ޚަބަރު

ނިމުނު ހަފުތާ: ރައްޔިތުންނާއި ގުޅުން ހުރި ގިނަ ކަންތައްތަކަށް ހެޔޮ ބަދަލުތަކެއް


  • ތެލެސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަވާނެކަން ރައީސް އިޢުލާންކުރެއްވި

  • ކިއުގައި ތިބި ހުރިހާ އެންމެންނަށް މި އަހަރު ޙައްޖަށް ދެވޭނެކަން ރައީސް އިޢުލާންކުރެއްވި

  • ދުންފަތުން ދުރުކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާކަން ރައީސް އިޢުލާންކުރެއްވި

މި އަހަރުގެ ރަމަޟާން މަސް އަދި މާރިޗު މަހުގެ ފަހު ހަފުތާ ފާހަގަކޮށްލެވެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކި ދާއިރާތަކުން ގިނަ ކަންތައްތަކެއް އިޢުލާންކުރެއްވި ހަފްތާއެއްގެ ގޮތުގައެވެ. އެ ގޮތުން މިދިޔަ އާދިއްތަ ދުވަހު ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރައްވައި ހާލަތު ބައްލަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ތަން ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަވާނެކަން އިޢުލާންކުރައްވާފައެވެ. އަދި އެ ތަން ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމަށްޓަކައި ބޭނުންވާ ވަޞީލަތް ޤާއިމުކޮށް، ހޮސްޕިޓަލަށް ބޭނުންވާ މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ޙައްޖު ކޯޕަރޭޝަންގެ ކިއުގައި މިއަހަރު ޙައްޖަށް ދެވޭނެކަމަށް ކަނޑައަޅާފައިތިބި ހުރިހާ އެންމެންނަށް ޙައްޖަށް ދެވޭނެކަން އިޢުލާންކުރައްވައި އެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވީވެސް ނިމުނު ހަފުތާގައެވެ. މި އަހަރަކީ ޒަމާންތަކަކަށް ފަހު, އެ އަހަރެއްގައި ކިއުގައި ޖެހިފައިތިބި އެންމެނަށް އެ އަހަރު ޙައްޖަށް ދެވޭ ފުރަތަމަ ފަހަރުކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތައް "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީވެސް މި ނިމުނު ހަފްތާގައެވެ. މި ބަދަލާއި އެކު މީގެފަހުން ސްޓޫޑެންޓް ލޯނަށް އިންޓްރަސްޓެއް ނާރާނެކަމަށާއި، އަދި އެޑްމިނިސްޓްރޭޓިވް ފީވެސް ނުނަގާނެކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންނަށް ވީހާވެސް ގާތުން މައުލޫމާތު ހިއްސާކޮށް، ރައްޔިތުންގެ ޚިޔާލުތަކާއި ސުވާލުތަކަށް ޖަވާބުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑު ދެއްކީވެސް ނިމުނު ހަފުތާގައެވެ. މި އެޕިސޯޑްގައިވެސް މުހިންމު ކަންތައްތަކެއް ރައީސް އިޢުލާންކުރެއްވިއެވެ. އެ ގޮތުން ދިވެހި މުޖުތަމަޢު ދުންފަތާ ދުރުކުރުމަށް، ޚާއްޞަކޮށް ދުންފަތުގެ އިސްތިއުމާލުކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް "ޖެނެރޭޝަން ބޭން" ގެ ގޮތުގައި ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާކަން ރައީސް އިޢުލާންކުރެއްވިއެވެ. އަދި ބޭރު ފައިސާ މާރުކުރުމުގެ ޤާނޫނުގެ ދަށުން މިވީ މުއްދަތުގެތެރޭގައި 150 މިލިޔަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާކަމާއި ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭހެން 550 އަށްވުރެ ގިނަ މަޝްރޫއުގެ މަސައްކަތް ފެށިގެން ކުރިއަށްދާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މި އެޕިސޯޑްގެ ތެރެއިންނެވެ.

ކަންކަން އިޢުލާންކުރެއްވުމުގެ އިތުރަށް ތަންތަނުގެ ޙާލަތު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްތަކެއް ކުރެއްވި ހަފުތާއެއްގެ ގޮތުގައިވެސް ނިމުނު ހަފުތާ ފާހަގަކޮށްލެވެއެވެ. އެ ގޮތުން ތެލެސީމިއާ ސެންޓަރަށް ކުރެއްވި ޒިޔާރަތުގެ އިތުރުން ޑްރަގް ކޯޓާއި، ކްރިމިނަލް ކޯޓުގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތްވެސް ރައީސުލްޖުމްހޫރިއްޔާ ނިމުނު ބުދަ ދުވަހު ބައްލަވާލެއްވިއެވެ.

