ތަޢުލީމު

މިހާތަނަށް 3096 ފުރުޞަތު ސްޓޫޑެންޓް ލޯންގެ ދަށުން ހުޅުވާލާފައިވޭ!


މި ސަރުކާރުގެ ވޭތުވެދިޔަ ދެއަހަރާއި ބައިގެތެރޭގައި ޒުވާނުންނަށް މަތީ ތަޢުލީމް ޙާޞިލްކުރުމުގެ ގިނަ ފުރުޞަތުތަކެއް ފަހިކޮށްދެއްވާފައިވެއެވެ.

އެގޮތުން ގިނަ ބަޔަކަށް މަތީތަޢުލީމު ފޯރުކޮށްދެއްވުމަށް ސަރުކާރުން މިހާރު ހިންގަވާ އެންމެ ބޮޑު ޕްރޮޖެކްޓަކީ އިންޓަރެސްޓް ނާރާ ގޮތަށް ސަރުކާރުން ދޫކުރާ ޓަރޝަރީ ސްޓޫޑެންޓް ލޯންގެ ޕްރޮޖެކްޓެވެ. 2014 ވަނަ އަހަރު ޢިއުލާން ކުރައްވައިގެން ފެއްޓެވި މި ލޯންގެ ދަށުން، ކިޔަވާ ކުދިންނަށް ވީހާވެސް ފަސޭހަ ކޮށް ދިނުމުގެ ގޮތުން ސަރުކާރުން ވަނީ ކިޔަވާ ކުދިންނަށް ދޫކުރާ މި ލޯން އެއްވެސް އިންޓަރެސްޓެއް ނާރާ ގޮތަށް ހަމަޖައްސަވާފައެވެ. އަދި މި ލޯން އަނބުރާ ދައްކަން ފަށަންޖެހެނީ ކިޔަވާ ނިމިގެން 6 މަސްދުވަސް ފަހުންނެވެ.

މި ސަރުކާރުގެ ދެއަހަރާ ބައިގެ މުއްދަތުގައި  3096 ފުރުސަތު ޓާޝަރީ ސްޓޫޑެންޓް ލޯންގެ ދަށުން ދިވެހި ޒުވާނުންނަށް ހުޅުވާލާފައިވެއެވެ. އެކި ގޮތްގޮތުން ލިބޭ ސްކޮލަޝިޕްގެ ފުރުޞަތުތައް މީގެ ތެރޭގައި ނުހިމެނެއެވެ. ތަފާތު އެކި ގޮތްގޮތުން ދިވެހި ކިޔަވާކުދިންނަށް ކޮންމެ އަހަރަކު 200 އާއި 300 އާ ދެމެދުގެ އަދަދަކަށް ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލާކަމަށް ހަޔަރ އެޑިއުކޭޝަން ޑިޕާޓްމެންޓުން މަޢުލޫމާތުދެއްވައެވެ. މީގެތެރޭގައި އެކި އެކި ޤައުމުތަކުގެ ބައިލެޓްރަލް އެހީގެ ގޮތުގައި ލިބޭ އެހީތެރިކަމުގެ ތެރެއިން އަންނަ ސްކޮލަރޝިޕްތަކާއި،  ސަރުކާރުން ފޯރުކޮށްދޭ ސްކޮލަޝިޕް ފުރުޞަތުތައް ހިމެނެއެވެ.

އޭލެވެލް ތިންމާއްދާއިން ސީ ފާހަށްވުރެ މަތިން ހޯދާ ހުރިހާ ދަރިވަރުންނަށް މަތީ ތަޢުލީމްގެ ފުރުޞަތު ފޯރުކޮށްދިނުމަކީ  ސަރުކާރުގެ ވަޢުދެކެވެ. އެޑިއުކޭޝަން މިނިސްޓަރގެ ނައިބް އަޒްލީން އަޙުމަދު ވިދާޅުވީ މި ވަޢުދުގެ 99 އިންސައްތަ މިހާރު ފުއްދިފައިވާ ކަމަށެވެ.

ހަޔަރ އެޑިއުކޭޝަން ޑިޕާޓްމެންޓުން މަޢުލޫމާތު ދެއްވާގޮތުގައި މަތީ ތަޢުލީމް ހާޞިލް ކުރުމަށް އެންމެ ޑިމާންޑްބޮޑީ އޭވިއޭޝަންގެ ދާއިރާއިންނެވެ. ޒުވާނުންނަކީ ތަޢުލީމީ ޤާބިލް ބަޔަކަށް ހެދުމަށް އިސްކަމެއް ދެއްވައިގެން، މަތީ ތަޢުލީމަށް މިހާތަނަށް ކަނޑައަޅާފައި ނުވާ ވަރުގެ ބަޖެޓެއްވެސް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އެއީޖުމްލަ 399 މިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ. މި ބަޖެޓްގެ ދަށުން ސްކޮލަރޝިޕްގެ  އިތުރަށް ލޯނުގެ ގޮތުގައިވެސް ކިޔެވުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ.

ޓަރޝަރީ ސްޓޫޑެންޓް ލޯންގެ ދަށުން ކޮންމެ އަހަރަކުވެސް އެއްހާހަށްވުރެ ގިނަ ފުރުޞަތު ހުޅުވާލުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ސަރުކާރުން މި ފުރުޞަތު އަހަރަކު ދެ ފަހަރު ހުޅުވާލައެވެ. މި އަހަރު ފުރަތަމަ ބުރުގައިވެސް ލޯންގެ 625 ފުރުޞަތު ހުޅުވާލާފައިވެއެވެ.