ރާއްޖޭގައި އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް އިތުރުކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ބޭރީސްގެ އެކި ބާވަތްތައް އުފެއްދުމަށް ބޭނުންވާ ދިރާސާތައް މިހާރު ކުރައްވަމުން ގެންދަވާކަމަށް ދަނޑުވެރިކަމާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
ޕީ.އެސް.އެމް.ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޑރ.ޝައިނީ ވިދާޅުވީ މި މަސައްކަތުގެ އީ.އައި.އޭމިހާރު ނިމުމަކާ ހަމައަށް އައިސްފައިވާކަމަށެވެ.
"އެކަން އެކުރަނީ ކަނޑު އަޑިން ގާތްގަނޑަކަށް 800 މީޓަރު އަޑިން ފިނިފެން ނަގައިގެން.. އެންމެފަހުން އަޅުގަނޑަށް ލިބުނު މަޢުލޫމާތުން އެބޭފުޅުންނަށް މިހާރު އެރަށާއި ކައިރިން، އެވަރުގެ ފުންމިންހުރި ތަނެއް ވަނީ ފެނިފައި. އެހެންވީމަ އެތަނަށް ހޮޅިއަޅައިގެން އެ މަސައްކަތް ކުރުމުގެ މަސައްކަތް ހަމަ ވަރަށް ބާރަށް ކުރިއަށް އެބަދޭ. މަސައްކަތް އެއްކޮށް ފައްޓައެއް ނުގަނެވޭ. އެހެންނަމަވެސް ހަމަ އެ ޕްރޮޖެކްޓުގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް އެބަދޭ" މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.
ބެރީސްގެ ބާވަތްތައް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންގެންދަވަނީ ގއ. ގދ. ހިމެނޭ ސަރަޙައްދުގެ ރަށްރަށުގައެވެ.
މިނިސްޓަރ ޝައިނީ ވަނީ މި ބާވަތުގެ އުފެއްދުންތަކަށް ރާއްޖޭގައި ރަނގަޅު ފުރުޞަތުތަކެއް އޮތްކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް މި ފަދަ މާކެޓެއް އަމާޒުކޮށްގެން އުފައްދައިފިނަމަ، މިކަމުގެ ސަބަބުން ފައިދާތަކެއް ވާނެކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.
"ޓޫރިޒަމް މާކެޓަށް ބެލިކަމުގައިވިޔަސް އެ މާކެޓަށް ޓާކެޓްކޮށްފައި އުފައްދާ ތަރުކާރީއާއި މޭވާ އުފައްދައިގެންނެއް އަޅުގަނޑުމެންނަކަށް ގެއްލުމެއް ނުވެވާނެ. ރާއްޖޭގެ ޓޫރިޒަމް ކުރިއަށްދާކަމަށްވެޖެއްޔާމުން އެއީ އަޅުގަނޑުމެންނަށް ލިބޭ ފުރުސަތެއް އެހެން އިންޑަސްޓްރީތައްވެސް އެއާއެއްކޮށް ކުރިއަށްދާން. އެހެންވީމައި ދަނޑުވެރިކަމުގައި ވަރަށް ނަފާއެބަހުރި. ދަނޑުވެރިކަންކޮށްގެން އަޅުގަނޑުމެންނަށް ހަމަ ނަފާ ހޯދޭނެ" މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.
މިނިސްޓަރ ޑރ. ޝައިނީ ވިދާޅުވީ ކުރީގައި އޮންނަށް އުޞޫލްތައް ބަދަލުކޮށް، ޤާވަޢިދު ހައްދަވައިގެން ،ދެފުށްފެންނަ ގޮތަށް، ސަރުކާރުން ރަށްތައް، ދޫކުރައްވަންފެއްޓެވުމުން އެކަށީގެންވާ ރަނގަޅު ޤާބިލު ފަރާތްތައް ކުރިމަތިލައި، މަސައްކަތްތައްމިހާރު ކުރިޔަށް ދާކަމަށެވެ. މި ގޮތަށް 7 ރަށެއް މިހާރު ދޫކުރައްވައި، އެރަށްރަށުގައި މަސައްކަތް ކުރަމުން އަންނަކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.