ދިވެހިރާއްޖެއިން ނެދަލަންޑްސްއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު ޤީލާ ޢަލީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ނެދަލަންޑްސްގެ ރަސްގެފާނު ކިންގް ވިލްއެމް-އެލެގްޒެންޑަރއަށް އަރުވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ދަ ހޭގުގައި ހުންނަ 'ނޫރުދެއިންދް' ޕެލަސްގައެވެ.
ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ޕްރައިވެޓް އޯޑިއަންސްގައި ސަފީރު ޤީލާ އަލީ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ނެދަލަންޑްސްގެ ރަސްގެފާނަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވާފައެވެ. އަދި ދިވެހިރާއްޖެ އާއި ނެދަލަންޑްސް އާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރަމުންގެންދާނެ ކަމުގެ ޔަގީންކަން އެކަމަނާ އެރުވިއެވެ.
ދިވެހިރާއްޖެއާއި ނެދަލަންޑްސް އާ ދެމެދު އޮތް ގުޅުމަށް 45 އަހަރު ވެފައިވާއިރު، ފަތުރުވެރިކަމަށާއި ތަރައްޤީގެ މަޝްރޫޢުތަކުގައި ނެދަލަންޑްސް އަކީ މުހިންމު ބައިވެރިއެކެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި، ސަފީރު ޤީލާ އަރިހުގައި އެކަމަނާގެ ފިރިކަލުން އަބްދުﷲ މުޝްރިފް އަދި ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ، މުހައްމަދު ޝައްފާއު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.