ސިޔާސީ

އެމްޑީޕީން ބޭއްވި ހިނގާލުން ފުލުހުން ހުއްޓުވައިފި


މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީގެ 11 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެޕާޓީން ރޭ ފެށި ހިނގާލުން ފުލުހުން ހުއްޓުވައިފިއެވެ.

ރޭ ނުވައެއް ޖެހި އިރު އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެމް.ޑީޕީގެ ހަރުގެ ކައިރިން ފެށި ހިނގާލުން ފުލުހުން ހުއްޓުވާފައިވަނީ، ކުރީގެ އުރީދޫ ހެޑް އޮފީސްހުރި ޝަބްނަމް ބިލްޑިންގ އާ ހިސާބުންނެވެ.

ހިނގާލުން ކުރިއަށް ނުގެންދެވޭ ގޮތަށް މަގުގައި ފުލުހުން ބެރިކޭޑްތަށް ބެހެއްޓުމުން ހިނގާލުމުގެ ބައިވެރިން ވަނީ، އެސަރަހައްދުގައި މަޑުކޮށްގެން ތިބެ ސަރުކާރަށް ފާޑުކިޔައި، ނުރުހުމުގެ ޝުޢޫރު ފާޅުކޮށްފައެވެ.

މި ހިނގާލުން ރޭ 11 ޖަހާ އެހާއިރުވަނީ ނިންމާލާފައެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އަހަރީ  ދުވަހާ ގުޅުވައިގެން އަހަރީ ޕެރޭޑުގެ ނަމުގައި ހިނގާލުމެއް ބާއްވަން ނިކުމެފައިވަނީ މަގުމަތީގައި ސިޔާސީ އެއްވެސް ޙަރަކާތެއް ހިންގަން ފުރުޞަތު ނުދެއްވާނެކަން ފުލުހުން ހާމަކުރައްވާފައިވަނިކޮށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސުން ވަނީ  މާލޭގެ މަގުތަކަކީ ކާރުބާރު ބޮޑު މަގުތަކަކަށްވެފައި، ގިނަ ވަގުތުތަކަކަށް މަގުތައް ބަންދުކުރުމުން، ހިނގާބިނގާވާ މީހުންނާއި، ޟަރޫރީ ބޭނުންތަކަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރާ މީހުންނާއި، މަގުމަތީގައި ކުރެވޭ ދަތުރުތައް ހުއްޓި، އެތައް ބައެއްގެ ޙައްޤުތައް ގެއްލިގެންދާތީ މިހިނގާލުމަށް ހުއްދަ ދެއްވެން ނެތް ކަމަށް ވިދާޅުވެފައެވެ.