ކުޅިވަރު

ޒްވެރޭވް ކަޓުވާލައި ފިލްސް ކުއާޓާ ފައިނަލަށް


އެމެރިކާގައި މިހާރު ކުރިއަށްދާ މަޔާމީ އޯޕަން ޓެނިސް މުބާރާތުގެ ގަދަ 16 ބުރުގައި ޖަރުމަންގެ އެލެކްޒެންޑަރ ޒްވެރޭވް ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލަށް ފްރާންސްގެ އާތަރ ފިލްސް ދަތުރުކޮށްފިއެވެ.

މި މުބާރާތުގެ 17 ވަނައަށް ސީޑް ކޮށްފައިވާ އުމުރުން 20 އަހަރުގެ ފިލްސް ކުއާޓާގެ ޖާގައެއް ހޯދީ ފަހަތުން އަރައި ދެ ސެޓު އެއް ސެޓުން ޒްވެރޭވް ބަލިކުރުމަށްފަހުއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު ހައެއް ތިނަކުން ގެންގޮސްފައިވަނީ ޒްވެރޭވްއެވެ. އެކަމަކު ފިލްސް ވަނީ ކުޅުން ރަނގަޅުކޮށް، އަނެއް ދެ ސެޓު ކާމިޔާބުކޮށްފައެވެ. އެ ދެ ސެޓު ފިލްސް ގެންގޮސްފައިވަނީ ހައެއް ތިނެއް އަދި ހައއް ހަތަރަކުންނެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލުގައި ފިލްސް ބައްދަލުކުރާނީ ޗެކް ރިޕަބްލިކްގެ ޔަކޫބް މެންސިކްއާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން 10:00 ގައެވެ.