ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުން ހުއްދަ ނެތި ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެކުރަން އުޅުނު ފުލުސް މުވައްޒަފު ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 6:20 އެހާކަންހާއިރު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗަރ ހޯލުން ހުއްދަނެތި ގިނަ އަދަދެއްގެ ސިނގިރޭޓު ރާއްޖެ އެތެރެކުރަން މަސައްކަތްކޮށްފައިވާ މައްސަލައެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކުރިކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހުން ހައްޔަރުކުރީ ޑަސްބިން ކޮތަޅުތަކަކަށް ސިނގިރެޓް ކާޓަން ތަކެއް އަޅައިގެން ބޭރުކުރަނިކޮށެވެ.
ފުލުހުން ވިދާޅުވީ ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތަކަކާއެކު އެ މީހުން ދޫކޮށްލުމަށް ކޯޓުން ޙުކުމްކުރައްވާފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ ޢުމުރުން 45 އަހަރުގެ އަޙްމަދު ފައިސަލާއި، އުމުރުން 38 އަަހަރުގެ ޔޫސުފް ނަޛީރެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކުރީ ސާޖަންޓް ޔޫސުފް ނަޛީރު ވަނީ 2025 މާރިޗު 26 ވަނަ ދުވަހުން ފެށިގެން މުސާރަ ނުލިބޭގޮތަށް ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ ޤަވާއިދުގެ ދަށުން ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރެވޭނ،ީ ޞިއްޙަތާބެހޭ ވުޒާރާއިން ދޫކުރާ ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމުގެ ލައިސަންސާއި ދުންފަތުގެ ބާވަތްތައް ރ-ީއެކްސްޕޯޓްކުރުމުގެ ލައިސަންސް ނުވަތަ ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިން ވިއްކުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.