މޯލްޑިވްސް އިމިގްރޭޝަންގެ ހުރިހާ ޚިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.
އެމަނިކުފާނު އިމިގްރޭޝަންގެ ޚިދުމަތްތެރީންނަށް ޝުކުރު އަދާކުރެއްވީ އެ ޚިދުމަތަށް 75 އަހަރު ފުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އިމިގްރޭޝަންގެ ޚިދުމަތް ދިވެހިރާއްޖެއިން ލިބެން ފެށިތާ 75 އަހަރު ފުރޭ އަލިމަަސް ޔޫބީލްގެ މުނާސަބަތުގައި، އެ ދާއިރާގައި ކުރީން މަސައްކަތްކޮށްދެއްވި، އަދި މިހާރުވެސް މަސައްކަތުގައި ދެމިތިއްބެވި ހުރިހާ ޚިދުމަތްތެރީންނަށް މަރްޙަބާއާއި ޝުކުރު ދަންނަވާ ކަމަށެވެ.
އިމިގްރޭޝަންގެ ޚިދުމަތް ދިވެހިރާއްޖެއިން ލިބެން ފެށިތާ 75 އަހަރު ފުރޭ އަލިމަަސް ޔޫބީލްގެ މުނާސަބަތުގައި، މި ދާއިރާގައި ކުރީން މަސައްކަތްކޮށްދެއްވި، އަދި މިހާރުވެސް މަސައްކަތުގައި ދެމިތިއްބެވި ހުރިހާ ޚިދުމަތްތެރީންނަށް މަރްޙަބާއާއި ޝުކުރު ދަންނަވަން. pic.twitter.com/JkiuyTtAZW
— Dr Mohamed Muizzu (@MMuizzu) March 24, 2025
ދިވެހިރާއްޖޭގައި އިމިގްރޭޝަންގެ ޚިދުމަތް އެންމެ ފުރަތަމަ ފެށީ 1950ވަނަ އަހަރުއެވެ. އެގޮތުން، މޯލްޑިވިއަން ޕާސްގެ ނަމުގައި ދަތުރުކުރުމަށް ޚާއްސަ ލިޔުމެއް ދޭން ފަށައި އެ ލިޔުން ބޭނުންކުރަން ފެށީ ރާއްޖެއާއި ސިލޯނާ ދެމެދުއެެވެ. މި ލިޔުން ތައްޔާރުކޮށްފައިވަނީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރި ކުރުމަށް ކަމަށް އިމިގްރޭޝަނުން ފާހަގަކުރައްވައެވެ.
އެއަށްފަހު ރާއްޖޭގައި އިމިގްރޭޝަންގެ ޚިދުމަތް ފުޅާކޮށް 1964ވަނަ އަހަރު ދިވެހި ޕާސްޕޯޓް ތަޢާރަފުކުރެވުނެވެ. ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ ޕާސްޕޯޓަކީ 2016ވަނަ އަހަރު ތަޢާރަފުކުރެވުނު ސެކަންޑް ޖެނެރޭޝަން އީ- ޕާސްޕޯޓެވެ.