ޚަބަރު

ޕާކިސްތާން ސަފީރު ނައިބު ރައީސްއާ ބައްދަލުކުރެއްވުން


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) ސަޢީދު ޚަވާރު ޢަލީ ޝާހްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖެއާއި ޕާކިސްތާނާއި ދެޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމްކުރެވުނުތާ 50 އަހަރު މިއަހަރުގެ ޖުލައި 26 ގައި ފުރޭކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ‏ދިވެހިރާއްޖެއާއި ޕާކިސްތާނާއި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އެކި ދާއިރާތަކުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުން ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި މަޝްވަރާ ކުރައްވާފައެވެ. މީގެތެރޭގައި، ރާއްޖޭގެ އިޤްތިޞާދީ، އިޖްތިމާޢީ އަދި ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާއާ ބެހޭގޮތުން ވެސް ދެބޭފުޅުން ވާހަކަފުޅުދައްކަވާ މަޝްވަރާ ކުރެއްވިއެވެ.