ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި އިޓަލީ އަތުން 5-4 ގެ އެގްރިގޭޓް ނަތީޖާއަކުން ޖަރުމަން މޮޅުވި މެޗުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވަނީ މެޗުގެ ބޯލް ބޯއިއެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދިޔަ އުމުރުން 15 އަހަރުގެ ނޯއެލް އަރބޭނިއަކްއަށެވެ.
އާދިއްތަ ދުވަހު ކުޅެވުނު މިމެޗަށްފަހު މީޑިއާގެ ބޮޑު ސަމާލުކަމެއް ނޯއެލްއަށް ލިބިފައިވާއިރު، ޖަރުމަނު ސަޕޯޓަރުންގެ ފަރާތުންވެސް އޭނާއަށް ދަނީ ތައުރީފުގެ ބަސްތައް އޮހެމުންނެވެ. އެންމެ 15 އަހަރުގެ މިކުއްޖާއަށް މިހާ ބޮޑު ސަމާލުކަމެއް ލިބިފައިވަނީ މެޗުގެ 36 ވަނަ މިނިޓުގައި ޖަރުމަނުގެ ކެޕްޓަން ޖޯޝުއާ ކިމިޗްއަށް ބޯޅަ ދިންލެއް ހަލުވިކަމުންނެވެ. ހުށިޔާރުކަމާއެކު ވަރަށް އަވަހަށް ނޯއެލް އެއްލި ބޯޅަނަގާ ކިމިޗްވަނީ ޖަރުމަނަށް އެޓީމުގެ 2 ވަނަ ގޯލު ޖަހަން އެހީތެރިވެދީފައެވެ.
ޖަރުމަނުގެ ކެޕްޓަން ކިމިޗް ފަހިކޮށްދިން ފުރުސަތުގައި މިގޯލު ޖަހާފައިވަނީ ގޯލާ ރައްޓެހި ޖަމާލް މުސިއާލާއެވެ. ކިމިޗް، މުސިއާލާއަށް ބޯޅަ ޖަހާފައިވަނީ އިޓަލީގެ ކީޕަރު ޖިއާންލުއިޖީ ޑޮންނަރޫމާ އާ ވާހަކަދައްކަންހުރި އިޓަލީގެ ޑިފެންސްލައިން ތައްޔާރުވުމުގެ ކުރިން ނެގި ކޯނަރަކުންނެވެ.
"މިކަހަލަ ކަމެއް ދިމާވި މިއީ ފުރަތަމަ ފަހަރު. އަހަރެން މިއީ ވަރަށް އުފާވެފަ" މި މެޗުގައި ލިބުނު ސޮއިކޮށްފައިވާ ބޯޅައެއް ހިފައިގެން، އުފަލުން ހުރެ މެޗުގެ ބޯލް ބޯއި ނޯއެލް ބުންޏެވެ.
ނޯއިލް ބުނިގޮތުގައި އޭނާ އެހާ އަވަހަށް ކިމިޗްއަށް ބޯޅައެއްލީ ކިމިޗް ބޯޅައަށް ތައްޔާރުވެގެން ހުރިކަމަށް ފާހަގަކުރެވިގެންނެވެ. އަދި އެއީ ބޯލް ބޯއިއެއްގެ ގޮތުގައި އޭނާ ދަނޑަށް ނިކުތް ފުރަތަމަ ދުވަސްކަމަށް ނޯއިލްވަނީ ބުނެފައެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. އެހެންކަމުން ދެ ލެގުގެ އެގްރިގޭޓް ނަތީޖާއަށް ބަލާ 5-4 އިން ކުރި ލިބުނީ ޖަރުމަނަށެވެ.
ޖަރުމަނު ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ ސެމީ ފައިނަލުގައި ޕޯޗުގަލްއާ ދެކޮޅަށް ނުކުތުމަށެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫންމަހުއެވެ.