ސޫރިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމުގެ ކުރިން ސޫރިޔާގެ ސަރުކާރުން ފުރިހަމަ ކުރަން ޖެހޭނެ ކަމަށް އެމެރިކާއިން ޤަބޫލު ކުރާ ކަންކަމުގެ މައްޗަށް ބިނާކޮށް އެމެރިކާއިން އެގައުމަށް ޝަރުތުތަކެއް ކުރިމަތިކޮށްފިއެވެ. އެމެރިކާއިން ސޫރިޔާއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅީ، 2011ވަނަ އަހަރު އެ ޤައުމުގައި ފެށި ދާޚިލީ ހަނގުރާމައާ ގުޅިގެންނެވެ.
ސޫރިޔާގެ އަހުލީހަނގުރާމަ ފެށުނީ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަމުގައެވެ. ނަމަވެސް، ހުސްވި އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހު ބަޣާވާތަކުން އަސަދުގެ ސަރުކާރަށް ވަނީ ނިމުމެއް ގެނެސްފައެވެ. އަސަދުގެ ސަރުކާރު ވައްޓައިލާފައި ވަނީ ނިރުބަވެެރި ޖަމާޢަތެއް ކަމުގައިވާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ންނެވެ. ސޫރިޔާގައި މި ވަގުތު ވެރިކަން ކުރަމުން ދަނީ އެޗްޓީއެސުން އެކުލަވައިލާފައިވާ ވަގުތީ ސަރުކާރަކުންނެވެ. ރައީސް ކަމުގެ މަޤާމު ފުރަމުން ދަނީ އެޗްޓީއެސްގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢެވެ.
އެމެރިކާގެ އިތުރުން ބައިނަލްއަޤުވާމީ މުޖުތަމަޢުން ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވައިލުމަށް ޝަރާޢުގެ ސަރުކާރުން ދަނީ ބާރު އަޅަމުންނެވެ. އެ ޤައުމާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ ކުރިން ސޫރިޔާގެ ސަރުކާރުން ފުރިހަމަ ކުރަން ޖެހޭނެ ކަމަށް އެމެރިކާއިން ޤަބޫލު ކުރާ ކަންކަމުގެ ލިސްޓެއް ޝަރާޢުގެ ސަރުކާރާ ހިއްސާ ކޮށްފައިވާ ކަން ހާމަކޮށްފައި ވަނީ އެމެރިކާއާއި ސޫރިޔާގެ މަޞްދަރުތަކުންނެވެ.
އެމެރިކާގެ ޝަރުޠުތަކުގެ ލިސްޓު އެޗްޓީއެސްގެ ސަރުކާރުގެ ޚާރިޖީ ވަޒީރު ޢާޛާދު ޙަސަން އަލް-ޝަޔިބާނީއާ ޙަވާލު ކުރައްވާފައި ވަނީ ލެވާންތާއި ސޫރިޔާއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ޑެޕިޔުޓީ އެސިސްޓެންޓް ސެކްރެޓަރީ ނަތާޝާ ފްރަންޗެސްކޭއެވެ. އެމެރިކާގެ ޝަރުޠުތައް ސޫރިޔާއަށް ހުށަހަޅާފައި ވަނީ ސޫރިޔާގައި ހާލުގައި ޖެހިފައިވާ ނިކަމެތީންނަށް އިތުރު އެހީ ހޯދުމަށް ބެލްޖިޔަމްގެ ވެރިރަށް ބްރަސަލްސްގައި މާރިޗު 18ވަނަ ދުވަހު ބޭއްވި ސަމިޓުގެ ހަވާސާގައެވެ.
އެއީ، ޖަނަވަރީ 20ވަނަ ދުވަހު އެމެރިކާގެ ރައީސް ކަމުގެ މަޤާމާ ޑޮނަލްޑް ޓްރަމްޕް ޙަވާލުވެ ވަޑައިގެންނެވި ފަހުން އެޗްޓީއެސްގެ ސަރުކާރާއި އެމެރިކާގެ ސަރުކާރާ ދެމެދު ބާއްވާފައިވާ އެންމެ މަތީ ފަންތީގެ ބައްދަލުވުމެވެ. މަޞްދަރުތަކުން ބުނީ، އެމެރިކާއިން ބޮޑެތި ޝަރުޠުތަކެއް ސޫރިޔާއަށް ހުށަހަޅާފައިވާ ކަމުގައެވެ. އޭގެ ތެރޭގައި، ސޫރިޔާގައި ހުރި ކެމިކަލް ހަތިޔާރުތައް ނައްތައިލުމާއި، ނިރުބަވެރިކަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރުން ހިމެނެއެވެ.
