަކުން އެކަމަށް އެދެމުން ދިއުމާ ގުޅިގެންނެވެ.

މިއީ ފަހުގެ ތާރީޚެއްގައި މާލޭގައި ފިޠުރު ޢީދެއް މިހާ ކުލަގަދަކޮށް އެއްތަނަކަށް ޖަމާވެ، އުފާފާޅުކޮށްލަން ލިބުނު އެންމެ އުފާވެރި ފުރުސަތެވެ. މިހަވީރަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.

ޢީދު ހަވީރަކީ ޤައުމީ ދިފާޢީ ބާރުން އިސްނަގައިގެން ސަރުކާރުގެ ބައެއް މުއައްސަސާތަކާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

އެކި އުމުރުފުރާގެ ކުދިންނާއި މީހުންވެސް ޝަޢުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާ ކުޅިވަރުތައް ހިމަނައިގެން އިންތިޒާމްކުރި މިހަރަކާތުގައި ރާއްޖޭގެ ކުރީގެ ސަޤާފަތް ދައްކާލުމާއި، ކުރީ ޒަމާނުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ވަނީ ދައްކާލާފައެވެ. އަދި ކުޑަކުދިންނާ ގުޅޭ ޒަމާނީ ކެރެކްޓަރތައްވެސްވަނީ ދައްކާލާފައެވެ.