ޚަބަރު

ކުންފުނިތަކާއި މުއައްސަސާތައް ގުޅިގެން ބާއްވާ ޢީދުގެ ބޮޑު ޙަރަކާތް ޢީދުދުވަހު ހަވީރު


މިއަހަރުގެ ފިޠުރު ޢީދު ފާހަގަކުރުމަށް ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތައް ގުޅިގެން ބާއްވާ ބޮޑު ހަރަކާތެއް ޢީދު ދުވަހު ހަވީރު މާލެއާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. މި ޙަރަކާތް މާލޭގެ 3 ސަރަޙައްދެއްގައި ކުރިއަށްދާނެއެވެ.

ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ހަރަކާތް ކުރިއަށް ގެންދަނީ ދިފާޢީ ވުޒާރާއިން ސަރުކާރުގެ އެކި ކުންފުނިތަކާއި ކުޅިވަރާއި ބެހޭ ވުޒާރާއާއި، ޤައުމީ ދިފާޢީ ބާރާއި، ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެންނެވެ. މިހަރަކާތްތައް އޮންނާނީ ޢީދު ދުވަހުގެ ހަވީރު 4 އިން 6 އަކަށެވެ. މާލޭގެ 3 ސަރަޙައްދެއްގައި ބާއްވާ މިހަރަކާތްތައް އޮންނާނީ ސަލްޓަން ޕާކާއި، ޝަހީދުންގެ ބިނާ ކުރިމަތީގައި އާއި ޖުމްހޫރީ މައިދާން ސަރަޙައްދުގައެވެ.

ޢީދު ދުވަހުގެ ހަވީރު ކުންފުނިތަކުން ބާއްވާ ޙަރަކާތްތަކުގެ ތެރޭގައި ރާއްޖޭގެ އިހުގެ ޘަޤާފަތް ދައްކާލުމާއި، އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ދައްކާލުންވެސް ކުރިއަށްދާނެއެވެ. މީގެ އިތުރުން ޒަމާނީ ކެރެކްޓަރސްތައް ފިއުޝަންގޮތަށް ދައްކާލުންވެސް އޮންނާނެއެވެ.

އެމްއެންޑީއެފާއި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ފުލުހުންގެ އުޅަނދުތައްކަށް އެރުމާއި އުޅަނދުތަކުގައި ފޮޓޯ ނެގުމުގެ އިތުރުން ކުދިކުދި އުޅަނދުތައް ދުއްވާލުމުގެ ފުރުސަތު އޮންނާނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެމްއެންޑީއެފުން ބާއްވާ ހަރަކާތްތައް އަމާޒުކޮށްފައިވަނީ ތުއްތުކުދިންނަށް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މީގެއިތުރުން އެމްއެންޑީއެފްގެ ބަރު ހަރިޔާރުތައް ދައްކާލުމާއި، ޑްރިލްތަކުގައި ކުރިއަށްދާ ބައެއް ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް އޮންނާނެއެވެ. ހަމައެއާއެކު ބޭންޑުގެ ހަރަކާތްތަކާއި ސައިލެންޓް ޑްރިލްއެއްވެސް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

ކުޅިވަރާއި ބެހޭ ވުޒާރާއިން ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ގޭމިންގ ސްޓޯލްތަކާއި ފިއުޝަން ޝޯވއެއް ދައްކާލުމަށްވެސްވަނީ ހަމަޖެހިފައެވެ. އަދި ޖުމްހޫރީ މައިދާނުގައި ފެނުގެ އެކި ކުޅިވަރުތައް ކުރިއަށްދާނެކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ފިޠުރު ޢީދު ދުވަހު އެޗްޑީސީން ހުޅުމާލޭގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންގެ ހަވީރެއްގެ އިތުރުން ހަވާ އެރުވުމާއި ޑްރޯން ޝޯއެއްވެސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މިޙަރަކާތްތަކުގައި ބައިވެރިވާ ކުންފުނިތަކުގެ ތެރޭގައި އެމްއޭސީއެލް، ވެމްކޯ، އެމްޑަބްލިއުއެސްސީ، އެސްޓީއޯ، އެޗްޑީސީ، އެމްޓީސީސީ، ސްޓެލްކޯ، އެމްޕީއެލް ހިމެނެއެވެ. ކުންފުނިތަކުގެ ހަރަކާތްތައްވެސް އިންތިޒާމްކޮށްފައިވަނީ އެހަރަކާތްތަކުގައި ކުޑަކުދިންނާއި އާންމުންނަށް ބައިވެރިވެ ހަދިޔާތައް ލިބޭގޮތަށް ކަމަށް އެކުންފުނިތަކުންވަނީ ހާމަކުރައްވާފައެވެ.