ޚަބަރު

ޢީދު ހަވީރުގެ ތައްޔާރީތަކަށް ސަލްޓަން ޕާކު ބަންދުކުރަނީ


  • ޢީދު ހަވީރު ބާއްވަނީ ސަރުކާރުގެ އެކި ވުޒާރާތަކާއި ކުންފުނިތައް ގުޅިގެން

  • ޢީދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ ޢީދު ދުވަހުގެ ހަވީރު 4 އިން 6 އަށް

ޢީދު ހަވީރުގެ ތައްޔާރީތަކަށް މާދަމާއިން ފެށިގެން ފިޠުރު ޢީދު ދުވަހާއި ހަމައަށް ސަލްޓަން ޕާކު ބަންދުކުރުމަށް ނިންމާފައިވާކަމަށް އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ ފިޠުރު ޢީދުގެ މުނާސަބަތުގައި ސަރުކާރުން އިންތިޒާމުކުރާ "ޢީދު ހަވީރު 1446" ގެ ތައްޔާރީތަކަށްޓަކައި، 2025 މާރިޗު 28 ވަނަ ދުވަހުން ފެށިގެން ފިޠުރު ޢީދު ދުވަހާއި ހަމައަށް ސަލްޓަން ޕާކު އާންމުންނަށް ބަންދުވާނެކަމަށެވެ. ދިފާޢީ ވުޒާރާއިން ސަރުކާރުގެ އެކި ކުންފުނިތަކާއި ކުޅިވަރާއި ބެހޭ ވުޒާރާއާއި، ޤައުމީ ދިފާޢީ ބާރާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅިގެން ކުރިއަށްގެންދާ ޢީދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ ޢީދު ދުވަހުގެ ހަވީރު 4 އިން 6 އަކަށެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްއެންޑީއެފްއިން މީގެކުރިން ވިދާޅުވީ، މާލޭގެ 3 ސަރަޙައްދެއްގައި ކުޅިވަރުތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ސަލްޓަން ޕާކާއި، ޝަހީދުންގެ ބިނާ ކުރިމަތީގައި އަދި ޖުމްހޫރީ މައިދާން ސަރަޙައްދުގައި ޙަރަކާތްތައް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ޢީދާއި ގުޅިގެން މާލޭގެ އިތުރުން އަތޮޅުތަކުގެ ގިނަ ރަށްރަށް ދިއްލާލުމަށްވެސް މިއަހަރުވަނީ ނިންމާފައެވެ. މިގޮތުން މިއަންނަ ހޮނިހިރު ދުވަހު "ޢީދު އަލި" ފެށުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

"ޢީދު އަލި" ހަރަކާތުގެ ތެރެއިން މާލެ ދިއްލުމަށް ކުރަންޖެހޭ މަސައްކަތްތައް ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން އަންނަނީ ކުރައްވަމުންނެވެ. އެގޮތުން، މާބަގީޗާތަކާއި ޢީދުގެ އެކި ޝިއާރުތައް ފެންނަގޮތަށް ފަރުމާކޮށްފައިވާ ލައިޓުތަކާއި، ގިޑިގެތައް ބޮޑެތި މަގުތަކާއި ގިނައިން އާންމުން އެއްވާ ސަރަހައްދުތަކުގައި ދަނީ ހަރުކުރަމުންނެވެ. މިއީ އިސްލާމީ ޤައުމުތަކުގައިވެސް ޢީދު ފާހަގަކުރުމަށް ގެންގުޅޭ ސަގާފަތެކެވެ.

މިދިޔަ އަހަރު ފެށި މި ހަރަކާތުގައި އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްރަށާއި ސިޓީތައްވެސް ދިއްލާފައިވާއިރު ބަޖެޓު ތަންދޭވަރަކުން ކޮންމެ އަހަރަކުވެސް އިތުރު ރަށްތައް ދިއްލާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އެގޮތުން، މިއަހަރު އިތުރު 36 ރަށެއް ދިއްލުމަށް ވަނީ ނިންމަވާފައެވެ.

މިއަހަރު ޢީދަށް ދިއްލާ އިތުރު ރަށްތައް:

ހއ. ހޯރަފުށި - އިހަވަންދޫ
ހދ. ނޮޅިވަރަމް - ހަނިމާދޫ
ށ. މިލަންދޫ - ފޯކައިދޫ
ނ. ވެލިދޫ - ހޮޅުދޫ
ރ. އަލިފުށި - ދުވާފަރު
ބ. ތުޅާދޫ - ހިތާދޫ
ޅ. ހިންނަވަރު - ކުރެންދޫ
ކ. ކާށިދޫ - މާފުށި
އއ. ތޮއްޑޫ - އުކުޅަސް
އދ. މާމިގިލި - އޮމަދޫ
ވ. ކެޔޮދޫ - ފުލިދޫ
މ. މުލައް - ކޮޅުފުށި
ފ. ބިލެއްދޫ - ފީއަލި
ދ. މީދޫ - މާއެނބޫދޫ
ތ. ތިމަރަފުށި - ވިލުފުށި
ލ. ގަން - މާވަށް
ގއ. ދާންދޫ - ގެމަނަފުށި
ގދ. ގައްދޫ - މަޑަވެލި

ޢީދަށް ރަށްތައް ދިއްލުމުގެ ރަސްމިއްޔާތު ބޭއްވުމަށް ސަރުކާރުން ނިންމަވާފައިވަނީ މި މަހުގެ 29ވަނަ ދުވަހުގެ ރޭގައެވެ. އެ ދުވަހަށް ހުރިހާ ރަށަކަށް ސާމާނު ގެންގޮސް ހުރިހާ ރަށެއްވެސް ދިއްލާލެވޭނެކަމަށް ސިޓީތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.