ސިއްހަތު

އައިޖިއެމްއެޗްގައި އިތުރު ބެކަޕް ޖަނަރޭޓަރުތަކެއް ބަހައްޓަނީ


އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައި.ޖީއެމް.އެޗަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި މިހާރު ބޭނުން ކުރަމުން އަންނަނީ 2 ޖެނެރޭޓަރެވެ. އެއީ، އައި.ޖީ.އެމް.އެޗްގެ މައި އިމާރާތުގައި ބޭނުން ކުރަމުން އަންނަ 550 ކިލޯ ވޮޓް ގެ ޖެނެރޭޓަރަކާއި، އެގާރަބުރީގެ އާއިމާރާތުގައި ބޭނުން ކުރަމުން އަންނަ 650 ކިލޯ ވޮޓްގެ ޖެނެރޭޓަރެކެވެ.

ޞިއްޙީ ޚިދްމަތް ފުޅާ ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، އައިޖީއެމްއެޗްގައި ގިނަ ޚިދްމަތްތަކެއް މިއަހަރުގެ ތެރޭގައި ތަޢާރަފްކުރައްވާފައިވެއެވެ. އައި.ޖީ.އެމް.އެޗުން ދެއްވާ ޚިދްމަތްތައް ފުޅާވެ، ކަރަންޓް ބޭނުންކުރަން ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެ ހޮސްޕިޓަލުން ގެންދަވަނީ މިކަމަށް ޙައްލެއް ގެނައުމުގެ ގޮތުން ބެކަޕްގެ ގޮތުގައި ބޭނުންކުރާނެ 2 ޖަނަރޭޓަރު ބެހެއްޓުމުގެ މަސައްކަތް ކުރައްވަމުންނެވެ.

މިމަސައްކަތާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ޕީ.އެސް.އެމް ނިއުސްއާ ޙިއްޞާ ކުރައްވަމުން އައި.ޖީ.އެމް.އެޗްގެ ޑިރެކްޓަރ ޕްރޮޖެކްޓް ރިފާތު ޢަލީ ޖަލީލް ވިދާޅުވީ، ބެކަޕް ޖަނަރޭޓަރު ބެހެއްޓުމުގެ މަސައްކަތް މިހާރު ފަށްޓަވާފައިވާކަމަށެވެ. އެގޮތުން 750 ކިލޯ ވޮޓްގެ 2 ޖެނެރޭޓަރު ގެނެސް މިހާރު އިންސްޓޯލްކޮށްފައިވާކަމަށާއި، މިހަފްތާގެ ތެރޭގައި ޖަނެރޭޓަރުތައް ކޮމިޝަން ކުރައްވަން ނިންމަވާފައިވާކަމަށެވެ. އަދި މިމަހުގެ 15ގައި ކަރަންޓް ޕެނެލް ބޯޑްތައް ކަރަންޓު ވިއުގައާއި ގުޅާލުމުގެ މަސައްކަތް ފަށްޓަވާނޭކަމަށާއި މިމަސައްކަތް ކުރިއަށްގެންދާއިރު ހޮސްޕިޓަލުން ދެއްވާ ޚިދްމަތްތަކަށް ބުރޫ ނާރާނެ ގޮތަކަށް ވިސްނައިގެން މިމަސައްކަތް ކުރިޔަށްގެންދިއުމަށް ރާވާފައިވާކަމަށްވެސް ރިފާތު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިބަލަނީ، މިމަހުގެ 15 ހިސާބުގައި މަސައްކަތް ފަށްޓައިގެން މިމަސް ނިމުމުގެ ކުރިން ނިންމާލެވޭތޯ. ތިޔަ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، މިއީ ހިނގަ ހިނގާ އިންނަ ހޮސްޕިޓަލެއް ވީމަ، ކަރަންޓް ޕެނެލް ބޯޑްތައް މިހެން ބަދަލު ކުރުމަށް، އެއްފަހަރާ ކަރަންޓް ކަނޑައެއް ނުލެވޭނެ. އެހެންވެ ބައި ބަޔަށް ކުރަންޖެހޭތީ ދުވަސްނަގަނީ. އަޅުގަނޑުމެން މިދަނީ ކަރަންޓް ކަނޑާނުލާ މިކަން ކުރިޔަށް ގެންދެވޭނެ ގޮތައް މަސައްކަތް ކުރިޔަށް ގެންދިއުމަށް ސްޓެލްކޯއާއި ވާހަކަ ދައްކަމުން. މި ބަލަނީ ވީހާވެސް މަދު ވަގުތު ކޮޅަކަށް ކަރަންޓު ކަނޑައިގެން މަސައްކަތް ކުރިޔަށް ގެންދެވޭތޯ. އެނޫނިއްޔާ އާއްމުންނަށް މިކަމުގެ ސަބަބުން ދަތިތަކަކާއި ކުރިމަތިލާންޖެހޭނެ." އައި.ޖީ.އެމް.އެޗްގެ ޑިރެކްޓަރ ޕްރޮޖެކްޓް، ރިފާތު ޢަލީ ޖަލީލް ވިދާޅުވިއެވެ.

 އައި.ޖީ.އެމް.އެޗްގައި ބަހައްޓަވާ ބެކްއަޕް ޖަނަރޭޓަރަކީ އެ ހޮސްޕިޓަލުން ދެއްވަމުންގެންދަވާ ޚިދުމަތްތައް ތަރައްޤީކުރެއްވުމަށް ކުރިޔަށް ގެންދަވާ މަޝްރޫޢުގެ ދަށުން އިންޑިއާ ސަރުކާރުން ހަދިޔާ ކުރި ދެ ޖެނެރޭޓަރެވެ. މި ދެ ޖެނެރޭޓަރު އިންސްޓޯލް ކުރުމާއި ކޮމިޝަން ކުރުމުގެ މަސައްކަތް ކުރަނީވެސް އިންޑިއާގެ ފަންނީ މާހިރުންނެވެ. މިޓީމް މިހަފްތާގެ ތެރޭގައި މާލެ އައުމަށް ވަނީ ހަމަޖެހިފައެވެ.