ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެގޮތަށް ހިންގުމަށް ބޭނުންވާ ވަސީލަތާއި މުވައްޒަފުން ހޯދުމަށް ކަނޑައަޅައި، އެ ސެންޓަރުގެ ހުރި މައްސަލަތައް ވަކި މުއްދަތެއްގެ ކުރިން ޙައްލުކުރުމަށް އަންގަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ތެލަސީމިއާ ކުދިންނަށާއި، ސެންޓަރުގެ ދަތިތައް ހައްލުކުރެއްވުމުގެ މަސައްކަތް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެދަށުން ކުރިއަށްގެންދިއުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.
ތެލަސީމިއާ ސެންޓަރުގެ ބައެއް ޚިދުމަތްތަކާއި ގުޅިގެން ތެލަސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ކަންބޮޑުވުންތައް ފާޅުކުރިތާ ސައުވީސް ގަޑިއިރުނުވަނީސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގައި ހުރި މައްސަލަތައް އޮޅުންފިލުއްވާފައެވެ. އެ ސެންޓަރަށް ޒިޔާރަތްކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތެލަސީމިއާ ސެންޓަރުގެ ކަންކަން ތަފްސީލުކޮށް އޮޅުންފިލުއްވާފައިވާކަމަށެވެ. އެގޮތުން އެތަނުގެ މެނޭޖްމަންޓާއި މުވައްޒަފުންނާއި ބައްދަލުކުރައްވައި، އެތަނުގެ ޙަލަތާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހުޅުމާލޭއަށް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމަށް ކަނޑައަޅާފައިވާތަންވެސް ބައްލަވާލައްވައި އެ މަސައްކަތް ކުރިއަށްދާގޮތްވެސް އޮޅުން ފިލުއްވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ހުރި މައްސަލަތަކާއި ގުޅޭގޮތުން ބައްދަލުވުމެއްވެސް ބާއްވައި ހައްލުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން އިރުޝަދުވެސް ދެއްވާފައިވާކަށް ރައީސް ވިދާޅުވިއެވެ.
2017 ވަނަ އަހަރުންފެށިގެން ތެލަސީމިއާ ސެންޓަރު ހިންގަމުން އަންނަނީ ޑިރެކްޓަރ ޖެނެރަލެއްވެސް ނެތިއެވެ. ވުމާއެކު ރައީސް ވަނީ އެކަން ވަގުތުން ޙައްލުކުރުމަށް ދަންނަވާފައެވެ. ތެލަސީމިއާ ސެންޓަރު، ހޮސްޕިޓަލެއްގެގޮތަށް ހިންގުމަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައްވެސް ވަގުތުން ހޯދުމަށް އިރުޝަދު ދެއްވާފައިވާކަމަށާއި، އެކަމަށް ފައިސާގެ އެއްވެސް ދަތިކަމެއް ނޯންނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ތެލަސީމިއާ ކުދިންނަށް ދިމާވާ ދަތިތައް ޙައްލުކުރެވޭނެ ގޮތްތަކެއް އިމީޑިއޭޓްލީ ހޯދަން އަޅުގަނޑުވާނީ މަޝްވަރާކޮށް ދަންނަވާފައި. އެތަން ހިންގަން ޑިރެކްޓަރ ޖެނެރަލެއް ނުލައި 2017 ވަނަ އަހަރުން ފެށިގެން އަންނަކަމަށްވަނީ. އެކަން ވަގުތުން ހައްލުކުރެވޭނެގޮތެއް އަޅުގަނޑުވާނީ ދަންނަވާފައި. އަދި ނަރުހުން މަދުވާހަކަ، ނަރުހުން ހޯދޭނެގޮތް، އަދި ސީނިއަރ ފިޒީޝަނެއް ހަމަޖެއްސުމާއި، ތަނަށް ބޭނުންވާނެ ވަސީލަތްތައް، އެކި ކަހަލަ އާލާތްތައް ހޯދޭނެގޮތް، ލެބޯޓްރީގައި ބޭނުންވާނެ ވަސީލަތްތަކާއި އެކި މުވައްޒަފުން، ލެބޯޓްރީ ޓެކްނީޝަނުންނާއި މިހެންގޮސް އެކި މުވައްޒަފުން ހޯދުމަށް [ވާނީ ހަމަޖައްސާފައި]. އަދި މަސައްކަތްކުރާނެ ގަޑި، ހޮސްޕިޓަލެއްގައި މަސައްކަތްކުރާނެގޮތަށް، މިސާލަކަށް އައިޖީއެމްއެޗްގައި މަސައްކަތްކުރާގޮތަށް ދުވަސްތަކާއި ގަޑިތައް އިތުކުރުމަށް ބޭނުންވާނެ ހިއުމަން ރިސޯސް އިތުރުކުރުމަށް، މިހުރިހާ ކަމަކަށް މަގުފަހިކޮށްގެން ދާނެގޮތް އަޅުގަނޑުވާނީ ކަނޑައަޅާ ދަންނަވާފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި މަޝްވަރާތަކުގައި މާލީ ވަޒީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ވިދާޅުވީ ހުރިހާ މައްސަލައެއް ހައްލުކުރުމަށް ފައިސާގެ ގޮތުން ބޭނުންވާ އެއްވެސް ކަމެއް ދަތިނުވާނެގޮތަށް ކަންކަން ހަމަޖައްސައި، އެކަންކަން ކުރުމަށް މުހުލަތުތަކެސްވެސް ދީފައިވާކަމަށެވެ.
"މިގޮތަށް މިކަންކަން އޮތްކަން، އެއްވެސް ވަރެއްގެ ކުރިއެރުމެއް ނާންނަކަން، އަޅުގަނޑަށް ނޭނގި އޮތީ. ގައިމުވެސް ސަރުކާރުގެ އެކި ފަރާތްތަކަށް ތެލަސީމިއާ ކަންކަމުގައި އުޅޭ ފަރާތްތަކުން ބައްދަލުކޮށްފައިވޭ މީގެކުރިން އަހަރެއްހާ ދުވަސްކުރިން. ދެތިން ފަހަރުމަތިން ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށްފައި އެބައޮތް ލިޔެކިޔުންތަކުގައި. ނަމަވެސް އަމަލީ ސިފައެއް ނައިސްއޮތީ. އެހެންވީމަ އިންޓަރނަލީ ގެންނަންޖެހޭ ބަދަލުތައްވެސް ގެންނަން ވާނީ އަޅުގަނޑު ނިންމާފައި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި މިދެންނެވި ބަދަލުތައް ގެނެވޭނެ. މާލޭގައި ތެލަސީމިއާ ސެންޓަރު ހިންގާހާ ދުވަހަކު އެތަނުގައި ދޭ ޚިދުމަތްތައްވެސް ރަނގަޅުކުރުމަށް ވާނީ ނިންމާފައި. އަދި ހުޅުމާލެއަށް ބަދަލުކުރުމަށް ކުރެވޭ މަސައްކަތްވެސް ވާނީ ބަލާފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުން ވަނީ ހުޅުމާލޭގައި ތެލަސީމިއާ ސެންޓަރަށް އައު ޢިމާރާތެއް އެޅުމުގެ މަސައްކަތް ފަށާފައެވެ. އޮރެންޖު ހިޔާގެ ނަމުގައި ޢިމާރާތްކުރާ އެތަނުގެ މަސައްކަތްވެސް އަވަސްކުރުމަށް އަންގަވާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެ ޢިމާރަތަކީ ވަރަށް ޖާގަ ތަނަވަސް އަދި ހުރިހާ ވަސީލަތެއް ފުރިހަމަ ތަނެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ތެލަސީމިއާކުދިންނާއި އެކުދިންގެ އާއިލާތަކަށް އެތަނަށް ދަތުރުކުރެވޭނެ ފަސޭހަ އިންތިޒާމުތަކެއްވެސް ކަނޑައަޅުއްވާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ކުރިއަށް އޮތް ތަނުގައި ތެލަސީމިއާގެ ހުރި ހުރިހާ ދަތިތަކެއް ސީދާ އެމަނިކުފާނުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސް ވަނީ ތެލަސީމިއާ ކުދިންނާއި އާއިލާތަކަށް ހުރި ހުރިހާ ދަތިތަކަށް ޙައްލު ހޯދައިދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.