ޚަބަރު

މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޑިރެކްޓަރ ޖެނަރަލްގެ މަގާމަށް މަޢުޞޫމް


  • މަޢުސޫމަކީ މެނޭޖްމަންޓް ދާއިރާގައި ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެއް

  • މީގެ ކުރިން މަޢުސޫމް ވަނީ އައިޖީއެމްއެޗްގައިވެސް މަސައްކަތް ކުރައްވާފައި

މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޑިރެކްޓަރ ޖެނަރަލްގެ މަގާމަށް އަޙްމަދު މަޢުޞޫމް އައްޔަންކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ވިދާޅުވީ ޞިއްހީ ވުޒާރާގެ ދަށުން ހިންގަމުންގެންދާ މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޑިރެކްޓަރ ޖެނަރަލްގެ މަގާމަށް އަޙްމަދު މަޢުޞޫމް މިއަދު އައްޔަންކުރައްވާފައިވާ ކަމަށެވެ.

އަޙްމަދު މަޢުސޫމަކީ މެނޭޖްމަންޓް ދާއިރާގައި ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. މީގެ ކުރިން މަޢުސޫމް ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައިވެސް މަސައްކަތް ކުރައްވާފައެވެ.

ޞިއްހީ ވުޒާރާއިން ވިދާޅުވީ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލާއި ޑިރެކްޓަރެއްގެ މަޤާމަށްވެސް ދެ ބޭފުޅުން ވަރަށް އަވަހަށް އައްޔަނުކުރެވޭނެ ކަމަށެވެ. އަދި އެ އިދާރާއަށް ވަރަށް އަވަހަށް ފިޒީޝަނެއްވެސް ހަމަޖެހޭނެކަމަށް ޞިއްހީ ވުޒާރާއިން ވިދާޅުވިއެވެ. އަދި އެ ތަނަށް މިވަގުތަށް ބޭނުންވާ 5 ނަރުހުން ހޯދުމަށް މިއަދު އިއުލާންކޮށްފައިވާކަމަށާއި އެހެނިހެން އިދާރީ މުވައްޒަފުން ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުންގެންދާކަމަށް ޞިއްހީ ވުޒާރާއިން ވިދާޅުވިއެވެ.

ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ޚިދުމަތް ރަނގަޅުކުރުމަށްޓަކައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތް ރަނގަޅުކޮށް، ހޮސްޕިޓަލެއްގެ ގޮތުގައި އެ ތަން ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. އެމަނިކުދާނު ވަނީ މިދިޔަ އާދިއްތަ ދުވަހު އެ ތަނަށް ޒިޔާރަތްކުރައްވާއި ޙާލަތު ބައްލަވާފައެވެ.