ޚަބަރު

ލުބްނާނަށް ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކެއް، ނުރައްކާތެރި ޢުދުވާނެއް އަލުން ފެށުމުގެ ބިރު


ލުބްނާންގެ ދެކުނުގެ ރަށްތަކަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ނިރުބަވެރި ޙަމަލާތަކެއް ދީފިއެވެ. މިއީ، ޒަޔަނިސްޓު އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ދީފައިވާ ޙަމަލާތަކެވެ. ޔަހޫދީ ފައުޖުގެ ޙަމަލާތަކުގައި އާޓިލަރީ ބަޑިއާއި އަސްކަރީ މަތިންދާބޯޓުތައް ބޭނުން ކޮށްފައިވެއެވެ. މި ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަން އަދި ސާފެއް ނޫނެވެ.

ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން ޔަހޫދީ ފައުޖުން ލުބްނާނަށް ޙަމަލާ ދޭން ފެށުމާ އެކު އެ ޤައުމުގެ ބޮޑުވަޒީރު ނުވާފް ސަލާމް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައި، ޙަމަލާތައް ކުށްވެރި ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ޔަހޫދީންގެ އައު ޢުދުވާނާ އެކު، ލުބްނާންގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް އަލުން ޤަތުލުޢާންމެއް ހިންގަން ފަށާފާނެ ކަމުގެ ބިރު ބޮޑުވެގެން ގޮސްފައިވާ ކަމުގައެވެ. އަދި، ލުބްނާނާއި ޔަހޫދީންނާ ދެމެދު އައު ހަނގުރާމައެއް ފެށުމުގެ މަގުފަހިވެގެން ގޮސްފައިވާ ކަމުގައެވެ.

"ހަނގުރާމައާއި ސުލްޙައާ މެދު ގޮތް ނިންމާނީ ލުބްނާނުން [ސަރުކާރުން] ކަން ކަށަވަރު ކުރުމަށް ސަލާމަތީ ގޮތުންނާއި އަސްކަރީ ދާއިރާއިން ހުރިހާ ފިޔަވަޅެއް އަޅަން ޖެހޭ،" ސަލާމް ވިދާޅުވިއެވެ. ޔަހޫދީންގެ ޙަމަލާތަކާ އެކު، "ޤައުމު އަލުން ހަނގުރާމައެއްގެ ތެރޭގައި ދެމިގެން ދިޔުމުގެ [ބިރު ބޮޑުވެއްޖެ]، އޭގެ ސަބަބުން ލުބްނާނާއި ލުބްނާންގެ ރައްޔިތުންނަށް އަނިިޔާ ލިބިގެން ދާނެ،" ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ބަދަލު ކުރަމުން ދިޔަ ޙަމަލާތައް މެދުކަނޑައިލުމަށް އެއްބަސްވެފައި ވަނީ 2024ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 27ވަނަ ދުވަހުއެވެ. ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޤަތުލުޢާންމެއް ހިންގަން ފެށުމާ ގުޅިގެންނެވެ.

ލުބްނާން ޢުދުވާނުގައި 3,100އަަށްވުރެ މީހުން ޝަހީދު ކޮށްލި

2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ފެށި ޢުދުވާނާ ގުޅިގެން ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ އޭގެ އެއް ދުވަސް ފަހުންނެވެ. ޙިޒްބުاللهގެ އަމާޒަކީ ފަލަސްޠީނުގެ ރައްޔިތުންނާއި، މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތަކަށް ވާގިވެރިވުމެވެ. އަދި، ޣައްޒާ ޢުދުވާން ނިމުމަކަށް ގެނައުމަށް ޔަހޫދީންނަށް ބާރު އެޅުމެވެ.

އެއަށް ފަހު، 2024 ސެޕްޓެންބަރު 30ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައެވެ. ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން ދީފައިވާ އެންމެ ނުރައްކާތެރި ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ވެރިރަށް ބައިރޫތަށެވެ. އެ ޢުދުވާނުގައި. 3،100އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާއިރު، 14,000އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނެވެ. އަދި އުމުރުން ދުވަސްވީ މީހުންނެވެ.

ހުސްވި އަހަރުގެ ނޮވެންބަރު މަހު ޙިޒްބުاللهއާއި ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައިވީ ނަމަވެސް ޔަހޫދީން ދަނީ އެ އެއްބަސްވުމާ ޚިލާފުވަމުންނެވެ. އަދި، ދޭތެރެދޭތެރެއިން ލުބްނާންގެ ރަށްތަކާއި ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ޙަމަލާ ދެމުންނެވެ. އެންމެ ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ލުބްނާންގެ ދެކުނުގެ ރަށްތަކަށެވެ. އަދި، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ މުސްލިމުންނަށެވެ.

ޔަހޫދީ ފައުޖުން ބުނީ، މި ފަހަރު ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކަށް ޙަމަލާ ދީފައި މި ވަނީ، އިސްރާއީލުގެ އުތުރުގައި އޮތް ރަށްތަކަށް އަމާޒުކޮށް ލުބްނާނުން ރޮކެޓު ޙަމަލާތަކެއް ދިނުމާ ގުޅިގެން އެ ކަމުގައި ރައްދުގައި ކަމުގައެވެ. ޔަހޫދީ ފައުޖުން ވަނީ ރޮކެޓުތައް ދިފާޢުކޮށް ވައްޓައިލާފައެވެ. އެއީ، ޙިޒްބުاللهގެ މުޖާހިދުން ދީފައިވާ ޙަމަލާތަކެއް ކަމަށް ޔަހޫދީން ތުހުމަތު ކުރި ނަމަވެސް، އެ ޖަމާޢަތުން އެ ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ. ނަމަވެސް، ޔަހޫދީންގެ އައު ޙަމަލާތަކާ އެކު، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އަމަލު ކުރަމުންދާ އެއްބަސްވުމަށް ނިމުމެއް އަތުވެދާނެ ކަމުގެ ބިރު މި ވަނީ ބޮޑުވެފައެވެ.

ލުބްނާންގެ ޤައުމީ ނޫސް އޭޖެންސީ (އެންއެންއޭ)ން ބުނީ، އެ ޤައުމުގެ އިރުމައްޗާއި ދެކުނުގެ ވައިގެ ސަރަޙައްދަށް ވަދެ ޔަހޫދީ ފައުޖުގެ އަސްކަރީ މަތިންދާބޯޓުތަކުން ހަރަކާތްތެރިވަމުންދާ ކަމުގައެވެ. އަދި، އަލް-ޙައްމާމާތުގެ ފަރުބަދަމަތީ ސަރަޙައްދުތަކާއި، އަލް-ނަބަޠިއްޔާގެ އިތުރުން އަލް-ޚިޔާމަށް އަސްކަރީ ޓޭންކުފަހަރާއި އާޓިލަރީ ބަޑި ބޭނުން ކޮށްގެން ނުރައްކާތެރި ޙަމަލާތަކެއް އަމާޒު ކޮށްފައިވާ ކަމުގައެވެ. މީގެ އިތުރުން، ހޫލާއާއި، މަރްކަބާ އަދި ކަފްރަކްލާއަށް ވެސް ޙަމަލާތައް އަމާޒު ކޮށްފައިވާ ކަމުގައި އެންއެންއޭން ރިޕޯޓު ކުރިއެވެ.