ހުސްވެފައިވާ ބްރެޒިލްގެ ކޯޗުކަމާ ހަވާލުނުވާނެ ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.
ރެއާލް އެންމެ ފަހުން ކުޅުނު މެޗަށް ފަހު ހޮނިހިރު ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗު އަންޗެލޮޓީ ބުނީ ރެއާލް މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުމަށް އިހްތިރާމް ކުރާނެ ކަމަށެވެ.
އޭނާ ގެންދިއުމަށް ބްރެޒިލްގެ ފެޑަރޭޝަނުން ވަނީ މީގެ ކުރިން ވެސް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ބްރެޒިލްގެ ކުރީގެ ފޯވަޑް ރޮނާލްޑޯ ނަޒާރިއޯ މެދުވެރިކޮށް އެފަދަ މަޝްވަރާއެއް ކުރިކަމަށް އަންޗެލޮޓީ އެއްބަސްވެފައެއް ނުވެއެވެ.
"ނޫން (ބްރެޒިލްގެ ކޯޗުކަން ގަބޫލުކުރާނަންތޯ އެހުމުން). އަހަރެން މިހުރީ ރެއާލްގެ ކޮންޓްރެކްޓްގައި. އަހަރެންނާއި ބްރެޒިލްގެ ގައުމީ ޓީމާއި ބްރެޒިލްގެ ކުޅުންތެރިންނާއި ކުލަބުތަކާ ވެސް ގާތްކަން އޮވޭ. އަދި އަހަރެން ރޮނާލްޑޯއާއެކު ވަރަށް ގިނަ މަޝްވަރާކުރަން. އެކަމަކު ތިކަހަލަ ވާހަކައެއް ދެއްކި ހަނދާނެއްނެތް،" އަންޗެލޮޓީ ބުންޏެވެ.
ބްރެޒިލްގެ ފެޑަރޭޝަނުން އަންޗެލޮޓީއާއެކު މީގެ ދޮޅު އަހަރު ކުރިން މަޝްވަރާތައް ފެށީ އޭސީ މިލާނުގައި އޭނާ ކޯޗުކޮށްދިން ރޮނާލްޑޯ މެދުވެރިކޮށެވެ. އަދި ރޮނާލްޑޯ ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ކަމަށް ކުރިމަތިކިއިރު ޕްލޭނަށް އޮތީ ގައުމީ ކޯޗަކަށް އަންޗެލޮޓީ ނުވަތަ ޕެޕް ގާޑިއޯލާ ގެންދިމަށެވެ. މިކަމަށް ރޮނާލްޑޯ ވެސް އެއްބަސްވެ އެވެ. އަދި އަންޗެލޮޓީވެސް ބްރެޒިލްގެ ގައުމީ ކޯޗުކަމާމެދު ޝައުގުވެރިކަން ކުރިން ފާޅުކުރި އެވެ. އެކަމަކު އޭނާ މިދިޔަ އަހަރު ރެއާލްއާއެކު އެއްބަސްވުން އައުކުރީ ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ މިހާރުގެ ރައީސް އެޑްނާލްޑޯ ރޮޑްރިގޭޒްގެ ކޮރަޕްޝަނުގެ މައްސަލަތަކެއް ފެންމަތިވުމުންނެވެ.
މީގެ ކުރިން ގައުމީ ޓީމަކަށް ކޯޗުކޮށްދީފައި ނުވި ނަމަވެސް ކުލަބު ފުޓްބޯޅައިގައި އަންޗެލޮޓީއަކީ އެންމެ ކާމިޔާބު އެއް ކޯޗެވެ. ރެއާލްގެ ވަޒީފާއަށް ފަހު ދެން ފެންނާނީ ގައުމީ ޓީމަކުން ކަމަށްވެސް އަންޗެލޮޓީ މީގެ ކުރިން ވަނީ ބުނެފައެވެ.
ނަތީޖާތައް ވަރަށް ގޯސްވުމުން ބްރެޒިލްގެ ކޯޗުކަމުން ޑޯރިވާލް ޖޫނިއާ ވަކިކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އައު ކޯޗަކަށް ހެދުމަށް ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ޝޯޓް ލިސްޓްކޮށްފައިވާ ތިން ކޯޗުންގެ ތެރޭގައިވެސް އަންޗެލޮޓީ ހިމެނެއެވެ.