މީގެ އިތުރުން، ސޫރިޔާގެ ސަރުކާރުގެ އިސް މަޤާމުތަކަށް ބޭރުގެ ހަނގުރާމަވެރިން އިސްނުކުރުމަށް ވެސް އެމެރިކާއިން ޝަރުޠު ކޮށްފައިވެއެވެ. ނަމަވެސް، ސޫރިޔާގެ ސަރުކާރުގެ ބައެއް އިސް މަޤާމުތަކަށް މިހާރު ވެސް އެހެން ޤައުމުތަކުގެ ހަނގުރާމަވެރިން އިސްކޮށްފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އޭގެ ތެރޭގައި އުރުދުނާއި ތުރުކީވިލާތުގެ ރައްޔިތުންގެ އިތުރުން އުއީގުރް ދަރިކޮޅުގެ މީހުން ހިމެނެއެވެ. އެ މީހުން އިސް ކޮށްފައި ވަނީ އެޗްޓީއެސް ސަރުކާރުގެ ދިފާޢީ ވުޒާރާގެ އިސް މަޤާމުތަކަށެވެ. މިއީ ބޭރު ޤައުމުތަކުން ކަންބޮޑުވުން ފާޅު ކޮށްފައިވާ މައްސަލައެކެވެ.
ސޫރިޔާއަށް ދަތުރު ކުރަނިކޮށް ވީނުވީއެއް ނޭނގި ގެއްލިފައިވާ އެމެރިކާގެ ނޫސްވެރިއަކު ހޯދުމުގައި އެހީތެރި ކަން ފޯރުކޮށްދިނުމަށް ވެސް އެމެރިކާއިން ވަނީ އެޗްޓީއެސްގެ ސަރުކާރަށް ޝަރުޠު ކޮށްފައެވެ. އޮސްޓިން ޓަޔިސް ގެއްލިފައި ވަނީ މީގެ ދަހަރެއްހާ ދުވަސް ކުރިން ސޫރިޔާއަށް ކުރި ދަތުރެއްގެ ތެރެއިންނެވެ. އެމެރިކާއިން ވަނީ އޭނާ ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކޮށް، އެ ކަމުގައި އެހީތެރި ކަން ފޯރުކޮށްދިނުމަށް އެޗްޓީއެސް ސަރުކާރުގެ އިސް އޮފިޝަލަކު ކަނޑައެޅުމަށް އެދިފައެވެ.
މަޞްދަރުތަކުން ބުނީ، އެމެރިކާގެ ޝަރުޠުތައް އެޗްޓީއެސްގެ ސަރުކާރުން ފުރިހަމަ ކުރުމުން، އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ބައެއް ފިޔަވަޅުތަކަށް ލުއިދިނުމަށް ފަށާނެ ކަމުގައެވެ. މި ގޮތުން، ސޫރިޔާގެ ދައުލަތުގެ އިދާރާތަކާ އެކު ވިޔަފާރީގެ މުޢާމަލާތްތައް ހިންގުން ހުއްދަ ކޮށްފައިވާ އަމުރުގެ މުއްދަތު އިތުރު ދެ އަހަރަށް އިތުރު ކުރުމާއި، ސޫރިޔާގެ ސިޔާދަތީ މިނިވަން ކަން ބަލައިގަންނަ ކަން ހާމަކޮށް އެމެރިކާއިން ބަޔާނެއް ނެރުން ހިމެނޭ ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ. އެމެރިކާގެ ޝަރުޠުތައް ފުރިހަމަ ކުރުމަށް އެޗްޓީއެސްގެ ސަރުކާރަށް މުހުލަތެއް ދީފައިވާ ކަން ނުވަތަ ނޫން ކަން ސާފެއް ނޫނެވެ.
14 ވަރަކަށް އަހަރަށް ދެމިގެން ދިޔަ އަހުލީހަނގުރާމައަށް ފަހު ސޫރިޔާގެ އިޤްތިޞާދު މި ވަގުތު އޮތީ ފުނޑުފުނޑުވެފައެވެ. ވަޅުގަނޑަކަށް ވެއްޓިފައެވެ. އިޤުތީޞާދީ ދަތިކަމުން އަރައިގަތުމަށް އެޗްޓީއެސްގެ ސަރުކާރަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ޤައުމާ ދެކޮޅަށް އެމެރިކާއާއި ބައިނަލްއަޤުވާމީ މުޖުތަމަޢުން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކެވެ. އޭގެ ތެރެއިން ބައެއް ފިޔަވަޅުތައް މިހާރު އުވައިލާފައިވީ ނަމަވެސް، އޭގެ ހެޔޮ އަަސަރުތައް ފެންނަން ފަށާފައި ނުވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. ހަނގުރާމައާ ގުޅިގެން ހާލުގައި ޖެހިފައިވާ ނިކެމަތީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ވެސް ދާދި ފަހުން ހަރުދަނާ ކޮށްފައިވެއެވެ.