ޚަބަރު

ބާޒާރުގައި މިރުސް ވަރަށް ތިޔާޤި، އަގުތައް އިތުރަށް ހެޔޮވެއްޖެ


  • މިއަހަރު މިރުހުގެ އަގު ހުރީ އެއް ވަރެއްގައި ހިފެހެއްޓިފައި

  • 6 ރޯދައިގައިވެސް މިރުހުގެ އަގު އުފުލިގެން ނުދާނެ ކަމަށް ވިޔަފާރިވެރިން ބުނޭ

ބާޒާރުގައި މިރުސް ތިޔާގިވެ، އަގު ވަރަށް ބޮޑަށް ދަށްވެއްޖެއެވެ. މިރުހަކީ ރަމަޟާންމަހު ތަފާތު ކެއުންތައް ތައްޔާރުކުރުމަށް ވަރަށް ގިނައިން ބޭނުންކުރާ ބާވަތެކެވެ. މިއާއިއެކު ކޮންމެ ރަމަޟާންމަހެއްގައިވެސް މިރުހުގެ އަގު އުފުލެއެވެ. ނަމަވެސް މިއަހަރުގެ ރަމަޟާންމަސް ފެށި ނިމެންދެންވެސް މިރުހުގެ އަގު ދިޔައީ ދަށައްށެވެ.

މިއަހަރުގެ ރަމަޟާންމަސް ފެށުނު އިރު މިރުހުގެ އަގު ހުރީ 100ގ މިރުސް 35 ރުފިޔާއަށެވެ. އަދި ފުރަތަމަ ހަފްތާގެ ތެރޭގައި މިރުހުގެ އަގު ވަނީ 100ގ މިރުސް 15 ރުފިޔާއަށް ދަށްވެފައެވެ. އަދި މިހާރު ބާޒާރުގައި 100ގ މިރުސް ލިބެންހުރީ 5 ރުފިޔާއާއި 10 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. މިއީ ވަރަށް ބޮޑު ހެޔޮވުމެކެވެ.

ބާޒާރުގައި މިރުސް ވަރަށް ތިޔާގިއެވެ. ވިޔަފާރިވެރިން ބުނާގޮތުގައި މިއަހަރުގެ ރަމަޟާންމަހު މިރުހުގެ ވިޔަފާރި ރަނގަޅެވެ.

ބާޒާރުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނީ މިއަހަރުގެ ރަމަޟާން މަހަށް ކަނޑޫދޫއިންނާއި ލ.އަތޮޅުން ގިނަ އަދަދަކަށް މިރުސް މާލޭ ބާޒާރަށް ގެނެސްފައިވާކަމަށެވެ. 6 ރޯދަ ނިމެންދެންވެސް މިރުހުގެ އަގު ހުންނާނީ މިހާވަރަށްކަމަށް ވިޔަފާރިވެރިން ވަނީ ބުނެފައެވެ.

ބާޒާރަށް ބަލާއިރު ކަރާގެ އަގުތައްވެސް ހުރީ އެއް ވަރެއްގައި ހިފެހެއްޓިފައެވެ. ރަމަޟާންމަސް ފެށުނުއިރު ކަރާ ކިލޯއެއް ހުރީ 25 ރުފިޔާއަށެވެ. އަދި މިއަދުވެސް ބާޒާރުގައި ކަރާ ކިލޯއެއް އުޅެނީ ހަމަ މިއަގުގައެވެ.

ބާޒާރުގައި ކުރުނބާގެ އަގުވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން ރަމަޟާންމަސް ފެށުނުއިރު ކުރުނބަލެއްގެ އަގު 30 ރުފިޔާއާއި 50 ރުފިޔާގައި ހުރިއިރު މިއަދު ކުރުނބާގެ އަގު ހުރީ 15 ރުފިޔާއާއި 30 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ.

ބާޒާރުގައި ދެން އެންމެ ބޮޑަށް އަގުދަށްވެފައިވަނީ ފަތުގެ ބާވަތްތަކުގެއެވެ. އެގޮތުން ބާޒާރުގައި 4 ފަތުގެ ކޮޕީ ފަތް ބޮނޑިއެއް 10 ރުފިޔާއަށް ލިބެހުރިކަން ފާހަގަކޮށްލެވެއެވެ. އަދި ލެޓިއުސް ކިލޯއެއް ލިބެން ހުރީ 120 ރުފިޔާއަށެވެ.