މުނިފޫހިފިލުވުން

"އިންޓަރނޭޝަނަލް ޓުއަރިޒަމް ފިލްމް ފެސްޓިވަލް" ފެށިއްޖެ


"އިންޓަރނޭޝަނަލް ޓުއަރިޒަމް ފިލްމް ފެސްޓިވަލް" އަކީ ރާއްޖޭގެ ފިލްމް އިންޑަސްޓްރީއަށް ވަރަށްވެސް އުއްމީދީ ހަރަކާތެއް ކަމަށާއި، ރާއްޖޭގެ ބައެއް ފިލްމްތައް ބޭރުގެ ފެސްޓިވަލްތަކުގައި ބައިވެރިކުރުމުގެ ހުށައެޅުންތައް މިހާރުވެސް ލިބެމުން އަންނަ ކަމަށް ސަން ހޮޓެލްސް އެންޑް ރިޒޯޓްސް ގްރޫޕުން ބުނެފިއެވެ. img:http://s4.psmnews.mv/images/660x400/14682586251784.jpg|"އިންޓަރނޭޝަނަލް ޓުއަރިޒަމް ފިލްމް ފެސްޓިވަލް"ގެ ތެރެއިން - ފޮޓޯ: ދަ ސަން ސިޔާމް އިރުފުށި

މިމަހުގެ 10 އަކުން 12 އަށް "ސަން ސިޔާމް އިރުފުށީ"ގައި ކުރިއަށް ގެންދާ މި ފިލްމް ފެސްޓިވަލްގައި ރާއްޖެ ހިމެނޭހެން ޖުމްލަ 20 ޤައުމަކުން 200 އަށް ވުރެ ގިނަ ފިލްމް ބައިވެރިކޮށްފައިވެއެވެ. މިއީ ރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ފިލްމް ފެސްޓިވަލްއެއް ބާއްވާ ފުރަތަމަ ފަހަރެވެ. މި ފެސްޓިވަލްއާއި ގުޅޭގޮތުން ޕީ.އެސް.އެމްއާއި ވާހަކަދައްކަވަމުން ސަން ހޮޓެލްސް އެންޑް ރިޒޯޓްސްގެ ގްރޫޕް ބިޒްނަސް ޑިވެލޮޕްމަންޓް ޑިރެކްޓަރ، އީވްގޭނިއާ ބޮޔަންކޯވާ ވިދާޅުވީ، މި ފެސްޓިވަލަށް ހީވެސް ނުކުރާވަރުގެ ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަމަށާއި، ފިލްމްތަކުގެ ކޮލެޓީއާއި މެދު ހުރިހާ ފަރާތްތަކަކުންވެސް ހިތްހަމަޖެހޭ ކަމަށެވެ. img:http://s1.psmnews.mv/images/660x400/14682585577727.jpg|"އިންޓަރނޭޝަނަލް ޓުއަރިޒަމް ފިލްމް ފެސްޓިވަލް"ގެ ތެރެއިން - ފޮޓޯ: ދަ ސަން ސިޔާމް އިރުފުށި

މިއީ މިފަދަ ފެސްޓިވަލެއް ރާއްޖޭގައި ބޭއްވޭ ފުރަތަމަ ފަހަރުކަމުން، ދިވެހި ފިލްމްތައް ބައިވެރިކުރި އަދަދު މަދުވިނަމަވެސް، އުއްމީދަކީ ކުރިއަށް އޮތްތާ ދިވެހި ފިލްމްތައް ބައިވެރިކުރާ ނިސްބަތް އިތުރުވުން ކަމަށާއި، ދިވެހިންގެ ހުނަރުވެރިކަމަށް ތަޢުރީފުގެ ބަސްތައް ލިބެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. މިހާރުވެސް ރާއްޖޭގެ ފިލްމެއް 3 ޤައުމެއްގެ ފިލްމް ފެސްޓިވަލްގައި ބައިވެރިކުރުމުގެ ދަޢުވަތު ލިބިފައިވާކަމަށް އީވްގޭނިއާ ބޮޔަންކޯވާ ވިދާޅުވިއެވެ. img:http://s2.psmnews.mv/images/660x400/14682586413478.jpg|"އިންޓަރނޭޝަނަލް ޓުއަރިޒަމް ފިލްމް ފެސްޓިވަލް"ގެ ތެރެއިން - ފޮޓޯ: ދަ ސަން ސިޔާމް އިރުފުށި

މި ފިލްމް ފެސްޓިވަލްގައި ރާއްޖޭގެ ފަރާތުން 7 ފިލްމެއް ބައިވެރިކޮށްފައިވެއެވެ. މި ފެސްޓިވަލްގައި 10 ދާއިރާއަކުން އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ ފިލްމް އިންޑަސްޓްރީ އިތުރަށް ތަރައްޤީކޮށް، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި ދިވެހި ފިލްމް އިންޑަސްޓްރީގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުމުގެ މަޤްޞަދުގައި ބާއްވާ ފިލްމް ފެސްޓިވަލެކެވެ. img:http://s3.psmnews.mv/images/660x400/14682586746588.jpg|"އިންޓަރނޭޝަނަލް ޓުއަރިޒަމް ފިލްމް ފެސްޓިވަލް"ގެ ތެރެއިން - ފޮޓޯ: ދަ ސަން ސިޔާމް އިރުފުށި

އެގޮތުން ކަމާގުޅޭ ފަރާތްތަކުގެ މެދުގައި އެކި ކަހަލަތައް ސެމިނަރތައް ބޭއްވުމާއި، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިޙާރުކުރުމުގެ އިތުރުން، ދިވެހި ތާރީޙާއި ސަޤާފަތް ދައްކުވައިދޭ ފަދަ ހަރަކާތްތައް މިރެއާއި މާދަމާވެސް ކުރިއަށްގެންދާނެއެވެ. މި ފެސްޓިވަލް ނިންމުމުގެ ގޮތުން ބާއްވާ އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރުއެވެ. img:http://s2.psmnews.mv/images/660x400/14682587062793.jpg|"އިންޓަރނޭޝަނަލް ޓުއަރިޒަމް ފިލްމް ފެސްޓިވަލް"ގެ ތެރެއިން - ފޮޓޯ: ދަ ސަން ސިޔާމް އިރުފުށި