ނިމުނު ހަފުތާއަކީވެސް ސިޔާސީ އިޤުތިޞާދީ އަދި އެހެނިހެން ދާއިރާތަކުންވެސް ފާހަގަކުރެވޭ ކަންތައްތަކެއް ރާއްޖޭގައި ހިނގައިދިޔަ ހަފްތާއެކެވެ. އެ ގޮތުން ޓޫރިޒަމާ ބެހޭ ޤާނުނުގެ ދަށުން ޓޫރިޒަމް ޓްރަސްޓް ފަންޑް އުފައްދަން ހުށަހެޅި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރެއްވީ ނިމުނު ހަފުތާގެ ބުދަ ދުވަހުއެވެ. އިސްލާޙު ގެނެސްފައިވަނީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނަށެވެ.
ހަމައެއާއެކު 1988 ވަނަ އަހަރު ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާގައި ޝަހީދުވި ސިފައިންގެ ޢާއިލާތަކަށްދޭ އިނާޔަތް ބޮޑުކޮށް، އެކަމާ ބެހޭ އުސޫލު ދިފާޢީ ވުޒާރާއިން އާންމުކުރައްވާފައިވަނީވެސް ނިމުނު ހަފުތާގައެވެ. މި އިނާޔަތް ބޮޑުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެކެވެ.
މީގެ އިތުރުން ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ހިމެނޭ ހުރިހާ ދުވަހަކީ، ރަސްމީ ބަންދު ދުވަސްތަކެއްކަމުގައި ބަލައިގެން، މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ ޢިނާޔަތް ދޭންޖެހޭގޮތަށް ދައުލަތުގެ ޕޭ ފްރޭމްވަރކް އިޞްލާޙުކޮށް އަމަލުކުރަން ފަށައިފާވަނީ ނިމުނު ބުރާސްފަތި ދުވަހުއެވެ.
ނިމުނު ހަފުތާގައިވެސް ސިޔާސީ ގޮތުން ފާހަގަކޮށްލެވޭ ޚަބަރުތަކެއް ފާހަގަކުރެވުނެވެ. އެ ގޮތުން ނިމުނު ހަފުތާ ފާހަގަކޮށްލެވެނީ ސަރުކާރާއި ދައުލަތުގެ ބައެއް މަޤާމުތަކަށް ބަދަލު އައި ހަފުތާއެއްގެ ގޮތުގައެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އަލްއުސްތާޛު ހުސެއިން ޝަހީދު އައްޔަނުކުރެއްވީ ނިމުނު ހަފުތާގައެވެ. އަދި ޕެންޝަން އޮފީހުގެ ބޯޑަށް އަހުމަދު ސަރުވަޝް އާދަމާއި އަބްދުލް މާޖިދު އަލީ އައްޔަންކުރައްވާފައިވަނީ ނިމުނު ހޮނިހިރު ދުވަހުއެވެ. އަދި ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރުގެ އެޑްވައިޒަރަކަށް ކުރީގެ މާލެ ސިޓީ ކައުންސިލްގެ ޑެޕިޔުޓީ މޭޔަރ އަޙްމަދު ނަރީޝް އައްޔަންކުރެއްވީވެސް ނިމުނު ހަފުތާގައެވެ. އަދި އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން ފިފްޝީން ވަކިކުރައްވާފައިވަނީވެސް ނިމުނު ހަފުތާގައެވެ.
ނިމުނު ހަފުތާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޙިކުމާ އަޙްމަދު ނިޒާރު، އައްޔަންކުރައްވާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. އަދި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމުން އަަޙްމަދު އިމާދު އިސްތިއުފާދެއްވާފައިވަނީވެސް ނިމުނު ހަފުތާގައެވެ. އޭނާ އިސްތިއުފާދެއްވީ އެ މަޤާމުން އޭނާ ވަކިކުރުމަށް މަޖިލީހަށް ހުށައަޅާފައި ވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ބަލާލާއިރު، ފުލުހުންގެ ބޯޑަށް މުޙައްމަދު ޞާދިގާއި އަޙްމަދު މިޒްމާދު އައްޔަންކުރުމަށް މަޖިލީހުން ފާސްކުރީ ނިމުނު ހަފުތާގެ ހޯމަ ދުވަހުއެވެ.
