އެފްއޭއެމް ވެޓެރަންސް ލީގު 2025 ގެ ސެމީ ފައިނަލްގައި ފަހަތުން އަރައި މުއިވެޔޮ ފްރެންޑްސް ބަލިކޮށް، މުބާރާތުގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކުލަބު ދަތުރުކޮށްފިއެވެ.
މާފަންނު ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ހުޅުމާލެ ވެޓެރަންސްއިން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ހުޅުމާލެ ވެޓެރަންސް މޮޅުވިއިރު، މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައިވެސް ވާދަކޮށްފައިވަނީ މި ދެ ޓީމެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ސެމީ ފައިނަލް ދެވަނަ މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ މުއިވެޔޮ ފްރެންޑްސްއިންނެވެ. ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ސުޖާއުއެވެ.
އެކަމަކު ހުޅުމާލެ ވެޓެރަންސްއިން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައިވަނީ ފަހު ފަސް މިނެޓުގެ ތެރޭގައެވެ. އެގޮތުން މެޗުގެ 59 ވަނަ މިނެޓުގައި ހުސައިން ޝިމާޒް (ކޮކީ) ވަނީ ލަނޑެއް ޖަހައި، ނަތީޖާ އެއްވަރުކޮށްފައެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އަބްދުﷲ ޒުބައިރު ކާމިޔާބުކޮށްދިން ލަނޑާއެކު، ހުޅުމާލެ ވެޓެރަންސް ވަނީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.
މި މޮޅާއެކު މުބާރާތުގެ ފައިނަލަށް ހުޅުމާލެ ވެޓެރަންސް ދަތުރުކުރިއިރު، ފައިނަލުގައި އެ ޓީމު ނުކުންނާނީ ވިލިމާލެ ޔުނައިޓެޑާ ދެކޮޅަށެވެ. ފައިނަލުގެ ޖާގައެއް ވިލިމާލެއިން ހޯދާފައިވަނީ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ޕޮލިސް ކުލަބު ބަލިކުރުމަށްފަހުއެވެ.