ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ކަނޑު އުޅަނދުފަހަރު ނަގިލިލާފައި ނުވަތަ ޖެޓީގައި އޮންނަ ވަގުތުތަކުގައި އެ އުޅަނދެއް ބެލެހެއްޓުމަށްޓަކައިސަލާމަތާ ރައްކާތެރިކަމުގެ ގޮތުން އެކަށީގެންވާ އަދަދަށް ފަޅުވެރިން ތިބުމަކީ ލާޒިމްކަމެއްކަމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއިބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއިބެހޭ ވުޒާރާއިން ވިދާޅުވީ މިގޮތަށް ނިންމާފައިވަނީ މިހާރަކަށްއައިސް ކަނޑު އުޅަނދުފަހަރު ފަޅުތެރޭގައާއި ކަނޑުގެ ސަރަހައްދުގައި ނަގިލި ލުމަށްފަހު އުޅަނދު ބެލެހެއްޓުމަށްޓަކައި އެއްވެސް ފަޅުވެރިއެއް އުޅަނދުގައި ނެތި އުޅަނދު ދޫކޮށްލާފައި ދިއުމުގެ ސަބަބުން ތަފާތު ނުރައްކާތެރި ހާދިސާތައް ދިމާވެ މީހުންގެ މުދަލަށް ގެއްލުން ވަމުންދާކަން ފާހަގަކުރެވިފައިވާތީކަމަށެވެ.
މިގޮތަށް ނަގިލި ލާފައި އުޅަނދު ބެލެހެއްޓުމަށްޓަކައި ބޭނުންވާ އަދަދަށް އެ އުޅަނދުގައި ފަޅުވެރިން ނެތްނަމަ އެ އުޅަނދުގެ ވެރިފަރާތަކާމެދު "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު" ގެ 44 ވަނަ މާއްދާގެ "ފ" ގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި ޤަވާއިދަށް ޢަމަލުކުރަން ފެށުމުން ކަނޑުގެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުވެގެންދާނެ ކަމަށާއި އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެކަމަށް ދަތުރުފަތުރާބެހޭ ވުޒާރާއިން ދެކެއެވެ. މީގެ އިތުރުން، ފަޅުވެރިން އުޅަނދުގައި ތިބުމުން އުޅަނދުފަހަރަށާއި އެހެނިހެން މުދަލަށް ލިބޭ ގެއްލުން މަދުވާނެކަންވެސް އެވުޒާރާއިން ފާހަގަކުރެއެވެ.