ޕާކިސްތާނުގައި ކުލަގަދަކޮށް ފާހަގަކުރާ "ޕާކިސްތާން ދުވަސް" ރާއްޖޭގައިވެސް ފާހަގަކޮށްފިއެވެ.
މި ދުވަސް ފާހަގަކުރުމަށް ބައެއް ހަރަކާތްތައް ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ޕާކިސްތާން ދުވަސް ފާހަގަކުރުމުގެ ގޮތުން އާދިއްތަ ދުވަހު ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. މި ރަސްމިއްޔާތުގައި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ފައިސަލް ރަސުލް ލޯދީއާއި ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނުގެ ބައެއް ރައްޔިތުން ބައިވެރިވިއެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ޚާއްސަ ރޯދަ ވިއްލުމެއްވެސް ބާއްވާފައިވެއެވެ. މި ރޯދަ ވިއްލުން ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. މި ރޯދަ ވިއްލުމުގައި ކެބިނެޓުގެ ބައެއް ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ސަރުކާރާއި ބައެއް ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނުގެ ގިނަ އަދަދެއްގެ ރައްޔިތުންވެސް ބައިވެރިވިއެވެ.
ރޯދަ ވިއްލުމަށްފަހު ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ އެކި ދާއިރާތަކުން ޕާކިސްތާނުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ. އެ ގޮތުން އިޖުތިމާޢީ، އިޤުތިޞާދީ، ޞިއްޙީ، ތަޢުލީމީ އަދި ދިފާޢީ ދާއިރާ ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ކުރިއަށްއޮތްތަނުގައި ބަދަހިވާނެކަމަށް އުންމީދުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަކީ އިސްލާމް ދީނާއި ސަގާފަތާއި އެއްގޮތް ހަމަތަކާއި އުޞޫލުތަކާއި އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ކަމަށެވެ. އަދި މިވީ ދުވަސްތަކުގެ ތެރޭގައި ދެ ޤައުމުގެ ގުޅުން ބަދަހިވެ އެކި ދާއިރާތަކަށް ފުޅާވެގެން ގޮސްފައިވާކަމަށް އެނާ ވިދާޅުވިއެވެ. އަދި ކަމާ ބެހޭ ވުޒާރާތަކާއެކު މަސައްކަތްކޮށްގެން އެކި ދާއިރާތަކުން ކުރިއެރުން ހޯދުމަށް މަސައްކަތްކުރައްވާނެކަމަށްވެސް ހައި ކޮމިޝަނަރު ވިދާޅުވިއެވެ.
ޕާކިސްތާން ދުވަސް ފާހަގަކުރަނީ ޕާކިސްތާނު ދައުލަތެއްގެ ގޮތުގައި އުފެދި ފުރަތަމަ ފަހަރަށް އެ ޤައުމުގެ ޤާނޫނު އަސާސީ އެކުލަވާލުން ފާހަގަކުރުމުގެ ގޮތުންނެވެ. ޕާކިސްތާނުގެ ފުރަތަމަ ޤާނޫނުއަސާސީ އެކުލަވާލީ 1956 ވަނަ އަހަރުގެ މާރޗް މަހުގެ 23 ވަނަ ދުވަހުއެވެ.