ޚަބަރު

ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރީގެ 1 ވަނަ - އާދަމް ނަސީމް


ކީރިތި ޤުރްއާން ރީތި ރާގަށް ކިޔެވުމާއި، ޤުރުއާން ހިތު ދަސްކުރުމަކީ ވަރަށް މަތިވެރި އަދި ﷲ ތައާލާގެ ހަޟުރަތުގައި ޤަދަރު އުފުލިގެންވާ ކަމެކެވެ. ޓީވީއެމްއިން ކޮންމެ އަހަރެއްގެ ރަމަޟާންމަހު ބާއްވާ އެންމެ އަލިގަދަ ތަރި ޕްރޮގްރާމްގައި ރީތި ރާގަށް ޤުރުއާން ކިޔަވާ އެތައް ބައިވެރިންނެއް ބައިވެރިވެއެވެ.

މީގެ ތެރެއިންވެސް މިއަހަރުގެ އަލިގަދަ ތަރި އާދަމް ނަސީމް އަކީ ފާހަގަކޮށްލެވޭ ތަރިއެކެވެ. 

ށ. ފޯކައިދޫއަށް އުފަން އާދަމް ނަސީމް ޤުރުއާން ކިޔަވަން ފަށާފައިވަނީ ވަރަށް ހަގު އުމުރުގައެވެ. ރަށުގައި އުޅުނުއިރުވެސް އޭނާ ޤުރުއާން ރީތި ރާގަށް ކިޔެވުމަށް ލޯބިކުރެއެވެ. އެހެންނަމަވެސް ޢުމުރުން  އެންމެ 11 އަހަރުގައި އުފަން ރަށް ދޫކޮށް މާލެއަށް ކިޔަވަން އޭނާގެ ދިރިއުޅުން ބަދަލުކުރިއެވެ. މިދާއިރާއަށް އޭނާ ޝަޢުޤުވެރިވެ މިދާއިރާއިން ކުރިއަށްދިޔުމުގެ އަޒުމް ކަނޑައެޅީ މައުހަދުގައި ކިޔަވަން ފެށި ހިސާބުންނެވެ. އާދަމް ނަސީމް ބުނީ އޭނާ ޤުރުއާން ކިޔެވުމަށް ޝައުޤުވެރިވީ ފުރަތަމަ ޤުރުއާން ކްލާހުގައި ޤާރީ އަޙުމަދު ތަޢުފީޤުގެ ކިޔެވުމުގެ އަޑު އިވުނު ހިސާބުން ކަމަށެވެ. އެހިސާބުން ޤުރުއާން ކިޔަވާ ފަރިތަކޮށް، ސްކޫލްގައި ކިޔަވައިދޭ އެއްޗެއްގެ އިތުރަށް ގޭގައި ޤުރުއާން އަޑު އަހާ އަޑު ދަށުން ކިޔަވާ ފަރިތަކުރިކަމަށް އޭނާ ބުންޏެވެ.

މައުހަދުގައި ކިޔަވަން ފެށިތާ، 3 މަހެއްހާ ދުވަހުގެ ތެރޭގައި އެހެން މީހުންނަށް އޭނާ ޤުރުއާން ކިޔަވައިދޭން ފެށިއެވެ. އާދަމް ބުނީ ކިޔަވަމުން ކިޔަވައިދޭން ފެށުމުން ވަރަށް ބޮޑަށް ކުރިއެރުން ލިބުނު ކަމަށެވެ. މިއާއެކު އޭނާ ޤައުމީ މުބާރާތްތަކުގައި ބައިވެރިވެ ރަންވަނަތައްވެސް ހޯދަން ފެށިއެވެ. އާދަމް ނަސީމް ކިޔަވަން ހުރި ދުވަސްވަރުގައި އޭނާއަށް ހުރިހާ ކަމެއް ކޮށްދިނީ އެއްބަނޑު އެއްބަފާ ދައްތަ ކަމަށެވެ. އޭނާ މިހާހިސާބަށް އައުމުގައި އެހީތެރިކަން ފޯރުކޮށްދިން އެއް ފަރާތަކީ، އޭނާގެ ދައްތަކަން  ފާހަގަކުރިއެވެ.

ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރީ ޓީވީއެމް އިން އިޢުލާންކުރުމުން، ފުރަތަމަ ޕްރޮގްރާމްގައި ބައިވެރިވުމަށްވެސް އާއިލާގެ ގިނަ ބަޔަކު އެދުނެވެ. އެހެންނަމަވެސް އާދަމް ބުނީ ޓީވީން މީހުންނަށް ފެނިގެން ޤުރުއާން ކިޔެވުމުގެ ޝަޢުޤުވެރިކަމެއް އޭރު ނެތްކަމަށެވެ. އެހެންނަމަވެސް މި ފަހަރުގެ މުބާރާތުގައި ބައިވެރިވުމަށް އަނެއްކާވެސް އާއިލާއިން އެދުމާއެކު މިއަހަރުގެ މުބާރާތުގައި ބައިވެރިވުމަށް އޭނާ ނިންމިއެވެ. މުބާރާތުގައި ބައިވެރިވުމުގައި ދައްތަގެ ޙިއްސާ ވަރަށް ބޮޑުކަން އާދަމް ފާހަގަކުރިއެވެ.

އަލިގަދަ ތަރި ޕްރޮގްރާމްގައި ބައިވެރިވެ، ނަންނޯޓުކުރި ހިސާބުންވެސް އާދަމް އަޒުމް ކަނޑައެޅީ މުބާރާތް ކާމިޔާބު ކުރުމަށެވެ. ބައިވެރިވުމަށްފަހު ކާމިޔާބުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އާދަމް ބުނީ ރަމަޟާންމަހުގެ ތެރޭގައިވެސް ފަރިތަކުރުމުގެ މަސައްކަތުގައި ގިނަ ވަގުތުތަކެއް ހޭދަކުރި ކަމަށެވެ. މިކަމުގައި އޭނާއަށް އެންމެ އެހީތެރިވެދިން އެއް ފަރާތަކީ އޭނާގެ އަންހެނުންނެވެ. ކޮންމެ ރެއެއްގެ ޕްރޮގްރާމެއްގެ ޓާސްކްތަކަށް ތައްޔާރުކޮށްދީ، ގޭގައި ސުވާލުކުރުމުގައި އެހީތެރިވެދިނީ އޭނާގެ އަންހެނުންނެވެ. އާދަމްގެ އަންހެނުން މަރްޔަމް ނުހާ ބުނީ މިއީ ވަރަށް އުއްމީދުކުރި ދުވަހެއް ކަމަށެވެ.

މުބާރާތް ފެށިގެން ފައިނަލާއި ހަމައަށް އައިއިރު އޭނާ ވަނީ އެކި އެކި މަރުޙަލާތައް ކަޑައްތުކޮށްފައެވެ. ހުރިހާ ދިމާލަކަށް މަސައްކަތްކޮށްފައި ހުރުމުން އާދަމް ބުނީ މުބާރާތުގައި ވަކި އުނދަގޫ މަސައްކަތެއް ދިމާނުވާ ކަމަށެވެ. އެހެންނަމަވެސް މުބާރާތުގައި އެންމެ ބޮޑަށް މަސައްކަތްކުރީ، ސެމީ ފައިނަލް ރެޔަށްކަމަށް އާދަމް ބުންޏެވެ. img:http://s3.psmnews.mv/images/660x400/14677971785274.jpg|އެންމެ އަލިގަދަ ތަރީގެ ގަދަ 3 ބައިވެރިން - ފޮޓޯ: ޕީއެސްއެމް ނިއުސް