އިޤުތިޞާދާއި ވަޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، އިންޑިއާއާއި ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގައި ދެ ޤައުމުގެ ފައިސާ ބޭނުންކުރުމުގެ ހުއްދަ އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާއިން ދެއްވާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށްވެސް އާސަންދައިގެ ދަށުން އައުޓް ޕޭޝަންޓް ޚިދުމަތް ލިބޭނެ އިންތިޒާމު އާސަންދަ ކުންފުނިން ހަމަޖައްސަވާފައިވަނީ ނިމުނު ހަފުތާގައެވެ. މިގޮތަށް ހަމަޖައްސަވާފައި މިވަނީ ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށް އާސަންދަ ނުލިބޭގޮތަށް އުޞޫލު ބަދަލުކޮށްފައި ވަނިކޮށެވެ.
އަދި ތިލަފުށީގައި ކުނިން ހަކަތަ އުފައްދާ ނިޒާމު އަންނަ އަހަރު އޮޕަރޭޝަނަށް ގެނެވޭނެކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު އިބްރާހިމް ޠާރިޤު ވިދާޅުވީވެސް ނިމުނު ހަފުތާގައެވެ. އަދި 55 ރަށުގައި އަޅާ ކައުންސިލް އިމާރާތްތަކުގެ މަސައްކަތް ބެލުމަށް ކޮންމެ ރަށަކުންވެސް ކޮމިޓީއެއް އެކުލަވާލައްވާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާއިން ހާމަކުރެއްވީ ނިމުނު ބުރާސްފަތި ދުވަހުއެވެ.
ހަމައެއާއެކު ފޯކައިދޫ އިސްލާމީ މަރުކަޒު ހިމެނޭހެން 12 ރަށެއްގެ މިސްކިތާއި ދެ ރަށެއްގެ ޤުރުއާނާ ބެހޭ މަރުކަޒު އެޅުމަށް އެކި ކުންފުނިތަކާ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހަވާލުކުރައްވާފައިވަނީވެސް ނިމުނު ހަފުތާގައެވެ. އަދި ޙައްޖުގެ އަޅުކަން އަދާނުކޮށް ތިބި މީހުންނަށް އިސްކަންދޭގޮތަށް ޙައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލުވެސް ނިމުނު ހަފުތާގައި އިސްލާޙުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ޝަރުޢީ އުސޫލުތަކާ އެއްގޮތަށް ނަގުދު ފައިސާ ވަޤުފު ކުރެވޭނެ ނިޒާމެއް ނިމުނު ހަފުތާގައި ޤާއިމްކުރައްވާފާވާއިރު، އަސާސީ ބޭސް "ސޯސް"ކުރުމުގެ މަސައްކަތް އެސްޓީއޯއިން ފުރިހަމަކޮށްފައިވަނީވެސް ނިމުނު ހަފުތާގައެވެ. ސަރުކާރުގެ އަމާޒަކީ އަންނަ މެއި މަހުގެ 15 ވަނަ ދުވަހުގެ ކުރިން އަސާސީ ބޭސް ދަތިކަމެއް ނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.
ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިސްނެންގެވުމުގެ ދަށުން ފެށްޓެވި އެއަރ އެމްބިއުލާންސްގެ ޚިދުމަތަށް މިވީ އަހަރު ދުވަހުގެ ތެރޭގައި ބަލި މީހުން އުފުލުމަށް 787 ދަތުރުކޮށްފައިވާކަން ހާމަކޮށްފައިވަނީވެސް ނިމުނު ހަފުތާގައެވެ. އަދި އެސްއީޒެޑް މަޝްރޫޢުގެ ދަށުން ނ. އަތޮޅުގައި ގެދޮރުވެރިކަމުގެ ޚާއްސަ މަޝްރޫޢެއް ހިންގުމަށް ބޯޑް އޮފް އިންވެސްޓްމަންޓުން މިދިޔަ ހަފުތާގައި ހުއްދަ ދެއްވާފައިވެއެވެ.
މި ޚަބަރުތަކާއެކު ނިމުނު ހަފުތާގައިވެސް ސިޔާސީ އިޤުތިޞާދީ އަދި އެހެނިހެން ދާއިރާތަކުން އެކިއެކި ކަންކަން ހިނގައިދިޔަކަން ފާހަގަކޮށްލެވެއެވެ. ޚާއްސަކޮށް ސަރުކާރުގެ ބައެއް މަޤާމުތަކަށް ބަދަލު އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ.