ތަޢުލީމު

"ސްކޫލް ރިވިއު ކޯޑިނޭޓަރުންގެ މަސައްކަތު ބައްދަލުވުން" ފަށައިފި


މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމެންޓްގެ އަމާޒަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކޮންމެ ސްކޫލެއް ކުރިއަށް އޮތް 3 އަހަރުތެރޭގައި ރިވިއުކުރައްވައި، ނިންމެވުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

"ސްކޫލް ރިވިއު ކޯޑިނޭޓަރުންގެ މަސައްކަތު ބައްދަލުވުން" ފެއްޓެވުމަށް އެދުރުހިޔާގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވީ ސްކޫލްތައް ރިވިއުކޮށް ހަރުދަނާކުރެއްވުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީގެ ކިއުއޭ ޑިޕާޓްމަންޓްގެ ފަރާތުން މަސައްކަތްތަކެއްކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ކިއުއޭ ޑިފާޓްމަންޓްގެ އަމާޒުހުރީ ކުރިއަށް އޮތް 3 އަހަރު ތެރޭގައި، ރާއްޖޭގައި ސްކޫލެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮންމެ ސްކޫލެއްވެސް ރިވިއުކޮށް ހަރުދަނާ ކުރެއްވުންކަމަށެވެ.

ޑރ. ނަޒީރު ވިދާޅުވީ މިއަހަރު މިހާތަނަށް ރިވިއުކުރައްވަން ނިންމެވި ސްކޫލްތައް ރިވިއުކުރައްވައިނިންމަވާފައިވާ ކަމަށާއި މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގެ ތެރޭގައި 40 އަށްވުރެ ގިނަ ސްކޫލް ރިވިއުކުރައްވައި ނިންމަވާލެއްވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މިއަދު ފެއްޓެވި މަސައްކަތު ބައްދަލުވުމަކީ ސްކޫލްތަކުގެ ފެންވަރު ބައްލަވައި ސްކޫލްތަކުގެ އިސްވެރިންނަށް ތަމްރީންދެއްވުމުގެ ބޭނުމުގައި ބާއްވަވާ 2 ދުވަހުގެ މަސައްކަތު ބައްދަލުވުމެކެވެ. މި މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގެ އެކި ސްކޫލްތަކުން 35 އިސްވެރިން ބައިވެރިވެއެވެ.