އާދަމްގެ މަންމަ މަރިޔަމް ޤާސިމް ބުނީ އާދަމް އަކީ ކުޑައިރުވެސް ޤުރުއާން ކިޔެވުމަށް ލޯބިކުރާ ވަރަށް ބަސް އަހާ ދަރިއެއް ކަމަށެވެ. އަދި އާދަމް މިހޯދި ކާމިޔާބާމެދު ފަޚުރުވެރިވާ ކަމަށްވެސް އާދަމްގެ މަންމަ ބުންޏެވެ. އާދަމް ނަސީމް އަކީ އޭނާގެ އާއިލާގެ އެންމެ ހަގު މެމްބަރެވެ. އާއިލާގައި އޭނާއާއެކު 7 ކުދިން ތިބެއެވެ. އޭނާގެ އެއްބަނޑު އެއްބަފާ މީހުން ސިފަކުރާގޮތުގައި އާދަމް އަކީ އާއިލާގެ އެހެން ކުދިންނާއި ވަރަށް ގުޅިގެން އުޅޭ ކުއްޖެކެވެ. އާއިލާގެ މީހުން ބުނީ އާދަމް އަކީ އެންމެ ކުޑައިރުއްސުރެ މިކަމަށް ޝަޢުޤުވެރިކަން ހުރެ މަސައްކަތްކުރާ ކުއްޖެއް ކަމަށެވެ.

ޕީއެސްއެމް އިން ވަނީ ބައިނަލްއަޤްވާމީ ޤުރުއާން ކިޔެވުމުގެ މުބާރާތެއް ބާއްވަން ނިންމާފައެވެ. އާދަމް ނަސީމް ބުނީ މުބާރާތްތަކުގައި ބައިވެރިވުމަކީ އިތުރަށް މަޢުލޫމާތުތަކެއް އެނގިގެންދާނެ ކަމެއް ކަމަށްވާތީ، އެ މުބާރާތުގައި ބައިވެރިވުމުގެ ޝަޢުޤުވެރިކަން އެބަހުރި ކަމަށެވެ. އެހެންމަވެސް ބައިވެރިވުމާއިމެދު އަދި ވަކިގޮތެއް ނުނިންމާ ކަމަށް އާދަމް ނަސީމްބުންޏެވެ. އާދަމް ބުނީ ކުރިއަށްއޮތްތާގައިވެސް އަލިގަދަ ތަރި މުބާރާތަށް ފޯކައިދޫން މީހަކު ބައިވެރިކުރުވުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ދިވެހި ފުލުހުންގެ އިމާމެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޢުމުރުން 30 އަހަރުގެ އާދަމް ނަސީމް މިހާރު ދަނީ ޤުރުއާން ހިތުދަސްކުރަމުންނެވެ. އޭނާ މިހާރު ދަސްކުރަމުންދަނީ 25 ވަނަ ފޮތެވެ. ކޮންމެ ރެޔަކު ބައި ސަފްޙާ ދަސްކުރުމަށްފަހު އެސަފްޙާ ކިޔަވާފައިވާ މަޝްހޫރު މީހެއްގެ ކިޔެވުން އަޑުއަހާ، އޭނާއަށް ދަސްވީ ރަގަޅަށްތޯ އާދަމް ބަލާ ޔަޤީން ކުރެއެވެ. އާދަމްގެ އަމާޒަކީ ކުރިއަށްއޮތް 5 އަހަރުގެތެރޭގައި ޤުރުއާން އެއްކޮށް ހިތުދަސްކުރުމެވެ.

އާދަމް ނަސީމް ޤުރުއާން ކިޔަވައިދެމުންދާ އެތައް ސަތޭކަ ދަރިވަރުންނެއް އެބަތިއްބެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 5،000 އަށްވުރެ ގިނަ ދަރިވަރުން ތިބޭނެކަމަށް އާދަމް ބުންޏެވެ. އާދަމް ވަނީ ޝަޢުޤުވެރިކަމާއެކީ މިދާއިރާއިން ޚިދުމަތްކުރުމުގައި ދެމިހުރުމުގެ އަޒުމް ކަނޑައަޅާފައެވެ.

އާދަމް ނަސީމްއަކީ މިހާރު ރާއްޖޭގެ ގިނަ ބަޔަކު ދަންނަ ބަލައިގަންނަ އިޙުތިރާމްކުރާ މަޤްބޫލު ޝަހުސިއްޔަތަކަށް މިވަނީ ވެފައެވެ. މިދާއިރާއަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިދާއިރާއަށް ވަރަށްބޮޑު ޝަޢުޤުވެރިކަމަކާއި އެކު ވަގުތު ދީގެން މަސައްކަތްކުރުމަކީ އާދަމްގެ ނަސޭހަތެވެ.