މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އޮލިމްޕަހުން ފެށިގެން ހުޅަނގަށް، ރަސްފަންނާ ހަމައަށް މަޖީދީމަގުގެ ދެފަޅީގައިވާ ކާނުތައް ސާފުކޮށް ނިންމާލާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ އުނދަގޫތައް ކުޑަކުރުމުގެ ގޮތުން މާލޭގެ މަގުތަކުގައި ހަދާފައިވާ ކާނުތައް ސާފުކުރުމުގެ މަސައްކަތް ފެށީ މިމަހުގެ 8 ވަނަ ދުވަހު، ލަގްޒަރީ ކުރިމަތިންނެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މިމަސައްކަތް މިއަދު ކުރިއަށް ދާނީ މަޖީދީމަގުގެ އޮލިމްޕަހުން ފެށިގެން ހެންވޭރާ ދިމާއަށްކަމަށެވެ. ރަމަޟާންމަހު މި މަސައްކަތް ކުރަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9.00 އިން މެންދުރު ފަހު 2.00 ޖަހަންދެންނެވެ.
..މާލޭގެ ކާނުތައް ސާފުކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތުން، މަޖީދީމަގުގެ ދެފަޅީގައިވާ ކާނުތައް އޮލިމްޕަހުން ފެށިގެން ހުޅަނގަށް، ރަސްފަންނާ ހަމައަށް ސާފުކޮށް ނިންމާލައިފި. pic.twitter.com/LChXKqwTly
— Ministry of Cities, Local Government, Public Works (@MoCLPmv) March 21, 2025
ކާނުތައް ސާފުކުރުމުގެ މަސައްކަތް ނިމޭއިރު ވާރޭވެހި މާލޭގައި ފެންބޮޑުވާ މައްސަލައަށް ކޮންމެވެސްވަރެއްގެ ހައްލެއް ލިބޭނެ ކަމަށާއި، މިމަސައްކަތް 6 މަސް ދުވަސްތެރޭ ނިންމާލެވޭނެކަމަށްވެސް އެ ވުޒާރާއިން މީގެކުރިން ވަނީ ވިދާޅުވެފައެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަކީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ފެންބޮޑުވުމަށް ދިމާވާ މައިގަނޑު އެއް ސަބަބަކީ ކާނުތައް ބެދި ފެން ނުހިނދުމެވެ. ކުނިބުނީގެ ސަބަބުން ގިނަ މަގުތަކުގެ ކާނުތައް ފުރިބާރުވެފައިވާތަން ކާނުތައް ސާފްކުރަމުން އަންނައިރު ދަނީ ފެންނަމުންނެވެ.
ވާރޭވެހި ފެންބޮޑުވާ ކޮންމެ ފަހަރަކު މައްސަލަ ހައްލުކުރަނީ ސިފައިންނާއި ފުލުހުންނާއި ސިޓީތަކާ ބެހޭ ވުޒާރާގެ އާންމު މަސައްކަތްތަކާ ބެހޭ ޔުނިޓުގެ މުވައްޒަފުން ނިކުމެ ފެން ހިންދުމުގެ މަސައްކަތް ކޮށްގެންނެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުން ހިމެނޭހެން މަގުތަކުގެ ހުރިހާ މައްސަލައެއް ހައްލުވާނެގޮތަށް ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރު ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި މަސައްކަތް ކުރަނީ ޗައިނާގެ ކުންފުންޏަކުންނެވެ.