ވިޔަފާރި

ރަންދިހަ ފަހެއް- ދިވެހިން ފައިސާއަށް ދޭ ސަމާލުކަން އިތުރުކޮށްދީފި


ފައިސާގެ ނޫޓަކީ އެ ހޯދުމަށް އެތައް މަސައްކަތެއް ކުރަންޖެހުނު ނަމަވެސް ގެންގުޅޭ އިރު  ގިނަފަހަރަށް އޭގެ އަގު މަދުބަޔަކު ނޫނީ ވަޒަން ނުކުރާ އެއްޗެކެވެ. ގިނަ ފަހަރަށް އަތް ހަޑިވާފަދަ މަސައްކަތެއް ކުރާ މީހާވެސް، ހާލަތު ތަންދޭގޮތުން ހަޑި އަތާއިއެކު ރުފިޔާގައި ހިފަންޖެހޭ ވަގުތުތަށް އާދެއެވެ. ނަމަވެސް ރާއްޖޭގެ ގިނަ މީހުން މިހާރު ދިވެހި ރުފިޔާގެ ނޫޓާއިމެދު ދެކޭގޮތް މިވަނީ ބަދަލުވެފައެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުން ފާހަގަކުރުމާ ގުޅުވައިގެން މަރުކަޒީ ބޭންކުން، ރަންދިހަފަހެއްގެ ނަމުގައި އައު ނޫޓުސީރީޒް ތަޢާރަފްކުރައްވައި، އިޤްތިޞާދުގައި ދައުރުކުރަން ފައްޓަވާފައިވަނީ  ޖެނުއަރީމަހުގެ 26 ވަނަދުވަހުގައެވެ. ސަލާމަތީ ސިފަތަށް ވަރުގަދަކުރެއްވުމާއެކު ޒަމާނީ ފަރުމާއަކަށް ތައްޔާރުކުރައްވާފައިވާ މި ނޫޓް ސީރީސް މިވަނީ، ދިވެހިން ކުރިން ރުފިޔާގެންގުޅެމުންއައިފަރުވާކުޑަ ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނުވާފައެވެ. ރަންދިހަފަހެއް ތަޢާރަފްކުރުމުގެ ކުރިން މަރުކަޒީބޭންކު އެމްއެމްއޭއިން ހިންގެވި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް މިއީ މިބަދަލުގެ މައިގަނޑުއެއް ސަބަބެވެ.  ނަމަވެސް އައު ނޫޓު ގެންގުޅުމުގައި އެމްއެމްއޭއިން ކަންބޮޑުވާ ބައެއް ކަންކަން އަދިވެސް އެބަހުރިކަމަށް އެއިދާރާއިން ފާހަގަކުރެއެވެ.

img:http://s2.psmnews.mv/images/660x400/5884.jpg|ރަންދިހަ ފަހެއް ނޫޓް ސީރީސްގެ ނޫޓްތައް - ފައިލް ފޮޓޯ: އެމްއެމްއޭ

ރަން ދިހަފަހެއް ނޫޓަކީ ކުރިން ދިވެހިން ގެންގުޅުނު ފައިސާގެ ނޫޓާއި ޚިލާފަށް ޕޮލިމާ ކަރުދާހަށް ޕްރިންޓު ކުރައްވާފައިވާ ނޫޓެއް ކަމަށް ވުމުން ހޫނުކުރުމާއި، މާބޮޑަށް ފައްޖަހައި ހެދުމުން ހަލާކުވުމުގެ ފުރުޞަތު ބޮޑު އެއްޗެކެވެ. ނަމަވެސް މިއީވެސް ގެންގުޅެން އުނދަގޫ ނޫޓުތަކެއް ނޫންކަމަށް ބައެއް އާންމުން ބުނެއެވެ. ޕިއެސްއެމްގެ ނިއުސް ޓީމާއި ވާހަކަ ދައްކަމުން ފިހާރަތަކުގެ ސޭޓުންވެސް ވަނީ ރަންދިހަފަހެއް ނޫޓަކީ އެއަށް އަހުލުވެރި ވެވުމުން، ގެންގުޅެންވެސް ފަސޭހަ ނޫޓެއްކަން ފާހަގަކޮށްފައެވެ.

ރަން ދިހަފަހެއް ނޫޓު ތަޢާރަފް ކުރުމާއިއެކު މަރުކަޒީބޭންކުން ވަނީ ސުންގަޑިތަކެއް އެކުލަވާ ލައްވާފައެވެ. އެގޮތުން ވިޔަފާރީގައި ކުރީގެ ނޫޓު ބޭނުން ކުރާނެ މުއްދަތެއް ކަނޑައަޅުއްވައި، އެމްއެމްއޭއިން ނޫޓު ބަދަލު ކުރެވޭނެ މުއްދަތެއް ވެސް މިވަނީ ކަނޑައަޅުއްވާފައެވެ.

ވިޔަފާރީގެ މުޢާމަލާތްތަކުގައި ކުރީގެ ނޫޓު ބޭނުންކުރެވޭނެ އެންމެ ފަހު ތާރީޚަކަށް އެމްއެމްއޭއިން ކަނޑައަޅުއްވާފައިވަނީ މި ޖުލައި މަހުގެ 31 ވަނަދުވަހެވެ. ނަމަވެސް އެ ދުވަހުގެ ފަހުންވެސް، 5 ރުފިޔާގެ ނޫޓުގެ ބަދަލުގައި ތަޢާރަފްކުރައްވަން ނިންމަވާފައިވާ ފައިސާފޮތި ތަޢާރަފް ކުރެއްވުމާއި ހަމައަށް، ފަސްރުފިޔާގެ ކުރީގެ ނޫޓު ވިޔަފާރީގައި ބޭނުން ކުރެވޭނެއެވެ. އެމްއެމްއޭއިން މަޢުލޫމާތު ދެއްވާ ގޮތުގައި އިޤްތިޞާދުގައި ދައުރުވަމުންދާ ފައިސާގެ ތެރެއިން 88 އިންސައްތަ ކުރީގެ ނޫޓު ޖޫން މަހާއި ހަމައަށް އެމްއެމްއޭއަށް ވަނީ ނަންގަވާފައެވެ.