ޚަބަރު

އިންޑިއާގެ އަސްކަރީ ވަފުދު އެމްއެންޑީއެފް ޗީފްއާ ބައްދަލުކުރުން


އިންޑިއާ އަސްކަރިއްޔާގެ ތަމްރީނާބެހޭ ވަފުދެއް މިހާރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ޒިޔާރަތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްއާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު ބަންޑާރަކޮށީގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި އިންޑިއާ އަސްކަރިއްޔާއިން ތަމްރީނާއި އުނގެނުމުގެ ދާއިރާއިން އެމްއެންޑީއެފަށް ވެދެވިދާނެ އެހީތެރިކަމާބެހޭ ގޮތުން ޗީފް އޮފް ޑިފެންސް ފޯސްއާއެކު ފުޅާ ދާއިރާއެއްގައިވަނީ މަޝްވަރާ ކުރައްވާފައެވެ.

މިހާރު ރާއްޖެއައިސް އުޅޭ އިންޑިއާގެ މި ވަފުދުގައި އެންމެ އިސްކޮށް ހިމެނިވަޑައިގަންނަވަނީ، އިންޑިއާގެ އެއަރ ވައިސް މާރޝަލް އަމިތު ތިވާރީ އެވެ. މީގެ އިތުރުން، މި ވަފުދުގައި އިންޑިއާ އަސްކަރިއްޔާގެ ތަމްރީނާ ގުޅުންހުރި ދާއިރާތަކުގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ޗީފް އޮފް ޑިފެންސް ފޯސްއާއެކު ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި، މި ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރާއި، ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް ޙާމިދު ޝަފީޤުވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މިއަދުން ފެށިގެން 4 ދުވަހުގެ މުއްދަތަށް މި ވަފުދުގެ ބޭފުޅުން ރާއްޖެއަށް މިކުރައްވާ ދަތުރުފުޅުގައި އެމްއެންޑީއެފްގެ ކަމާގުޅުންހުރި ދާއިރާތަކުގެ ބޭފުޅުންނާއެކު މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ވަފުދުގެ ބޭފުޅުން، ރާއްޖެއަށް މިކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.