ޚަބަރު

ދޫނިރޯގާ ފެތުރޭތީ ބަންގްލަދޭޝުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފި


ބަންގްލަދޭޝުން އަނެއްކާ ވެސް ދޫނިރޯގާ ޖެހިފައިވާ ގިނަ އަދަދެއްގެ ދޫނިތަކެއް ފެނިއްޖެއެވެ. މި ކަން ހާމަކޮށްފައި ވަނީ ޖަނަވާރުގެ ޞިއްޙަތާ ބެހޭ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ، ވަރލްޑް އޮގަނައިޒޭޝަން ފޯ އެނިމަލް ހެލްތު (ޑަބްލިޔުއޯއޭއެޗު)ންނެވެ. މިއީ، 2018ވަނަ އަހަރަށް ފަހު ބަންގްލަދޭޝްގައި ޖަނަވާރު ގެންގުޅޭ ދަނޑަކުން ނުވަތަ ފާމަކުން ދޫނިރޯގާގެ އަސަރު ފެނިފައިވާ ފުރަތަމަ ފަހަރެވެ.

މި ފަހަރު ބަލި ޖެހިފައިވާ ދޫނިތަކެއް ފެނިފައި ވަނީ ބަންގްލަދޭޝްގެ ހުޅަނގު ދެކުނުގައި އޮތް ޖޯޝޯރް ޑިސްޓްރިކްޓުގެ ވެރިރަށް ޖޯޝޯރުންނެވެ. އެއީ، ބޮއިރޯބް ކޯރުގެ އައްސޭރިފަށުގައި އޮތް ދަނޑުވެރި ކަމުގެ ދާއިރާއިން މަޝްހޫރު ސަރަޙައްދެކެވެ.

ޑަބްލިޔުއޯއޭއެޗުން ބުނީ، އެ ސަރަޙައްދުގައި ހުރި ޖަނަވާރު ގެންގުޅޭ ދަނޑެއްގައި ތިބި 4,000އެއްހާ ދޫންޏެއްގެ ހަށިގަނޑުން ބަލީގެ ވައިރަސް ފެނިފައިވާ ކަމުގައެވެ. އަދި، އޭގެ ތެރެއިން 1,900އެއްހާ ދޫނި، ބަލީގައި މަރުވެފައިވާ ކަމުގައެވެ. އެހެން ސަރަޙައްދުތަކަށް ބަލި ފެތުރުން ކޮންޓުރޯލު ކުރުމުގެ ގޮތުން ބަންގްލަދޭޝްގެ ކަމާ ގުޅޭ އިދާރާތަކުން ވަނީ، ބަލި ޖެހިފައިވާ ދޫނިތަކާ އެއްތަންވެފައިވާ އެހެން ހުރިހާ ދޫނިތައް މަރައިލައި، ނައްތައިލާފައެވެ.

ހަލުވިކަމާ އެކު ފެތުރޭ 'އެވިއަން އިންފްލުއެންޒާ' ނުވަތަ ދޫނިރޯގާއަކީ ނުރައްކާތެރި ބައްޔެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަންބޮޑުވާ ފަދަ ހަލު މިނެއްގައި މި ބަލި ފެތުރެމުންދާ ކަމުގައި އެކުވެރި ދައުލަތްތައް (އދ)ގެ ދުނިޔޭގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ އިދާރާ (އެފްއޭއޯ)ން ހާމަކުރިއެވެ.

އެފްއޭއޯން ބުނީ، މި ވަގުތު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ހަލުވިކަމާ އެކު ފެތުރެމުން ދަނީ ދޫނިރޯގާގެ އެޗް5އެން1 ވޭރިއެންޓް ކަމުގައެވެ. ދުނިޔޭގެ ފަސް ބައްރެއްގައި މި ބަލި ހަލުވިކަމާ އެކު ފެތުރެމުންދާއިރު، ދޫނީގެ 528 ވައްތަރެއްގެ މެދުގައި މި ބަލި ފެތުރެމުންދާ ކަމުގައި އެ އިދާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ޖަނަވާރު ގެންގުޅޭ ދަނޑުތަކުގައި ތިބި ދޫންޏާއި ވަލުގައި ދިރިއުޅޭ ދޫނި ހިމެނެއެވެ.

މި ބަލި ފެތުރުން ކޮންޓުރޯލު ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. މި ގޮތުން، އެތަކެއް މިލިޔަން ދޫނި މަރައިލައި، ނައްތައިލާފައިވާއިރު، ގިނަ އަދަދެއްގެ ދޫނި މަރައިލަން ޖެހުނު ޤައުމުތަކުގެ ތެރޭގައި އެމެރިކާ ވެސް ހިމެނެއެވެ. މިއާ އެކު، ދުނިޔޭގެ ބައެއް ސަރަޙައްދުތަކުގައި ދޫނި މަހާއި ބިހުގެ އަގުތައް އުފުލިފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.

އެފްއޭއޯން ބުނީ، 2021ވަނަ އަހަރުން ފެށިގެން ދޫނިރޯގާ ބަލި ހަލުވިކަމާ އެކު ފެތުރެމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމުގައެވެ. އަދި، ވަލުގައި ދިރިއުޅޭ ދޫނީގެ 300އެއްހާ އިތުރު ވައްތަރަކަށް މި ބަލި އަލަށް ފެތުރިފައިވާ ކަމުގައެވެ. މިއީ، ޖަނަވާރުތަކާއި އެ ތަކެތީގެ މާހައުލީނިޒާމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި އެ އިދާރާއިން ސިފަ ކުރިއެވެ. ދޫނީގެ އިތުރުން ޖަނަވާރުގެ އެހެން ވައްތަރުތައް ކަމުގައިވާ މެމަލްސްއަށް ވެސް މި ބަލި ފެތުރެން ފަށާފައިވާ ކަން އެފްއޭއޯން ފާހަގަ ކުރިއެވެ. އޭގެ ތެރޭގައި ސާރިދޯޅާއި، ސީލް އަދި ނައަމްސޫފީގެ ގޮތުގައި ބައެއް ޖަނަވާރުތައް ވެސް ހިމެނެވެ.