މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމަށް ދުރާލާ މޫސުމީ އިންޒާރުދޭ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ މޫސުމާބެހޭ ދުވަހާ ގުޅިގެން ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުރާލާ އިންޒާރުދޭ ނިޒާމުތައް ޤާއިމުކުރުމަށް ރާއްޖެއިން މަސައްކަތްކުރާނެ ކަމަށެވެ. އެގޮތުން މޫސުމާބެހޭ ޒަމާނީ އާލާތްތަކަށް އިންވެސްޓްކޮށްގެން، ކޮންމެ ރަށެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމުގެ ގޮތުން ދުރާލާ އިންޒާރުދޭ ނިޒާމެއްގެ ޚިދުމަތް ލިބޭކަން ކަށަވަރުކުރުމަށް މަސައްކަތްކުރަމުންއަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ މޫސުމީ ބަދަލުތަކާ ބެހޭ ސިޔާސަތުތަކާއި ކާރިސާތަކުގެ ގެއްލުން ކުޑަކުރުމުގެ ފްރޭމްވަރކުގެ ތެރެއިން ދުރާލާ މޫސުމީ އިންޒާރުދޭ ނިޒާމުތައް ޤާއިމުކުރުމުގެ މައްޗަށްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
On this #WorldMeteorologicalDay, the Maldives remains committed to closing the early warning gap. Through investments in advanced meteorological infrastructure, we are working to ensure that every island and every citizen has access to timely and accurate warnings to improve… pic.twitter.com/5Y0Rl9I7qC
— Dr Mohamed Muizzu (@MMuizzu) March 23, 2025
ދުރާލާ އިންޒާރުދޭ ނިޒާމެއް ޤާއިމުކުރުމަށް "މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ 2024 – 2030" ވަނީ އެކުލަވަލާފައެވެ. މި ސްޓްރެޓެޖީގެ މައިގަނޑު މަޤުސަދަކީ މޫސުމީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ކުރިމަތިވެދާނެ ކާރިސާތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެށްޓާއި ބިނާވެށި ރައްކާތެރިކުރުމެވެ.
މީގެ އިތުރުން މޫސުމީ ބަދަލުތަކަށް ލިބޭ މާލީ އެހީތެރިކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށްޓަވާފައެވެ. އެ ގޮތުން ބައިނަލްއަޤުވާމީ އެކިއެކި ބައްދަލުވުންތަކާއި މަހާސިންތާތަކުގައި ކުދި ޖަޒީރާ ޤައުމުތަކަށް ލިބޭ މާލީ އެހީތެރިކަން އިތުރުކުރުމަށް ސަރުކާރުން ދަނީ ފުޅާ ދާއިރާއެއްގައި ވަކާލާތުކުރައްވަމުންނެވެ.