ނިމުނު ހަފުތާއަކީ ދިވެހި ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ހިތާމަވެރި ހަފުތާއެއްގެ ގޮތުގައިވެސް ފާހަގަކޮށްލެވެއެވެ. އެ ގޮތުން ދިވެހި ޤައުމީ ޓީމަށާއި ރާއްޖޭގެ ފުޓުބޯޅައިގެ ކުރިއެރުމަށް ގިނަ ޚަދުމަތްތަކެއްކޮށްދެއްވި މަޝްހޫރު ފުޓްބޯޅަ ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތީ ކޯޗު) ނިޔާވީ ނިމުނު ހަފުތާގެ އާދިއްތަ ދުވަހުއެވެ. ސާންތީ ކޯޗު ވަނީ 2001 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް ދިވެހި ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގެ މަޤާމު އަދާކުރައްވާފައެވެ.

ސިޔާސީ ދާއިރާ:

ނިމުނު ހަފުތާގައި ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ޖުޑިޝަލް ސަރިވިސް ކޮމިޝަނުގައި ސުޕްރީމް ކޯޓު ތަމްސީލުކުރައްވައި މެންބަރެއްގެ ގޮތުގައި އެ ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދު ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރެއްވުން ފާހަގަކޮށްލެވެއެވެ. ހައިކޯޓުގެ އިސް ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޖޭއެސްސީން އައްޔަންކުރެއްވީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

ތެލެސީމިއާ ސެންޓަރުގެ ހިންގުން ހަރުދަނާކޮށް، އެ ތަން ހޮސްޕިޓަލެއްގެ ގޮތުގައި ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއެކު، އެ ތަނަށް ފުރަތަމަ ފަހަރަށް ޑިރެކްޓަރ ޖެނަރަލެއް އައްޔަންކުރައްވާފައިވަނީވެސް ނިމުނު ހަފުތާގައެވެ. އެ މަޤާމަށް އައްޔަންކޮށްފައިވަނީ އަޙްމަދު މަޢުޞޫމެވެ.

އިޤުތިޞާދާއި ވިޔަފާރި:

އިޤުތިޞާދާއި ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ހއ. އަތޮޅުގެ 6 ރަށެއްގައި ބޭންކު އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފެށުން ފާހަގަކޮށްލެވެއެވެ. މި 6 ރަށުގައި މި ޚިދުމަތް ފެށުމާއެކު ހއ. އަދި ދ. އަތޮޅުގެ ހުރިހާ ރަށެއްގައި ސަރުކާރުން މިވަނީ އޭޓީއެމްގެ ޚިދުމަތް ޤާއިމުކޮށް، ނިންމާފައެވެ.

އެހެނިހެން ޚަބަރުތައް:

ނިމުނު ހަފުތާގައި އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، މިދިޔަ ސަރުކާރުގައި ފެށި ތިލަމާލެ ބުރިޖްގެ %52 އިންސައްތަ މަސައްކަތް ނިމުން ފާހަގަކޮށްލެވެއެވެ. އަދި އައްޑޫއަށް ދިމާވަމުންދާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އައްޑޫއަށް އިތުރު 1.8 މެގަވޮޓްގެ ޖަނަރޭޓަރެއް ފޮނުވި ޚަބަރުވެސް ނިމުނު ހަފުތާގެ ސުރުޚީތަކުން ފާހަގަކޮށްލެވެއެވެ.

ހަމައެއާއެކު ޤުރުއާން ހިތުދަސް ޙާފިޒުންނަށް ޚާއްސަކޮށްގެން ބޭއްވި ދަސްވެނިވުމުގެ ހަފުލާގައި 24 ޙާފިޒުން ސަނަދު ހާސިލްކުރީ ނިމުނު ހަފުތާގެ ބުދަ ދުވަހުއެވެ.

މީގެ އިތުރުން ތެލެސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް އޮތް 1 މަސް ދުވަހުގެ ތެރޭގައި ނިމޭނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާންކުރައްވާފައެވެ. އަދި ގެދޮރުވެރިޔާ ސްކީމްގެ 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓަށް މިހާތަނަށް 1500އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާކަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރެއްވީވެސް ނިމުނު ހަފުތާގައެވެ.

މި ޚަބަރުތަކާއެކު ނިމުނު ހަފުތާގައިވެސް ސިޔާސީ، އިޤުތިޞާދީ ދާއިރާއިން ޚަބަރުތަކެއް ފާހަގަކޮށްލެވެނުއިރު، ރައީސުލްޖުމްހޫރިއްޔާ ގިނަ ކަންތައްތަކެއް އިޢުލާންކުރެއްވިކަންވެސް ފާހަގަކޮށްލެވެއެވެ.