އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުގައި ފިލިޕީންސްގެ އެންމެ މުހިންމު ފޯވަޑް ގެރިޓް ހޮލްމަންއަށް ނުކުޅެވޭނެ ކަމަށް އެ ގައުމުން ބުނެފިއެވެ.
ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް އޭނާ އަށް ނުކުޅެވެނީ ދެ ސަބަބަކާ ހުރެ ކަމަށް ގައުމީ ކޯޗު އަލްބަޓް ކަޕެޔާސް ބުންޏެވެ. އެއީ އަނިޔާވެފައި ވުމާއި އޭނާގެ ކުލަބު ޖަރުމަނުގެ ބުންޑަސްލީގާ 2ގެ ރެލިގޭޝަންގައި ޒޯނުގައި އޮވެ، މުހިންމު މެޗުތަކެއް ކުޅެން ޖެހުމެވެ.
"އަހަރެން އޭނާ އަށް ޒިޔާރަތް ކުރިން. އޭނާ އަށް ވަނީ އަނިޔާވެފައި. އަދި އޭނާގެ ކުލަބު ދަނީ ރެލިގޭޝަނުން އަރައިގަތުމަށް މަސައްކަތް ކުރަމުން. އެންމެ ބޮޑު ކަންބޮޑުވުމަކީ އޭނާ އަށް އަނިޔާވެފައި ހުއްޓާ އަހަރުމެން ގާތަށް އައިސް މެޗުތަކެއް ކުޅެފިނަމަ އޭނާގެ މަސްގަނޑަށް ލިބިފައިވާ އަނިޔާ އިތުރަށް ސީރިއަސް ވެދާނެތީވެ،" ކޯޗު ބުންޏެވެ.
ކުޅުންތެރިޔާ ހުރީ ގައުމީ ޓީމަށް ކުޅެން ބޭނުންވެފައި ކަމަށް ވެސް ކޯޗު ބުންޏެވެ. ނަމަވެސް އަނިޔާގެ ސަބަބުން ކުލަބާއި ގައުމީ ޓީމު ވާހަކަ ދައްކައިގެން ނިންމަންޖެހެނީ މުހިންމު ނިންމުމެއް ކަމަށް ވެސް ކޯޗު ބުންޏެވެ.
"އަހަރެންނަށް އެނގޭ އޭނާ ވަރަށް ދެރަވާނެކަން ގައުމީ ޓީމަށް ނުކުޅެވޭތީވެ. އެކަމަކު އަހަރުމެން ވެސް އޭނާގެ ހާލަތަށް ބަލާފައި ރިސްކު ނަގައިގެން ނުވާނެ. އެއީ ކޮންމެ ކުޅުންތެރިއަކާ މެދު ވެސް ކަންތައްތައް ކުރަންޖެހޭ ގޮތް،" ކޯޗު ބުންޏެވެ.
ފިލިޕީންސްގެ ގައުމީ ޓީމުގެ ޑިރެކްޓަރު ފްރެޑީ ގޮންޒާލޭޒް ބުނީ ހޮލްމަން އަށް ނުކުޅެވުނަސް ރާއްޖެ ބަލިކޮށް ފެށުން ރަނގަޅު ކުރެވޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު އެބައޮތް ކަމަށެވެ.
"އަހަރެންނަށް ހީވަނީ އަހަރުމެން އަމިއްލަ ނަފްސަށް އިތުބާރު އެބައޮތްހެން މެޗު ކާމިޔާބު ކުރެވޭނެ ކަމާމެދު. އަހަރުމެންގެ އަމިއްލަ ގައުމުގައި މެޗު ކުޅުމަކީ ވެސް ލިބޭ އެޑްވާންޓޭޖެއް. އަދި ސަޕޯޓަރުންގެ ކުރިމަތީގައި އަހަރުމެން ރަނގަޅު ކުޅުމެއް ދައްކާނެ ކަމާމެދު ޝައްކެއްނެތް،" ފްރެޑީ ބުންޏެވެ.
އާއި ފިލިޕީންސް ކުޅޭ މެޗު އޮންނާނީ އަންގާރަ ދުވަހު ނިއު ކްލާކް ސިޓީ އެތްލެޓިކްސް ސްޓޭޑިއަމުގަ އެވެ. މި މެޗަށް ރާއްޖޭގެ ޓީމު ވެސް މިހާރު ވަނީ ފިލިޕީންސަށް ގޮސްފަ އެވެ. ރާއްޖެ ވަނީ މި މެޗުގެ ކުރިން އިންޑިޔާއާއެކު އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ.