މެދު އިރުމަތީގެ މަޝްހޫރު ޔޫޓިޔުބަރ ޚާލިދު އަލް އަމޭރީ މެދުވެރިކޮށް ރާއްޖެ އިސްތިހާރުކުރުމުގެ މަސައްކަތް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ފަށައިފިއެވެ.
އެމްއެމްޕީއާރުސީން ވިދާޅުވީ މަޝްހޫރު ޔޫޓިޔުބަރ ޚާލިދު އަލް އަމޭރީ މެދުވެރިކޮށް ރާއްޖެ އިސްތިހާރުކުރުމުގެ ގޮތުން ރާއްޖޭގައި ރަމަޟާން މަހުގެ ދުވަސްތައް ކުރިއަށްދާ ގޮތް އޭނާގެ ސޯޝަލް މީޑިޔާ ޕްލެޓްފޯމްތައް މެދުވެރިކޮށް ދައްކާލެވޭނެ ކަމަށެވެ. އަދި މިއީ މެދުއިރުމަތިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމުގެ ގޮތުން ބޮޑު އޯޑިއަންސަކަށް ރާއްޖޭގެ ރީތިކަމާއި މުއްސަނދި ސަގާފީ ތަރިކަ ދައްކާލުމަށް ކުރިއަށްގެންދާ ޚާއްސަ ހަރަކާތެއްކަމަށްވެސް އެމްއެމްޕީއާރުސީން ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީން ވިދާޅުވީ އިސްތިހާރުކުރުމުގެ ގޮތުން ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކޮށްލުމުގެ ފުރުސަތުތަކެއް ޚާލިދަށް ދީފައިވާ ކަމަށެވެ.
މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހާ ހަމައަށް ޚާލިދު ރާއްޖޭގައި ހުންނާނެއެވެ.
އެމްއެމްޕީއާރުސީން ވިދާޅުވީ ޚާލިދުގެ މިދަތުރުގައި އޭނާގެ ސޯޝަލް މީޑިޔާ މެދުވެރިކޮށް ކޮންމެ ދުވަހަކު ޕޯސްޓްތައްކުރާނެ ކަމަށެވެ. މި ޕޯސްޓްތަކުން ރަމަޟާން މަހު ރާއްޖޭގައި އޭނާކުރާ ތަޖުރިބާތަކާއި ގޮނޑުދޮށުގައި ރޯދަވީއްލުންފަދަ ސަގާފީ އާދަކާދަތަކާއި މެދުއިރުމަތީގެ ފަތުރުވެރިންނަށް ޚާއްސަ ލަގްޒަރީ ތަންތަން ދައްކުވައިދޭނެކަމަށް އެމްއެމްޕީއާރުސީން ވިދާޅުވިއެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 3.9 އިންސައްތައަކީ މެދުއިރުމަތީގެ ޤައުމުތަކުން ޒިޔާރަތްކުރާ ފަތުރުވެރިންނެވެ. އެ ގޮތުން މިދިޔަ އަހަރު 79،000 އަށްވުރެ ގިނަ ފަތުރުވެރިން މެދުއިރުމަތީގެ ޤައުމުތަކުން ޒިޔާރަތްކޮށްފައިވެއެވެ.
ޚާލިދު އަލް އަމޭރީގެ އެކިއެކި ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުގައި ޖުމްލަ 21 މިލިޔަނަށްވުރެ ގިނަ ފޮލޯވަރުން ތިބެއެވެ. ޚާލިދު އަލް އަމޭރީ ބޮޑަށް ފާހަގަކޮށްލެވެނީ އިސްލާމީ އާދަކާދަތަކާއި މުޖުތަމަޢުގެ އަސާސްތައް ފުޅާކުރުމަށް މަސައްކަތްކުރާ މީހެއްގެ ގޮތުގައެވެ. އެގޮތުން ހިތްގައިމު އަދި މަޖާ ކޮންޓެންޓްތައް އުފައްދައެވެ. އަދި އޭނާއަކީ މީހުން ގަޔާވާ ގޮތަށް ވާހަކަ ހުށައެޅުމުގެ ހުނަރުވެރިކަން ލިބިފައިވާ މީހެއްކަން ފާހަގަކޮށްލެވެއެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން, އެމްއެމްޕީއާރުސީއަކީ "މޯލްޑިވްސް" ބްރޭންޑާއި "މޯލްޑިވްސް - ދަ ސަނީ ސައިޑް އޮފް ލައިފް" ޝިޢާރުގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިސްތިހާރުކުރުމަށް އުފައްދާފައިވާ ދައުލަތް ހިއްސާވާ ކުންފުންޏެކެވެ.