ވިޔަފާރި

ކޯރޕަރޭޓް ގަވަރނަންސް އުޞޫލުތަކާ ބެހޭ މަސައްކަތު ބައްދަލުވުމެއް!


ކޯރޕަރޭޓް ގަވަރނަންސް އުޞޫލުތަކާއި އެއްގޮތަށް ކުންފުނިތަކުގެ އޮނިގަނޑު ބައްޓަންކޮށް، ޢަމަލުކުރުމުގައި ޑިރެކްޓަރުން ބޯޑުގެ ދައުރާއި މަސްއޫލިއްޔަތުގެ މުހިންމުކަން އެފަރާތްތަކަށް އޮޅުންފިލުވައި ދިނުމުގެ ގޮތުން ޙާއްސަ މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ސީއެމްޑީއޭއިން ހާމަކޮށްފިއެވެ.

"ވޯކްޝޮޕް އޮން ކޯރޕަރޭޓް ގަވަރނަންސް ފޯރ ޓްވެންޓީ ފަސްޓް ސެންޗަރީ ލީޑަރސް" ގެ ނަމުގައި ކެޕިޓަލް މަރކެޓް ޑިވެލިޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭއިން އިންތިޒާމްކުރާ މި މަސައްކަތު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު ހުޅުލޭ އައިލެންޑް ހޮޓެލްގައެވެ.

މި މަސައްކަތު ބައްދަލުވުމާއިގުޅޭގޮތުން ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން، ސީއެމްޑީއޭގެ ފައިނޭންސް އެޑިއުކޭޝަން ސެޕަލިސްޓް، އަބްދުﷲ ޒަކަރިއްޔާ ވިދާޅުވީ މި ވޯކްޝޮޕްގައި ސަރުކާރު ބައެއް އޮފީސްތަކުންނާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި ޕްރައިވެޓް ކުންފުނިތަކުން ޖުމްލަ 45 ފަރާތަކުން ބައިވެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަސައްކަތު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އެއްދުވަހުގެ މުއްދަތަށް ކަމަށާއި، މި މަސައްކަތު ބައްދަލުވުމުގައި ކިޔަވާދެއްވާނީ ނަސްދަކް ދުބާޢީ އެކަޑެމީގެ، ކޯޕަރޭޓް ގަވަރނަންސް ދާއިރާގެ ތަޖްރިބާކާރެއް ކަމަށްވާ ޝެރޯން ޑިޗްބާރން ކަމަށް އަބްދުﷲ ވިދާޅުވިއެވެ.

ސީއެމްޑީއޭގެ، މަރކެޓިންގ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް، ފާތިމަތު އަބްދުﷲ ކަމާލުއްދީން ވިދާޅުވީ ރާއްޖެއަށް މިހާރު ކޯރޕަރޭޓް ގަވަރނަންސް ކޯޑެއް ތައާރަފްކޮށްފައިވާ ކަމަށާއި ކޯރޕަރޭޓް ގަވާނަންސްއަށް ކުންފުނިތައް އަހުލުވެރިކުރުމަށްޓަކައި މިފަދަ ވޯކްޝޮފްތައް މުޙިއްމު ކަމަށެވެ.