ކުޅިވަރު

ހާރބަޓްއާއެކު ނަތީޖާ ގޯސްވި ސަބަބުތައް ދެނެގަންފި




ރާއްޖޭގެ ޤައުމީ ޓީމުގެ ކޯޗަކަށް ރިކީ ހާބާރޓް ހުރިއިރު ރަނގަޅު ނަތީޖާތައް ނުނެރެވުނު ސަބަބުތައް ބަލާ އެފް.އޭ.އެމް އިން ރިޕޯޓެއް އެކުލަވާލައިފިއެވެ.

އެފް.އޭ.އެމްގެ ރައީސް އަޙުމަދު ތޯރިގު ވިދާޅުވީ މީ ސީދާ ރިކީ ހާބަޓަށް އަމާޒުކޮށްގެން ނެރުނު ރިޕޯރޓެއް ނޫންކަމަށާ މީ ގޯސްކޮށް ގޮސްފައި ހުރިކަންކަން ހޯދާ ކުރިޔަށް އޮތް ތަނުގައި ރަނގަޅު ކުރަން ނެރުނު ރިޕޯޓެއްކަމަށެވެ.

ކުރިން ނިއުޒިލޭންޑަށް ކޯޗްކޮށްދިން ނިއުޒިލޭންޑުގެ ކޯޗް ޤައުމީ ޓީމަށް ހަވާލުވުމަށްފަހު އޭނާއަށް މާ އެދެވޭ ނަތިޖާތަކެއް ޤައުމީ ޓީމާއެކު ނެރެވިފައެއް ނުވެއެވެ. އެސިސްޓެންޓް ކޯޗުންގެ އިތުރުން އެހެން ކޯޗިން ސްޓާފުންނާވެސް މައްސަލަތަކެއް ޖެހުނެވެ.

ވޯލްޑް ކަޕުގައި ނިއުޒީލެންޑަށް ކޯޗްކޮށްދިން ކޯޗް ޤައުމީ ޓީމާއި ވަކުވުމުން އަދި ޤައުމީ ޓީމަށް ދާއީމީ ކޯޗަކު ހަމައެއް ނުޖައްސައެވެ.

އެފް.އޭ.އެމްގެ ރައީސް ތޯރިގް ވިދާޅުވީ ނެރުނު ރިޕޯޓުން ވަރަށް ގިނަ ކަންތަކެއް ފާހަގަކުރެވުނުކަމަށެވެ. ކޯޗިން ސްޓާފުންނާއި އޮންނަންޖެހޭ ގުޅުން ނެތްކަން ފާހަގަކުރެވުނުއިރު ޓްރެއިނިންތަށްވެސް އެހާ ރަނގަޅަށް ގެންދެވިފައިނުވާކަން ރިޕޯޓުން ފާހަގަވާކަމަށްޤައުމީ ޓީމުގެ ކުރީގެ ފޯވާޑް ވިދާޅުވިއެވެ.

ތޯރިގް ވިދާޅުވީ އެފް.އޭ.އެމްގެ ވެސް ބައެއް މައްސަލަތައް އެބަހުރިކަމަށާ އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެކަމަށެވެ.

އެފް.އޭ.އެމްއިން ދަނީ ޤައުމީ ޓީމަށް ކޯޗެއް ހޯދުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން މިހާރު އެފް.އޭ.އެމްއަށް ދިހަ ސީވީ ލިބިފައިވާކަމަށާ އެ ސީވީތަށް ބަލާ ދިރާސާ ކުރާނެކަމަށް ތޯރިގް ވިދާޅުވިއެވެ.

ރާއްޖޭގެ ޤައުމީ ޓީމަށް ދެން އޮތީ އަންނަ ސްޕެޓެމްބަރު މަހު އޭޝިއަން ކަޕްގެ ޕްލޭ އޮފްގައި ލާއޮސްއާއި ބައްދަލްކުރާ މެޗެވެ.