ޚަބަރު

ފަހު ވަގުތު މެރީނޯ ޖެހި ލަނޑުން ސްޕެއިން އެއްވަރުވެއްޖެ


ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ ސްޕެއިން އާއި ނެދަލަންޑްސް ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

ނެދަލޭންޑްސްގެ ދަނޑުގައި ކުޅުނު މި މެޗުގެ 9 ވަނަ މިނިޓުގައި ޕެޑްރީ ދިން ބޯޅައަކުން ނިކޯ ވިލިއަމްސް ވަނީ ލަނޑެއް ޖަހާ ސްޕެއިން އަށް ކުރި ހޯދަދީފަ އެވެ. ވިލިއަމްސް މި ލަނޑު ޖަހާފައިވަނީ ނެދަލޭންޑްސްގެ ޑިފެންޑަރ ޖޮރެލް ހަޓޯ އަތުން ބޯޅަ ގެއްލުނު ވަގުތު ލިބުނު ބޯޅަ އަކުންނެވެ.

ނަމަވެސް މެޗުގެ 28 ވަނަ މިނިޓުގައި ނެދަލޭންޑްސްގެ ކޯޑީ ގެކްޕޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. ލިވަޕޫލްގެ ފޯވަޑް, ގެކްޕޯ މި ލަނޑު ޖަހާފައިވަނީ ޖަސްޓިން ކްލައިވަޓް ދިން ބޯޅަ އަކުންނެވެ.

އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފުރަތަމަ މިނިޓުގެ ތެރޭގައި ނެދަލޭންޑްސްގެ ތިޖާނީ ރެއިންޑާސް ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ފުރަތަމަ ފަހަރަށް ނެދަލޭންޑްސް އަށް ކުރި ހޯދަދީފަ އެވެ.

ނޭޝަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންގެ ކޯޗު ލުއިސް ޑެލަފުއެންޓޭ ވަނީ މި ލަނޑަށްފަހު އެ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އަލްވާރޯ މޮރާޓާ އާއި ލަމީން ޔަމާލްގެ ބަދަލުގައި އަޔޯޒް ޕެރޭޒް އާއި މިކޭލް އޮޔަރްޒަބާލް ވަނީ ކުޅެން އަރުވާފަ އެވެ. އަދި މެޗުގެ 84 ވަނަ މިނިޓުގައި އޭނާ ވަނީ ފަބިއަން ރުއިޒްގެ ބަދަލުގައި މިކޭލް މެރީނޯ ކުޅެން އަރުވާފަ އެވެ.

ސްޕެއިން އަށް މި މެޗުގައި ހިތް ހިތްވަރެއް ލިބިގެންދިޔައީ މެޗުގެ 81 ވަނަ މިނިޓުގައި ނެދަލޭންޑްސްގެ ޖޮރެލް ހަޓޯ އަށް ރެފްރީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެން އެ ޓީމުން އެއް ކުޅުންތެރިއަކު މަދުވުމުންނެވެ.

މި މެޗުގެ ނަތީޖާ ސްޕެއިން އަށް އެއްވަރު ކޮށްދިން ލަނޑު މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މިކޭލް މެރީނޯ އެވެ.

މި ނަތީޖާ އާއިއެކު ސްޕެއިން އިން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑް ވަނީ 17 މެޗަށް އަރާފަ އެވެ. އެ ޓީމު އެންމެ ފަހުން ބަލިވެފައިވަނީ މިދިޔަ އަހަރުގެ މާޗު މަހު ކޮލަމްބިއާ އާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި 1-0 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ލެގުގައި މި ދެ ޓީމު އަންނަ އާދީއްތަ ދުވަހު ބައްދަލުކުރާނީ ސްޕެއިންގެ ވެލެންސިއާގައެވެ. އަދި މި މެޗުން މޮޅުވާ ބައެއް ސެމީ ފައިނަލުގައި ޖެހޭނީ ކްރޮއޭޝިއާ އާއި ފްރާންސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.