ޚަބަރު

އިންޑިއާގެ އަސްކަރީ މަނަވަރެއް ރާއްޖެ އަތުވެއްޖެ


ދިވެހިރާއްޖޭގެ އިޤްތިސާދީ ކަނޑުގެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ސަވައިލަންސް ޕެޓްރޯލް ކުރުމަށް އިންޑިއާ އަސްކަރީ މަނަވަރެއް ރާއްޖެ އަތުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ "އައިއެންއެސް ސުނޭނާ" ނަމަކަށްކިޔާ މަނަވަރު ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނު ކަމަށާއި ރާއްޖެއަށް އިންޑިއާގެ މަނަވަރުކުރި މި ދަތުރަކީ އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ކުރިއަށްގެންދާ ޖޮއިންޓް ސާރވިސް ޕެޓްރޯލްގެ ދަށުން ކުރި ދަތުރެއް ކަމަށެވެ. މި ޖޮއިންޓް ސާރވިސް ޕެޓްރޯލަކީ ދިވެހިރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ފުރަތަމަ ސަވައިލަންސް ޕެޓްރޯލެވެ.

މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަޙައްދުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމަށް ހަމަޖެހިފައިވާ ކަމަށް އެންއެންޑީއެފް އިން ހާމަކުރައްވައެވެ. އައިއެންއެސް ސުނޭނާ ރާއްޖެކުރި ދަތުރު ނިންމާލުމަށްފަހު ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ. 

މީގެ އިތުރުން އިންޑިއާ އަސްކަރިއްޔާގެ ތަމްރީނާބެހޭ ވަފުދެއް ރާއްޖެއަށް މި ހަފްތާކުރި ޒިޔާރަތުގައި އެންއެންޑީއެފްއަށް އިންޑިއާ އަސްކަރިއްޔާއިން ތަމްރީނާއި އުނގެނުމުގެ ދާއިރާއިން ވެދެވިދާނެ އެހީތެރިކަމާބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.