ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މި އަހަރަށް 6.4 މިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ. ޓީޓީ އެސޯސިއޭޝަނުން ބޭއްވި އަހަރީ އާންމު ޖަލްސާގައި އެ އެސޯސިއޭޝަނުގެ ބަޖެޓު ފާސްކުރިއިރު، މި އަހަރުގެ ބަޖެޓުންވެސް ބޮޑު ބައެއް ދާނެ ކަމަށް ލަފާކޮށްފައިވަނީ ބައިނަލްއަގުވާމީ މުބާރާތްތަކަށެވެ.
މި އަހަރު ޓީޓީ އެސޯސިއޭޝަނުން ބައިނަލްއަގްވާމީ ފަސް މުބާރާތެއްގައި ވާދަކުރުމަށް ވަނީ ނިންމައިފައެވެ. މި ފަސް މުބާރާތަށް ޖުމްލަ 1.3 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް އެ އެސޯސިއޭޝަނުން އަންދާޒާކުރެއެވެ. އެއީ ނޭޕާލުގައި ކުރިއަށްދާ ސައުތު އޭޝިއަން ކޮލިފިކޭޝަނާއި، ހަމަ އެ ގައުމުގައި ކުރިއަށްދާ ސައުތު އޭޝިއަން ރީޖަނަލް ޔޫތު ޗެމްޕިއަންޝިޕާއި، ބަހްރެއިންގައި ކުރިއަށްދާ އޭޝިއަން ޔޫތު ގޭމްސް އާއި، ސައުދީ އަރަބިއްޔާގައި ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އަދި އިންޑިއާގައި ކުރިއަށްދާ އޭޝިއަން ޗެމްޕިއަންޝިޕެވެ.
ޓީޓީ އެސޯސިއޭޝަނުގެ ބަޖެޓުގައި ވަނީ މި އަހަރު ފައިދާގެ ގޮތުގައި 823،000 (އަށްލައްކަ ތޭވީސްހާސް ރުފިޔާ) ލިބޭނެ ކަމަށް އަންދާޒާކޮށްފައެވެ.
މީގެ އިތުރުން، އެ އެސޯސިއޭޝަނުން އެންމެ ބޮޑު ޚަރަދެއް ދާނެ ކަމަށް ލަފާކޮށްފައިވަނީ ރާއްޖޭގައި ބާއްވާ ލޯކަލް މުބާރާތްތަކުގެ އިތުރުން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގުރާމަށެވެ. ޓީޓީ އެސޯސިއޭޝަނުން ވަނީ މާލެ އާއި، ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި މި އަހަރު ވައިޑީޕީ ޕްރޮގްރާމުތައް ކުރިއަށްގެންދިޔުމަށް ނިންމާފައެވެ.