ދީން

ޢުމްރާ ދަތުރުން 5,000 ރުފިޔާ އަގުހެޔޮކޮށްފި


މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މިއަހަރު ޑިސެމްބަރު މަހު ކުރުމަށް ހަމަޖެހިފައިވާ ޢުމްރާ ދަތުރުން 5,000 ރުފިޔާ އަގުހެޔޮކޮށްފިއެވެ.

މިއަހަރުގެ ޑިސެމްބަރު މަހު ކުރުމަށް ހަމަޖެހިފައިވާ 15 ދުވަހުގެ އުމްރާ ދަތުރުގެ އަގަކީ ކުރިން 34،965 (ތިރީސް ހަތަރުހާސް ނުވަސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ) އެވެ. ނަމަވެސް އެ ކޯޕަރޭޝަނުން ވަނީ އެއަގު 29،965 (ނަވާވީސް ހާސް ނުވަސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ) އަށް ހެޔޮކޮށްފައެވެ. މޯލްޑިވްސް ޙާއްޖު ކޯޕަރޭޝަންގެ ހެޑް އޮފް މާރކެޓިން ޙަސަން ސިނާން ވިދާޅުވީ، އެކޯޕަރޭޝަންގެ ޙަވާލުގައި ޢުމްރާއަށްދާ ފަރާތްތަކަށް ޚާއްޞަ ޕެކޭޖްތަކެއް ތަޢާރަފްކޮށްފައިވާ ކަމަށެވެ. އެގޮތުން 4 މީހުންގެ ގްރޫޕަކުން ޢުމްރާއަށް ދިއުމަށް ރަޖިސްޓްރީކޮށްފިނަމަ ކޮންމެ މީހަކަށް އެއްހާސް ރުފިޔާގެ ޑިސްކައުންޓެއް އަދި ދިހަ މީހުންގެ ގްރޫޕެއް ރަޖިސްޓްރީކޮށްފިނަމަ  ކޮންމެވެސް އެއްބޭފުޅަކަށް ފަންސާސް އިންސައްތަ ޑިސްކައުންޓް ދޭނެކަމަށެވެ. މި ޢުމްރާއަށް ރަޖިސްޓްރީވުގެ އެންމެފަހު ތާރީޚަކީ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހެވެ.

އެކޯޕަރޭޝަނުން ވަނީ އަންނަ އަހަރުގެ ޢުމްރާ ދަތުރުތައްވެސް މިހާރު ތަޢާރަފްކޮށްފައެވެ.  އަންނަ އަހަރު މާރޗް މަހާއި، ރަމަޟާން މަހާއި،  ސްކޫލް ބަންދު ދުވަސްވަރަށް ޚާއްޞަ ޢުމްރާ ދަތުރުތަކެއް އެކޯޕަރޭޝަނުން ވަނީ ތަޢާރަފްކޮށްފައެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވަނީ ޢުމްރާ ދަތުރުތަކަށް ރަޖިސްޓްރީކޮށް ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކޭނެ ފުރުޞަތުވެސް ހުޅުވާލާފައެވެ.